މަޝްހޫރު ފުޓްބޯޅަ ކޯޗު އިޙްސާން ޢަބްދުލްޣަނީ (ސާންތީ) ނިޔާވުމަކީ، ދިވެހި ކުޅިވަރުގެ ދާއިރާއަށް ލިބުނު ބޮޑު ހުސްކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ސާންތި ނިޔާވުމާގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ކުޅިވަރުގެ ރޮނގުން، ވަކީން ޚާއްޞަކޮށް ފުޓްބޯޅައިގައި ބައިނަލްއަޤްވާމީ އަދި ޤައުމީ ފެންވަރުގައިވެސް ދިވެހިރާއްޖެ ފަޚުރުވެރިވާ ޚިދުމަތްތަކެއް ޤައުމަށް ކޮށްދެއްވާފައިވާ މަޝްހޫރު ފުޓްބޯޅަ ކޯޗު އިޙްސާން ޢަބްދުލްޣަނީ އަވަހާރަވުމަކީ، ދިވެހި ކުޅިވަރުގެ ދާއިރާއަށް ލިބުނު ބޮޑު ހިތާމައެއް އަދި ހުސްކަމެއްކަމަށެވެ. އަދި ހިތާމައިގެ މިވަގުތު ކުޅިވަރުގެ ދާއިރާގެ ހުރިހާ ޚިދުމަތްތެރީންނަށް އަދި މަރުޙޫމްގެ ލޮބުވެތި ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ތަޢުޒިޔާ ދަންނަވާފައެވެ.
ކުޅިވަރަށް ގިނަ ޚިދުމަތްތަކެއް ކޮށްދީފައިވާ ސާންތިއަކީ ކްލަބް އީގަލްސަށް ވެސް ގިނަ ޚިދުމަތްތަކެއް ކުރި ކޯޗެކެވެ. އެންމެ ފަހުން ސާންތި ފެނިފައިވަނީ ވެސް މީގެ ދެ އަހަރެއްހައި ދުވަސްކުރިން ކްލަބް އީގަލްސްގެ ކޯޗުގެ ގޮތުގައެވެ.
ސާންތި ނިޔާވީ ޓްރީ ޓޮޕް ހޮސްޕިޓަލުގައި ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ރޭގެ ވަގުތެއްގައެވެ.
ކުޅިވަރަށް ގިނަ ޚިދުމަތްތަކެއް ކޮށްދީފައިވާ ސާންތިއަކީ ކްލަބް އީގަލްސަށް ވެސް ގިނަ ޚިދުމަތްތަކެއް ކުރި ކޯޗެކެވެ. އެންމެ ފަހުން ސާންތި ފެނިފައިވަނީ ވެސް މީގެ ދެ އަހަރެއްހައި ދުވަސްކުރިން ކްލަބް އީގަލްސްގެ ކޯޗުގެ ގޮތުގައެވެ. ނަމަވެސް އެއިރު ވެސް ސާންތިގެ ސިއްހީ ހާލު ހުރި ގޮތުން އޮޕަރޭޝަނެއް ކުރުމަށް ޓަކައި ވަގުތީގޮތުން އެ ކްލަބުގެ ކޯޗުކަން މުހައްމަދު ޝިޔާޒް (މޯހަން)އަށް 2023ވަނަ އަހަރުގެ ޖޫން މަހު ހަވާލުކުރިއެވެ.
ގިނަ ބަޔަކަށް ސާންތީ އެންމެ ބޮޑަށް ފާހަގަވެފައިވަނީ ޤައުމީ ފުޓްބޯޅަ ޓީމުންނެވެ. އޭނާއަކީ ރާއްޖެއަށް އެންމެ ފުރަތަމަ ފުޓްބޯޅައިން ތައްޓެއް ހޯދައިދިން ޤައުމީ ޓީމުގެ އެސިސްޓެންޓް ކޯޗެވެ. 2008 ވަނަ އަހަރު ރާއްޖެއާއި ލަންކާގައި ބޭއްވި ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ދިވެހިންނަށް ކާމިޔާބުކޮށްދިނުމުގައި އޭނާ އަދާކޮށްފައި ވަނީ ވަރަށް ފުރިހަމަ ޒިންމާއެކެވެ.
އޭނާ އެންމެ ފުރަތަމަ ޤައުމީ ޓީމާ ގުޅުނީ 2001 ވަނަ އަހަރެވެ. އެއަށްފަހު 2008 ވަނަ އަހަރާ ހަމައަށް އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރުމަށްފަހު ދެން ފެނިގެން ދިޔައީ ކުލަބު ފުޓްބޯޅައިގެ ސީނިއާ ކޯޗެއްގެ ގޮތުގައެވެ.