English Edition
Dhivehi Edition
ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު އަޒާން: ފޮޓޯ/ މަޖިލީސް

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކޮށް، ދެ ފަނޑިޔާރުން ވަކިކުރާ ބިލަށް ވޯޓަށް އަހަމުން ދަނިކޮށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގު ވޯޓުގައި ބައިވެރިނުވެ، ތަޅުމުން ނުކުމެވަޑައިގެންފިއެވެ.

ހޮޅުދޫ ދާއިރާގެ ޕީއެންސީ މެމްބަރު އަބްދުއްސައްތާރު މުހައްމަދު ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް މަޖިލިހުން ފާސްކުރީ އަތްހިއްލައިގެން ވޯޓު ދޭ ގޮތަށް ވަކިވަކިން މެމްބަރުންގެ ނަން އިއްވައި ބިލް ފާސް ކުރަން ފެނޭތޯ ނުވަތަ ނޫންތޯ އައްސަވައިފައިގެންނެވެ.

މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރޯލް ކޯލް ވޯޓަކަށް ދިޔައީ މަޖިލިހުގެ ވޯޓިން ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ.

އެ ބިލު ބަލައިގަތުމާ މެދު އިއްޔެ މަޖިލީހުގައި ނެގި ވޯޓުގައި ވެސް އަޒާން ބައިވެރިވެނުލައްވައެވެ. މިއަދުގެ ވޯޓު ނެގުމުގެ ކުރިން އަޒާން މަޖިލިހުގެ ޖަލްސާގައި އިންނެވިއެވެ. އެކަމަކު، ވޯޓަށް އަހަން ފެށުމާއެކީގައި މާ ގިނައިރުތަކެއް ނުވެ މަޖިލީހުގެ ތަޅުން ދޫކުރައްވާ ވަޑައިގެންނެވި މަންޒަރު ޖަލްސާގެ ލައިވް ސްޓްރީމުން ފެނެއެވެ.

އިއްޔެގެ ބިލަށް ވޯޓު ނުދެއްވި މެމްބަރުންނަށް ފިޔަވަޅު އަޅުއްވާނެ ކަމަށް ޕީއެންސީން ވަނީ ބުނެފައެވެ. އަދި އަޒާން ބިލަށް ވޯޓު ނުދެއްވި މައްސަލާގައި ޕާޓީގެ މަޖިލިސް މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕުން ވެސް ބޭރުކޮށްފައެވެ. މި ގްރޫޕުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް އިންނަވައެވެ.

ވޯޓުނުދެއްވި ސަބަބާ ގުޅޭ ގޮތުން މިހާތަނަށް އަޒާންގެ ބަހެއް ލިބިފައެއް ނުވެއެވެ.

ސުޕްރީމް ކޯޓު ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް ކުޑަކުރަން އިއްޔެ ހުށަހެޅީ ޕީއެންސީގެ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދެވެ. އެ ބިލަށް ތާއީދުކޮށް، ޕީއެންސީގެ ހުރިހާ މެންބަރުން ވެސް ބިލަށް ތާއީދުކޮށްދޭން އެ ޕާޓީގެ ލީޑާޝިޕުން ވަނީ އެދިފައެވެ.

ބިލު ބަލައިގަންނަން އިއްޔެ މަޖިލީހުގައި ނެގި ވޯޓުގައި ޕީއެންސީގެ 10 މެންބަރުން ބައިވެރިނުވެއެވެ. އެކަމަކު، އޭގެ ތެރެއިން ދެ މެންބަރަކު ފިޔަވާ ދެން ތިއްބެވި މެންބަރުންނަކީ ރަސްމީ ދަތުރުތަކުގައި ތިއްބެވި މެންބަރުންކަމަށް ޕީއެންސީން ފަހުން ވަނީ ބުނެފައެވެ.