އައްޑޫސިޓީ ގަންއިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ ޕްރޮޖެކްޓްގެ ސްކޯޕަށް ބަދަލު ގެންނަން ސަރުކާރުން ނިންމި ނިންމުން އަލުން މުރާޖައާ ކުރުމަށް އެދޭ ކަމަށް އައްްޑޫސިޓީ ކައުންސިލުން ބުނެފިއެވެ.
އައްޑޫ ގަން އެއާޕޯޓު ތަރައްގީ ކުރުމަށް މިހާރު ހިންގާ މަޝްރޫއުގެ ތެރޭގައި ހިމެނޭ މަގެއްގެ މަސައްކަތް އެ މަޝްރޫއު އިން އުނިކުރަން އަންގައި މަޝްރޫއުގެ ސްކޯޕަށް ބަދަލު ގެނައުމާއި ގުޅިގެން އައްޑޫސިޓީ ކައުންސިލުން ވަނީ އެކަމާއި ދެކޮޅަށް ނޫސް ބަޔާނެއް ނެރެފައެވެ.
ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސަރުކާރުގެ ވުޒާރާތަކުގެ މެދުގައި ސުލްޙަވެރިކަމާއެކު ވާހަކަދައްކައިގެން ހައްލު ކުރެވެން އޮތް ކުޑަ މައްސަލައެއް ހައްލު ނުކުރެވުމަކީ ނުހަނު ހިތާމަ ހުރި ކަމެއް ކަމަށެވެ.
“އިނިގރޭސިން އައްޑޫގައި ދިރިއުޅުނު ޒަމާނުއްސުރެ އައްޑޫގެ ގަމުގައި ހުރި ބައުވެ ވީރާނާވެފައިވާ އިމާރާތްތަކެއް ސަރުކާރުގެ ބޭނުމަށް ނުނެގި އޭގެ ސަބަބުން މުޅި ދައުލަތް އަމިއްލަ ކުންފުންޏެއްގެ ކުރިމައްޗަށް އާދޭސް ކުރަން ޖެހުމަކީ ނުހަނު ކަންބޮޑުވާނެ ޖެހޭ ކަމެއްގެ ގޮތުގައި ފާހަގަކުރަން” ކައުންސިލްގެ ބަޔާނުގައި ވެއެވެ.
ކައުންސިލާއި އައްޑޫ އެއާޕޯޓްސް ކުންފުންޏާ އެއްވެސް ވަރަކަށް މަޝްވަރާ ކުރުމެއް ނެތި މިފަދައިން މަޝްރޫއުގެ ސްކޯޕުން ބޮޑު ބައެއް އުނިކުރަން ނިންމި ނިންމުން މިއީ ލާމަރުކަޒީ ނިޒާމާ ބީރަށްޓެހި، މިނިވަން ދިމިގްރާތީ މުޖުތަމައުތަކުން އަމަލުކުރާާ އުސޫލުތަކާ ނުބައްދަލު އަދި މުޅި ދެކުނުގެ ރައްޔިތުންގެ ހައްގު ގެއްލޭ ގޮތަށް ނިންމާފައިވާ ނިންމުމެއްކަން ފާހަގަކޮށް އެ ކަންބޮޑުވުން ފާޅުކުރާ ކަމަށް ސިޓީ ކައުންސިލްގެ ބަޔާނުގައިވެ އެވެ.
އައްޑޫ ގަން އެއާޕޯޓު ތަރައްގީ ކުރުމަށް މިހާރު ހިންގާ މަޝްރޫއުގެ ތެރޭގައި ހިމެނޭ މަގެއްގެ މަސައްކަތް އެ މަޝްރޫއު އިން އުނިކުރަން އެންގީ އެ މަގު ހަދަންޖެހޭ ސަރަހައްދުގައި ހުރި އިމާރާތެއް ހުސް ނުކުރެވި އޭގެ ސަބަބުން މަޝްރޫއު ލަސްވެ، ކޮންޓްރެކްޓަރަށް ބަދަލު ދޭންޖެހޭ ފަދަ ހާލަތެއް މެދުވެރިވެދާނެތީވެ ކަމަށް އިންފްރާސްޓްރަކްޗަރު މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވަނީ ވިދާޅުވެފައެވެ.
މި މައްސަލައާއި ގުޅިގެން މިނިސްޓަރު މުއްތަލިބު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ މަގުގެ މަސައްކަތް ކުރުމަށްޓަކައި އިމާރާތެއް ހުސްކުރަން ޖެހޭ ކަމަށާއި އެކަމަކު އެ އިމާރާތް ބޭނުންކުރާ ފަރާތުން އެކަމާ ދެކޮޅު ހެދުމުގެ ސަބަބުން މިދިޔަ ދެ އަހަރު ވެސް ކާމިޔާބެއް ނުވި ކަމަށެވެ.
މި އިމާރާތަކީ އަދި އިމާރާތް ހުރި ބިމަކީ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮންޕެނީގެ މިލްކެކެވެ. އެހެން ނަމަވެސް ދެ އަހަރެއްހާ ދުވަހު މަސައްކަތް ކޮށްގެން ވެސް އެ އިމާރާތް ބޭނުން ކުރަމުންދާ ފަރާތުން ތަން ހުސްކުރުމަށް ދެކޮޅު ހެދުމުގެ ސަބަބުން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮންޕެނީން އެ ބިން ކޮންޓްރެކްޓަރާ ވަނީ ހަވާލު ނުކުރެވި ކަމަށް މުއްތަލިބު ވިދާޅުވެފައިވެއެވެ،
“އެ އިމާރާތް ހިމެނޭ ބިން ހުސްނުކުރެވި މަގުގެ މަސައްކަތް މި ވަގުތު ކުރިއަށް ގެންދެވޭ ގޮތް ނުވެއްޖެ ނަމަ ބިން ލިބުނުހާ އަވަހަކަށް ވަކި މަޝްރޫއެއްގެ ގޮތުގައި އެ މަގުގެ މަސައްކަތް ކުރިއަށް ގެންދާނެ ” މިނިސްޓަރ ވިދާޅުވިއެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމަކީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙުގެ ވެރިކަމުގައި، 2023 ވަނަ އަހަރު ފެށި މަޝްރޫއެކެވެ. އިންޑިއާގެ ރެނާޓަސް ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށް ގެންދާ އެ މަޝްރޫއަށް 455.8 މިލިއަން ރުފިޔާ މަސައްކަތަށް ހޭދަވާނެ ކަމަށް އޭރު ވަނީ ބުނެފައެވެ.
މި މަޝްރޫއުގެ ދަށުން ޒަމާނީ ވަސީލަތްތަކާ އެކު ޓާމިނަލަކާއި، ކޯލްޑް ސްޓޯރޭޖަކާއެކު ކާގޯގެ ވަސީލަތްތަކާއި، އާ ކޮންޓްރޯލް ޓަވަރެއްގެ އިތުރުން ފަޔާ ސްޓޭޝަނަކާއި އެއާޕޯޓުގެ މަގުތަކާއި ޕާކިން ސަރަހައްދުތައް ވެސް ތަރައްގީކުރާނެއެވެ.