English Edition
Dhivehi Edition
އައްޑޫ އިކުއަޓޯރިއަލް ހޮސްޕިތަލްގެ ނަރުހުންތަކެއް ޚިދުމަތުގައި: ފޮޓޯ އޭއީއެޗް

ކޮންމެ ދުވަހަކު އެތައް ބަޔަކަށް އޯގާތެރިވުމުގައި، ހިނިތުންވުމާއި އެކު ނަރުހުން ކުރަނީ، މުޅި ޤައުމު ފަޚުރުވެރިވާ މަސައްކަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ބައިނަލްއަޤްވާމީގޮތުން ފާހަގަކުރާ ނަރުހުންގެ ދުވަހުގެ މުނާސަބަތުގައި މިއަދު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

“ފަރުވާ ދިނުމަށް ހަސްފަތާލުތަކުން މަރްޙަބާ ކިޔަނީ، އަދި ބަލި ފަސޭހަވެ އެނބުރި ދިއުމާއި ހަމަޔަށް ޚިދުމަތުގައި ދެމި ތިބެނީ މުރާލި ނަރުހުން. ކޮންމެ ދުވަހަކު އެތައް ބަޔަކަށް އޯގާތެރިވުމުގައި، ހިނިތުންވުމާއި އެކު ތިޔަ ކުރަނީ، މުޅި ޤައުމު ފަޚުރުވެރިވާ މަސައްކަތެއް. ‏ދިވެހި ނަރުހުންނަށް އިތުރު ކުރިއެރުމާއި ކާމިޔާބީ އެދެމުން، މި އުފާވެރި ދުވަހުގެ ހެޔޮ އެދުންތައް އަރިސްކުރަން” ރައީސްގެ ޕޯސްޓްގައި ވިދާޅުވެފައިވެއެވެ.

ބައިނަލްއަޤްވާމީ ނަރުހުންގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް މޭ މަހުގެ 12 ވަނަ ދުވަހުއެވެ. މިދުވަސް ފާހަގަކުރަނީ
އިންސާނިއްޔަތަށްޓަކާ ނަރުހުންވަމުންދާ ޤުރުބާނީއާއި އެމީހުންގެ ޚިދުމަތް ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށް އަގުވަޒަންކުރުމަށެވެ.

މިއަހަރުގެ ބައިނަލްއަޤްވާމީ ނަރުހުންގެ ދުވަހަށް އިންޓަރނޭޝަނަލް ކައުންސިލް އޮފް ނރސެސްއިން ކަނޑައަޅާފައިވާ ޝިއާރަކީ “އަވަރ ނަރސެސް، އަވަރ ފިއުޗަރ. ކެއަރިން ފޮރ ނަރސަސް ސްޓްރެންތެން އިކޮނޮމީސް.” މި ޝިއާރެވެ.

މި ޝިއާރުގެ މަޤުޞަދަކީ، ނަރުހުން ކުރަމުންދާ ބުރަ މަސައްކަތް ބަލައިގަނެ، ކުރިމަގަށް ވަރުގަދަ އިޤްތިޞާދެއް ބިނާކުރުމަށްޓަކާ ނަރުހުންނަށް ފަހި ގޮތްތަކެއް ހޯދައިދިނުމުގެ މުހިންމުކަމެވެ.