English Edition
Dhivehi Edition

ކްރޮސް ސަބްސިޑީ އުސޫލުން ހިންގާނެ މަޝްރޫޢުތައް ކަނޑައެޅުމާއި ގުޅޭގޮތުން ނެރުއްވާފައިވާ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު އިސްލާހުކުރައްވައިފިއެވެ.

ކްރޮސް ސަބްސިޑީގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢުތަކަކީ ދަޢުލަތުގެ އާންމު މަންފާއަކަށްޓަކައި ޙާޞިލުކުރަން ބޭނުންވާ އިޤްތިޞާދީ ސިޔާސަތެއްގެ ދަށުން ހިންގުމަށް ސަރުކާރުން ކަނޑައަޅާ މަޝްރޫޢުތަކެވެ.

ރައީސް އޮފީހުން ވިދާޅުވީ އެ ބަދަލު ގެންނެވީ, ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނުގައިވާ ގޮތުގެ މަތީން، ދައުލަތުގެ އާންމު މަންފާއަކަށްޓަކައި ހާސިލުކުރަން ބޭނުންވާ އިގުތިސޯދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖުތިމާއީ ސިޔާސަތެއްގެ ދަށުން ހިންގުމަށް ސަރުކާރުން ކަނޑައަޅާ މުހިންމު މަޝްރޫއުތަކާއި، އެ މަޝްރޫއު ހަވާލުކުރެވޭ ފަރާތުން އެންމެ މަދުވެގެން ކުރަންޖެހޭ އިންވެސްޓްމަންޓުގެ އަދަދުތައް ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ކަނޑައަޅައި އާންމުކޮށްފައި އޮތް ގޮތަށް ބަދަލުގެންނަން ޖެހިއްޖެކަމަށް އެ މަނިކުފާނަށް ފެނިވަޑައިގަތުމުން ކަމަށެވެ.

އަދި އެ ގަރާރުގައި، ބަޔާންކުރާ ސިޔާސަތުގެ ދަށުން ހިންގުމަށް ސަރުކާރުން ކަނޑައަޅާފައިވާ މަޝްރޫއުތަކާއި، އެ މަޝްރޫއުތައް ހިންގުމަށް ނިންމަވާފައިވާ ސަރަހައްދު އަދި މަޝްރޫއުތަކަށް އެންމެ މަދުވެގެން ޚަރަދުކުރަންޖެހޭނޭ މިންވަރު ވަނީ ބަޔާންކޮށްފައެވެ.

ކްރޮސް ސަބްސިޑީއަށް ތަންތަން ދޫކުރުމަކީ ދައުލަތުގެ އާންމު މަންފާއަކަށްޓަކައި ހާސިލްކުރަން ބޭނުންވާ އިޤްތިސާދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖްތިމާޢީ ސިޔާސަތެއްގެ ދަށުން، ދުރާލާ އިޢުލާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ސަރުކާރުން ކަނޑައަޅާ މުހިންމު މަޝްރޫޢެއް ހަވާލުކުރެވޭ ފަރާތަކަށް ނުވަތަ އެފަދަ މަޝްރޫޢަކަށް ޚަރަދުކުރާ ފަރާތަކަށް ޓޫރިސްޓް ރިސޯޓެއް ތަރައްޤީކުރުމަށް ރަށެއް ކުއްޔަށް ދޫކުރުމެވެ. އެގޮތުން އެއަރޕޯޓުތައް އެޅުމަށާއި، ފެރީ ހިދުމަތް ދިނުމަށާއި، އުމްރާނީ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކަށް ކްރޮސް ސަބްސިޑީގެ ގޮތުގައި ރަށްތައް ދޫކުރެއެވެ.

މި މަޝްރޫއުތަކުގެ ތެރޭގައި ހއ. ދިއްދޫ، ހދ. މަކުނުދޫ، ށ. ކޮމަންޑޫ، ށ. މިލަންދޫ، ށ. ބިލެތްފަހި، ރ. ފައިނު، ރ. އަލިފުށި، ބ. ތުޅާދޫ، އއ. މަތިވެރި، މ. މުލި، ފ. ނިލަންދޫ، ތ. ގުރައިދޫ، ތ. ވިލުފުށީގައި އެއާޕޯޓުއެޅުން ހިމެނެއެވެ. އެ މަޝްރޫއުތަކަށް ޚަރަދުކުރަންޖެހޭ އެންމެ ދަށް މިންވަރުގެ ގޮތުގައި ކަނޑައަޅާފައި ވަނީ ފަސް މިލިއަން ޔޫއެސް ޑޮލަރެވެ. އަދި ގއ. ވިލިނގިލީގައި އެއާޕޯޓް ތަރައްގީކުރުމާއި، ހުވަދު އަތޮޅާއި ހައްދުންމަތީގައި އިތުރު ދެ އެއާޕޯޓު ތަރައްގީކުރުމާއި، ހުވަދުއަތޮޅު ދެކުނުބުރީގައި އިންޓަނޭޝަލަން އެއާޕޯޓެއް ތަރައްގީކުރުން ހިމެނެއެވެ. އެ މަޝްރޫއުތަކަށް ވެސް ޚަރަދުކުރަންޖެހޭ އެންމެ ދަށް މިންވަރުގެ ގޮތުގައި ކަނޑައަޅާފައި ވަނީ ފަސް މިލިއަން ޔޫއެސް ޑޮލަރެވެ

ފަތުރުވެރިކަމުގެ ދާއިރާއިން، ލ. ގަމާއި، އައްޑޫ ސިޓީގައި އައްސޭރި ޓޫރިޒަމް މަޝްރޫޢު ހިންގުމަށް ވެސް ވަނީ ނިންމަވާފައެވެ.