English Edition
Dhivehi Edition
އައްސާން މައުމޫނު

އިންޑިއާ އާ އެކު ހަދާފައިވާ އެއްބަސްވުންތައް ހާމަނުކުރެވި އޮތީ އެ ގައުމުގެ ހުއްދަނެތި ހާމަނުކުރެވޭނެ ފަދަ މައުލޫމާތު ހުރުމުން ކަމަށް، ޑިފެންސް މިނިސްޓަރު މުހައްމަދު އައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެއްބަސްވުންތައް އާންމުނުކުރާ ސަބަބާ ގުޅޭގޮތުން ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، އެއްބަސްވުންތައް ހާމަނުކުރެވެނީ ދިވެހި ދައުލަތާއި އިންޑިއާ އާ ދެމެދު ސޮއިކުރެވިފައިވާ އެއްބަސްވުންތަކުގެ ތެރޭގައި ‘ކޮންފިޑެންޝަލިޓީ ކްލޯޒް’ތަކެއް ހުރުމުން ކަމަށެވެ. 1965 ވަނަ އަހަރު ރާއްޖެ މިނިވަންވުމަށް ފަހު އިންޑިއާ އާ އެކު ހަދާފައިވާ 100 އަށް ވުރެ ގިނަ އެއްބަސްވުންތަކުގެ ތެރެއިން ޑިފެންސް މިނިސްޓްރީން ޒިންމާވާން ޖެހެނީ ހަތަރު އެއްބަސްވުމަކަށް ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ދެ ގައުމުގެ ދެމެދު އޮތް ގުޅުމުގެ ތެރެއިން ރާއްޖޭގެ މިނިވަންކަމަށާއި އިސްތިގުލާލަށާއި ސިޔާދަތަށް އުނިކަމެއް ނާންނާނެ ގޮތަށް އެއްބަސްވުންތައް ބަދަލުކުރުމުގެ މަސައްކަތް ކުރެވެމުން ދާ ކަމަށެވެ. ހަމަ އެހެންމެ އެއްބަސްވުންތަކާ ގުޅޭގޮތުން ދެވެން ހުރި މައުލޫމާތު ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ އާ ހިއްސާކުރައްވާނެ ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.