ޒާތީ ޙަސަދަވެރިކަމާއި ސިޔާސީ ވާދަވެރިކަމުގައި ކުޑަކުދިންގެ ޙައްގުތަކަށް އަރައިގަންނަމުންދާ ފަރާތްތަކާ މެދު ޤާނޫނު ތަންދޭ އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ކަމާބެހޭ މުއައްސަސާތަކަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ގޮވާލައްވައިފިއެވެ.
މަޖިލިސް ރައީސްގެ މިފަދައިން ވިދާޅުވީ އިދިކޮޅު އެމްޑީޕީއިން ބުދަ ދުވަހުގެ ރޭ ބޭއްވި އިހުތިޖާޖެއްގައި ރައީސް މުހައްމަދު މުއިއްޒުގެ ދަރިކަލަކަށް ނިސްބަތްކޮށް ދެއްކި ވާހަކަތަކަކާ ގުޅިގެންނެވެ. މި ވާހަކަތައް އިލެކްޝަންސް ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން ވެސް ވަނީ ކުށްވެރިކޮށްފައެވެ. މީގެ އިތުރުން އެކި މުއައްސަސާތަކުގެ އިސްވެރިންނާއި އާންމުންވެސް ގެންދަނީ ސިޔާސީ ވާދަވެރިކަމުގައި ކުޑަކުދިންގެ ޙައްގުތަކަށް އަރައިގަތުން ކުށްވެރިކޮށް ޝުޢޫރުފާޅުކުރަމުންނެވެ.
އެމްޑީޕީގެ މުޒާހަރާގެ ތެރެއިން ކުޑަކުއްޖެއްގެ ޙައްގުތައް ގެއްލޭގޮތަށް ވާހަކަދައްކާފައިވާތީ އެކަން ކުށްވެރިކުރައްވާ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވަނީ، ޒާތީވެ ޙަސަދަވެރިކަމާއި ސިޔާސީ ވާދަވެރިކަމުގައި ކުށެއް ނެތް މަޢުސޫމް ކުދިންގެ ޙައްގުތަކަށް އަރައިގަނެ އަބުރާ ޢިއްޒަތް ނަގާލާ ދޮގު ތުހުމަތުތަކާއި، އިލްޒާމުތައް އެކުދިންގެ ބޮލުގައި އަޅުވަމުންދާއިރު އެފަދަ ފަރާތްތަކާމެދު ޤާނޫނު ތަންދޭ އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ކަމާ ބެހޭ މުއައްސަސާތަކަށް ގޮވާލައްވާފައެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަބްދުއްރަޙީމް ވިދާޅުވީ ސިޔާސީ މަންފާއަކަށް ކުދަކުދިންގެ ހައްޤަށް އަރައިގަންނަ ފަރާތްތަކަށް އެންމެ ހަރުކަށި އަދަބު ލިބެން ޖެހޭ ކަމަށާއި ސިޔާސީ ޕާޓީތަކުގެ ހަރަކާތްތަކުގައި މިފަދަ ނާތަހުޒީބު ދަށު ދަރަޖައިގެ ކަންކަން ކުރުމުން ޕާޓީތަކުގެ ބެލެނިވެރި ފަރާތުން ހަމައެކަނި ކުށްވެރިކުރުމުގެ ބަޔާނަކުން ފުއްދަވައިނުލައްވާ އެ ފަދަ ކަންކަން ތަކުރާރު ނުކުރެވޭ ގޮތަށް ފިޔަވަޅު އެޅޭނެ ނިޒާމެއް އޮންނަން ޖެހޭ ކަމެއް ކަމަށެވެ.
އިދިކޮޅު އެމްޑީޕީއިން މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން މާލޭގެ އެކި ސަރަޙައްދުތަކުގައި ގެންދަނީ މުޒާހަރާ ކުރަމުންނެވެ. މިގޮތުން މިދިޔަ ބުދަ ދުވަހު ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިންވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ދަރިކަލުންގެ ހައްޤަށް އަރައިގަނެ، އެ ދަރިކަލުންނާއި ގުޅޭގޮތުން ހަޤީޤަތާއި ޚިލާފް ވާހަކަތައް ދައްކާފައެވެ.