English Edition
Dhivehi Edition

މިދިޔަ އެޕްރީލް މަހުގެ 18 ވަނަ ދުވަހު ހ. މިޓާޒްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދުއާ އެއްކޮށް ހާދިސާ ހިނގި ވަގުތު ހުރި، ގ. އެރިޔަދޫ، ރައުދު ބަންދުން ދޫކުރީތާ ގިނަ އިރުތަކެއް ނުވަނީސް އަނެއްކާވެސް ހައްޔަރުކޮށްފި އެވެ.

ބަންދުގައި ގިނަ ދުވަސްތަކެއްގައި ބެހެއްޓުމަށް ފަހު ރައުދު މިއަދު ހެނދުނު ބަންދުން ދޫކޮށްލީ އޭނާގެ ބަންދަށް އެންމެ ފަހުން ކްރިމިނަލް ކޯޓުން ޖަހާފައިވާ 20 ދުވަސް ހަމަނުވަނީހެވެ. އަދި މިއަދުގެ ވަގުތެއްގައި އަނެއްކާ ހައްޔަރުކޮށްފައިވަނީ ކްރިމިނަލް ކޯޓުން މިއަދު ނެރުނު އާ އަމުރެއްގެ ދަށުންނެވެ.

މި ކަމާ ގުޅިގެން ފުލުހުން ބުނީ، ރައުދު ފުރިހަމަ ކުރަންޖެހޭ އިޖުރާއަތުތަކެއް ހުރުމުން، މިއަދު ބަންދުން ދޫކޮށްލުމަށްފަހު، އާ ކޯޓު އަމުރެއްގެ ދަށުން އަލުން މިއަދު ހައްޔަރުކުރީ ކަމަށެވެ.

ކްރިމިނަލް ކޯޓުން ކުރި ބަންދު އަމުރު އިސްތިއުނާފުކޮށް، ރައުދު ވަނީ ބަންދުން ދޫކޮށްލަން އެދި ހައި ކޯޓަށް މައްސަލަ ހުށަހަޅައިފައެވެ.

އެ މައްސަލައިގައި މިއަދު ހައިކޯޓުން ދައުވާ ފޯމު ބާތިލުކޮށް، ނިންމި ނިންމުމުގައި ވަނީ އިސްތިއުނާފު މައްސަލަ ބެލުމަށް ހަމަޖެހިފައި ވަނިކޮށް، ފުލުހުންގެ ބަންދުގައި ހުރި ރައުދު މިއަދު ހެނދުނު ބަންދުން ދޫކޮށްފައިވާ ކަމަށެވެ.

އެހެންވެ، އިސްތިއުނާފު ބާތިލުކުރުމަށް އެދި ރައުދު ހުށަހަޅާފައިވުމުން، މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާގުން، މައްސަލަ ބާތިލުކުރެއްވީއެވެ.

ރައުދު، ގެ ބަންދުގެ މުއްދަތު ހަ ފަހަރަށް އިތުރުކޮށްފައިވެއެވެ. އެންމެ ފުރަތަމަ ފަހަރު ފަސް ދުވަހަށް އަދި ދެވަނަ ފަހަރު 10 ދުވަހަށް ބަންދުކުރި އިރު އޭގެ ފަހުން ފަސް ދުވަސް ބަންދަށް ޖެހިއެވެ. އަދި އެންމެ ފަހުން ރައުދުގެ ބަންދަށް ދީފައި އޮތީ 20 ދުވަހެވެ.

އެ މައްސަލައިގެ ރިޔާސަތުގައި ހުންނެވީ ފަނޑިޔާރު މުހައްމަދު ފައިސަލް އެވެ. އިތުރަށް ތިއްބެވީ ފަނޑިޔާރު ފާތިމަތު ފަރުހީޒާއާއި ފަނޑިޔާރު ދީބާނާޒް ފަހުމީއެވެ.

ފުލުހުން އެދިގެން، ރައުދުގެ ކްރިމިނަލް ކޯޓުގެ ބަންދު އަމުރުތައް ވަނީ ސިއްރުކޮށްފައެވެ. އެހެންވެ އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް މިހާތަނަށް ސާފުވެފައި ނުވެއެވެ.

ފުލުހުންވަނީ ޔުމްނު ވެއްޓުނީ އަމިއްލައަށް ކަމަށް ބުނެފައެވެ.