ދުންފަތާ ދެކޮޅަށް ކުރައްވާ މަސައްކަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ ޑިރެކްޓަ ޖެނެރަލް ދެއްވާ ހާއްސަ އެވޯޑެއް ރައީސް ޑރ. މުހައްމަދު މުއިއްޒަށް އަރުވައިފިއެވެ.
ދުންފަތް ކޮންޓްރޯލް ކުރުމަށްޓަކައި ކުރާ މަސައްކަތުގެ އަގު ވަޒަންކުރުމަށް ވަކިވަކި ފަރުދުންނާއި ޖަމިއްޔާތަކަށް ޑަބްލިއުއެޗްއޯއިން ކޮންމެ އަހަރަކު ވެސް އެވޯޑު ދެއެވެ. މީގެ ތެރޭގައި ޑަބްލިއުއެޗުއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޮސް އަދަނަމް ގެބްރިއޭސުސް ދެއްވާ ޚާއްސަ ރިކޮގްނިޝަން އެވޯޑްތަކާއި، ވޯލްޑް ނޯ ޓޮބެކޯ ޑޭ އެވޯޑްތައް ހިމެނެއެވެ. މިގޮތުން މިއަހަރު ދިން އެވޯޑްތަކުގެ އިތުރަށް ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލްގެ ޚާއްސަ ރިކޮގްނިޝަން ސެޓްފިކެޓްވެސް ވަނީ ހިމަނާފައެވެ.
ޑަބްލިއުއެޗްއޯ އިން ބުނި ގޮތުގައި ރައީސަށް މި އެވޯޑް އެރުވީ ރާއްޖޭގައި ދުންފަތް ކޮންޓްރޯލް ކުރުމަށާއި އެ ސިޔާސަތުތަކުގެ ސަބަބުން މީހުން ދުންފަތުން ސަލާމަތްކުރެވި، ސިއްހަތު ރަނގަޅު ޖީލެއް ބިނާކުރެވޭނެތީ، އެކަމުގެ އަގު ވަޒަންކުރުމުގެ ގޮތުންނެވެ. ދެން މި އެވޯޑް ލިބިވަޑައިގަތީ މޮރިޝަސްގެ ހެލްތު އެންޑް ވެލްނެސް މިނިސްޓްރީއަށެވެ.
ރައީސް ވަނީ ދުންފަތާ ދެކޮޅަށް ހަރުކަށި ގިނަ ފިޔަވަޅުތަކެއް އަޅުއްވައިފައެވެ. އެގޮތުން، ރާއްޖޭގައި ވޭޕް ބުއިމާއި ވިއްކުން އެއްކޮށް ވަނީ މަނާކޮށްފަ އެވެ. އަދި، ސިނގިރޭޓްގެ ޑިއުޓީ ވެސް ވަނީ ބޮޑުކޮށްފައެވެ. އަދި 01 ޖަނަވަރީ 2007 އިން ފެށިގެން އުފަންވެފައިވާ އަދި އެ ތާރީޚުގެ ފަހުން އުފަންވާ ހުރިހާ ކުދިން ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމަށްވެސް ވަނީ ނިންމާފައެވެ.