English Edition
Dhivehi Edition
ފޮޓޯ: ސޯޝަލްމީޑިއާ

ޔުމްނު އަށް އިންސާފު ހޯދުމަށް ގޮވާލާ މާލޭގައި ޒުވާނުން ސިލްސިލާކޮށް ބާއްވަމުންދާ މުޒާހަރާއިން ރޭ ހައްޔަރުކުރި ދެ މީހުންގެ ބަންދަށް ތިން ދުވަސް ޖަހައިފިއެވެ.

ރޭގެ މުޒާހަރާ ރޫޅާލުމަށްފަހު ހައްޔަރުކޮށްފައި ވަނީ އައިޝަތު ޝިމަން އަހުމަދާއި މި ސަރުކާރުގެ ޔޫތު މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ މަހުޒޫމް މާޖިދެވެ. ކްރިމިނަލް ކޯޓުން މި ދެ މީހުންގެ ބަންދަށް ތިން ދުވަސް ޖަހާފައިވާއިރު ހުޒޫމް ހައްޔަރުކުރީ ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި އަމުރަށް ނުކިޔަމަންތެރިވެ އަދި ފުލުހަކަށް ހަމަލާދޭން މަސައްކަތް ކުރިކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި ޝިމަން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ވާޖިބަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި ކަމަށް ވެސް ވަނީ ބުނެފައެވެ.

ރޭގެ އެއްވުން ރޫޅާލީ ކިޔަވާ ކުދިންގެ ތައުލީމީ މަސްލަހަތަށާއި އާންމުންގެ ދިރިއުޅުމަށް ކުރާ އަސަރުތަކަށް ރިއާޔަތްކޮށް ކަމަށް ފުލުހުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. މި މުޒާހަރާ ރޫޅާލުމަށް ޕެޕާ ސްޕޭރާ ޖަހާފައިވާއިރު ފުލުހުންނާއި މުޒާހަރާގެ ބައިވެރިންގެ މެދުގައި ވަނީ ބަހުގެ ހަމަލާތައް ބަދަލުކޮށް، ކުރިމަތިލުންތަކެއްވެސް ހިނގާފައެވެ.