English Edition
Dhivehi Edition
މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ތާރިގް އިބްރާހީމް

ގައުމީ ތަރައްގީގެ ސިޔާސަތުތައް ކަނޑައެޅުމުގައި ގުދުރަތީ ރައުސްމާލު ހިސާބުކިތާބުކުރުން ބޭނުންކުރެވޭނެ ގޮތްތަކާއި މިކަމުގެ ފައިދާތަކާ ބެހޭގޮތުން ސަރުކާރުގެ ސިޔާސަތު ކަނޑައަޅާ ފަރާތްތަކަށް އަމާޒުކޮށްގެން މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްގެ ފަރާތުން ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުވުމުގައި މިނިސްޓާ ތާރިގް އިބްރާހިމް ވިދާޅުވީ ދިވެހިރާއްޖޭގެ ގުދުރަތީ ވަސީލަތްތަކަކީ ގައުމުގެ އިގްތިސާދީ ކުރިއެރުމަށް ވަރަށް މުހިންމު ދައުރެއް އަދާކުރާ އަގުހުރި ވަސީލަތްތަކެއް ކަމަށެވެ. އަދި މި ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ވެސް ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި ބައިވެރިވި ސަރުކާރުގެ އިސް ފަރާތްތަކަށް، ގުދުރަތީ ރައުސްމާލު ހިސާބުކިތާބުކުރުމުގެ މުހިންމުކަމާއި، މިކަމުން ލިބޭނެ ފައިދާތަކާ ބެހޭ ގޮތުން މަޢުލޫމާތު ދެވުނެވެ. މީގެ ތެރޭގައި ގައުމުގެ ތިމާވެށި ރައްކާތެރިކުރުމާއި، އިގްތިސާދީ ކުރިއެރުން ހޯދުމުގައި ގުދުރަތީ ވަސީލަތްތަކުގެ މުހިންމުކަން ފާހަގަކުރެވުނެވެ.

މި ސަރުކާރުން ތިމާވެށި ރައްކާތެރިކުރުމަށް ދެއްވާ އިސްކަމުގެ ދަށުން، މި ބައްދަލުވުން ބޭއްވުނީ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. އަދި ކުރިއަށް އޮތް ތަނުގައި މިފަދަ ބައްދަލުވުންތައް އިތުރަށް ބާއްވައި، ގުދުރަތީ ރައުސްމާލު ހިސާބުކިތާބުކުރުމުގެ މުހިންމުކަން އާންމުންނަށް އަންގައިދިނުމަށް ރާވާފައިވާ ކަމަށްވެސް މިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ.

މި ބައްދަލުވުމަކީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށާއި، ދެމެހެއްޓެނިވި ތަރައްޤީ ހޯދުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ތިމާވެށީގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ފާހަގަކޮށްފައިވެއެވެ.