English Edition
Dhivehi Edition

ޝޫޓިން ސްޕޯޓްސްގެ ތާރީޚުގައި އޭޝިއާ ފެންވަރުގެ މުބާރާތަކުން ފުރަތަމަ ފަހަރަށް، ދިވެހިރާއްޖެއަށް ރިހި މެޑެލް ހޯދައިދިން މަރިޔަމް އީޝަލް މިޞްބާޙަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާ ދަންނަވައިފިއެވެ.

އީޝަލް ރިހިމެޑެލް ހޯދާވައިވަނީ އޭޝިއާ ބައްރުގެ ޤައުމުތަކުން ވާދަކުރާ އަމާޒަށް ބަޑި ޖެހުމުގެ މުބާރާތް، ‘އޭޝިއަން ޕިސްޓަލް އެންޑް ރައިފަލް ކަޕް’ ގެ ޖޫނިއަރ އުމުރު ފުރާގެ އަންހެން ކުޅުންތެރިންގެ ބައިގެ ފައިނަލްގައި ވާދަކޮށްގެންނެވެ.

އީޝަލްގެ ކާމިޔާބީ ފާހަގަކޮށް ‘އެކްސް’ މެދުވެރި ކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ރޭ ކުރެއްވި ތަހުނިޔާގެ ޕޯސްޓުގައި، އޭޝިއާގެ ފެންވަރުގައި ބާއްވާ ޝޫޓިންގ ސްޕޯޓްސް މުބާރާތަކުން ދިވެހި ކުޅުންތެރިއަކު ފުރަތަމަ ފަހަރަށް ރިހިމެޑަލް ހޯދުމަކީ ތާރީޚީ ކާމިޔާބީއެއްކަމުގައި ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން، އޭޝިއާގެ 23 ޤައުމަކުން ވާދަކުރި މި މުބާރާތުގައި 21 ޤައުމެއްގެ މައްޗަށް މަރިޔަމް އީޝަލް މިޞްބާޙް ކުރި ހޯދާފައިވާކަންވެސް އެމަނިކުފާނު ކުރެއްވި ޕޯސްޓުގައި ފާހަގަ ކުރެއްވިއެވެ.

‘އޭޝިއަން ޕިސްޓަލް އެންޑަ ރައިފަލް ކަޕް 2025’ ކުރިއަށް ދަނީ ތައިލެންޑުގެ ވެރިރަށް ބެންކޮކްގައެވެ. މި މުބާރާތުގެ ޖޫނިއަރ އުމުރުފުރާގެ އަންހެން ކުޅުންތެރީންގެ ބައިން ރިހިމެޑަލް ހޯދި އުމުރުން 15 އަހަރުގެ މަރިޔަމް އީޝަލް މިޞްބާޙަކީ، މަޖީދިއްޔާ ސްކޫލުގައި ތަޢުލީމު ޙާޞިލްކުރަމުންދާ ދަރިވަރެކެވެ.