ޅ. ގާއެރިފަޅު ކައިރިއަށް ފީނަން ނުކުމެ އުޅުނު ބަޔަކު ތިބި ޑިންގީއެއްގައި ލޯންޗެއް ޖެހި ފަސް މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުންގެ މީޑިއާއަށް ފޮނުވި މެސެޖުގައި ބުނީ މި ހާދިސާގެ މައުލޫމާތު ރޭ 12:33 ހާއިރު ރިޕޯޓު ކޮށްފައި ވާކަމަށެވެ.މި އެކްސިޑެންޓްގައި، ޑިންގީގައި ތިބި ދިވެހި ފަސް ފިރިހެނުންނަށް އެކި ވަރުގެ އަނިޔާވެފައި ވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އޭގެ ތެރެއިން އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި މީހުންނަށް ފަރުވާ ދެމުން ދަނީ ޅ. އަތޮޅު ހޮސްޕިޓަލުގައެވެ. އަދި މި އެކްސިޑެންޓްގައި ޑިންގީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ކަނޑުމަތީގައި ހިނގާ މިފަދަ ހާދިސާތައް އިތުރުވަމުން އަންނައިރު ދާދި ފަހުން ފީނަން އުޅުނު މީހެއްގެ ގައިގައި ލޯންޗަކުން ޖެހި އެމީހާއަށް ބޮޑެތި އަނިޔާތަކެއް ވަނީ ލިބިފައެވެ.