English Edition
Dhivehi Edition
ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރު - ފޮޓޯ/ ފުލުހުން

މަސްތުގެ ހާލަތުގައި ހުރެ ބިރުވެރިކަން އުފެދޭ ގޮތަށް ނުރައްކާތެރިކޮށް ޓެކްސީއެއް ދުއްވި މީހަކު ހައްޔަރުކޮށްފިއެވެ

އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ހުޅުމާލެ ފުލެޓް ނަންބަރު 07-1-4، އުމުރުން 23 އަހަރުގެ މުހައްމަދު މާއިސްއެވެ.

ފުލުހުން ބުނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލޭ ހައިވޭގައި ހެޑްލައިޓް ނުދިއްލާ، ހަތަރު ސިގްނަލް ޖައްސައިގެން ނުރައްކާތެރިކޮށް ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ކާރެއް ފުލުހުންގެ އެންގުމުން ވެސް މަޑުނުކޮށް ދިޔަ ކަމަށެވެ. އަދި އެ ކާރު ހޯދުމަށް ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ފުލުހުން ޕެޓްރޯލް ކުރި ކަމަށް ފުލުހުން ބުންޏެވެ.

އެ ކާރު ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން ގެންދަނިކޮށް، ހުޅުމާލޭ ހައިވަކަރު މަގުން ޓްރީޓޮޕް ހޮސްޕިޓަލާ ދިމާލަށް އެ ކާރު ދަތުރު ކުރަމުން ދަނިކޮށް ފުލުހުން މަޑުކުރަން އެންގުމުން ވެސް މަޑުނުކޮށް ދުއްވާފައި ދިޔަ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ އެންމެ ފަހުން އެ ކާރު ހުއްޓުނީ ރަބަރުގަސް މަގުގެ ފްލެޓް ނަމްބަރު 97 ކައިރީގައި ކަމަށެވެ.

އެ ކާރު ހުއްޓުވިއިރު، ކާރުގެ ކަނާތްފަރާތު ފަހަތު ފުރޮޅުގެ ޓަޔަރު ނެތް ކަމަށާއި އަދި އެ ޓަޔަރު ފެނިފައިވަނީ 103 ނަމްބަރު ފްލެޓް ކައިރިން ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ. އަދި ކާރަށް ވެސް އެކި ވަރުގެ ގެއްލުންތައް ލިިބިފައި ހުރި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށްފަހު ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ވަނީ ތިން ދުވަސް ޖަހައިފައެވެ.

މި މައްސަލައާ ގުޅިގެން ކާރު ޓޯކޮށް މައްސަލަ ދަނީ ތަހުގީގު ކުރަމުންނެވެ.