އައްޑޫސިޓީގެ ހިތަދޫ ޔޫތު ސެންޓަރުގައި ޤާއިމުކުރަމުންދާ އިންޑޯ ވޮލީ ކޯޓުގެ 97 އިންސައްތަ މަސައްކަތް މިހާރު ނިންމާލާފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ.
އައްޑޫ ސިޓީގެ މޭޔަރާއި ޑެޕިއުޓީ މޭޔަރުގެ ހާއްސަ އިސްނެންގެވުމުގެ މަތިން ހިތަދޫ ޔޫތު ސެންޓަރުގައި ޤާއިމުކުރަމުންދާ ކޯޓެކެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި މައުލޫމާތެއްގައި ކައުންސިލުން ބުނީ މިއީ ޒުވާނުންނާއި ގުޅުން އޮތް ވޮލީ ފަދަ ކުޅިވަރުތައް ކުޅުމުގައި ކޯޓެއް ނެތުމާއި ގުޅިގެން ދިމާވެފައިވާ މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ މަގުޞަދުގައި ތައްޔާރުކުރާ ކޯޓެއް ކަމަށެވެ.
މީގެ އިތުރުން ބައިނަލްއަޤުވާމީ މުބާރާތްތަކުގައި ވޮލީ ކުޅުންތެރިންނަށް ޕްރެޓިސް ކުރުން ފަދަ ކަންކަމުން މަހުރޫމުވެ މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ގެއްލޭތީ ކުޅުންތެރިންނަށް ފުރުސަތު ފަހިކޮށްދިނުމަށް ހާއްސަ އިސްކަމެއް ދީގެން ކަމަށް ކައުންސިލުން ބުނެއެވެ.
ހިތަދޫ ޔޫތު ސެންޓަރުގެ ގޯތިތެރޭގައި އަޅާ ވޮލީ ކޯޓުގެ ބިން ސާފުކޮށް، ވެލި އަޅާ ލެވެލު ކުރުމުގެ މަސައްކަތް މިހާރުވަނީ ނިންމާލާފައެވެ. ކައުންސިލްގެ ބަޖެޓުން ކުރިއަށް ގެންދާ މި މަސައްކަތަށް ގާތްގަޑަކަށް 3 ލައްކައެއް ހާ ރުފިޔާ ހަރަދުވާނެ ކަމަށް އަންދާޒާ ކުރެވިފައިވާ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.
އައްޑޫ ސިޓީ ކައުންސިލުގެ އުންމީދަކީ އަންނަ ރޯދަމަހުގެ ކުރިން ވޮލީކޯޓުގެ ބޭނުން ކުޅިވަރު ކުޅޭ ފަރާތްތަކަށް ފަހިކޮށްދިނުމެވެ.