English Edition
Dhivehi Edition

ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް މެމްބަރުން ހޮވުމަށް މިއަދު ބޭއްވި ބައި-އިލެކްޝަނުގައި ވާދަކޮށް ސަރުކާރު ހިއްސާވާ ޕާޓީ ޕީއެންސީން ހޯދި ކާމިޔާބީއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ދަންނަވައިފިއެވެ.

މިއަދު ކުރިއަށް ގެންދިޔަ ބައި އިލެކްޝަންގެ 37 ގޮނޑީގެ ތެރެއިން 33 ގޮނޑި ވެރިކަން ކުރާ ޕީއެންސީން ވަނީ ކާމިޔާބުކޮށްފައެވެ.

އިންތިޚާބު ކާމިޔާބުކުރި ކެންޑިޑޭޓުންނަށާއި ވޯޓުލީ ފަރާތްތަކަށް މަރުޙަބާ ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓުގައިވަނީ ބައި އިލެކްޝަންގެ ގޮނޑިތައް ޕީއެންސީން ލިބުނުގޮތުގެ ތަފްސީލް ހިއްސާކުރައްވާފައެވެ.

އެގޮތުން ބައި އިލެކްޝަންގެ 37 ގޮނޑީގެ ތެރެއިން އިންތިޚާބަކާ ނުލައި 24 ގޮނޑި އަދި އިންތިޚާބުގައި ވާދަކޮށްގެން ކާމިޔާބު ކުރި 9 ގޮނޑިއާއެކު ޕީއެންސީއަށް ޖުމްލަ 33 ގޮނޑި ލިބިފައިވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި އަތޮޅު ކައުންސިލް ރައީސް ކަމުގެ 1 ގޮނޑިއާއި ރަށު ކައުންސިލް ރައީސްކަމުގެ 1 ގޮނޑިއާއި ރަށު ކައުންސިލް މެމްބަރުކަމުގެ 2 ގޮނޑިއާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ 29 ގޮނޑި ޕީއެންސީން ކާމިޔާބުކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

މިއަދުގެ ވޯޓުލުން ކުރިއަށް ގެންގޮސްފައި ވަނީ ދެ ރަށެއްގެ ކައުންސިލް މެންބަރުން ހޮވުމަށާއި 10 ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް މެންބަރުން ހޮވުމަށެވެ.

އެއީ:

  • ހދ. މަކުނުދޫ ކައުންސިލް މެންބަރު
  • ނ. ލަންދޫ ކައުންސިލް އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑި
  • ހދ. ހިރިމަރަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ
  • ނ. މިލަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ
  • ނ. ފޮއްދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ
  • ރ. އިންނަމާދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ
  • ބ. ގޮއިދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ
  • އދ. ހަންޏާމީދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ
  • ދ. ހުޅުދެލި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ
  • ލ. ގަން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ
  • ތ. ބުރުނި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ
  • ގއ. ކަނޑުހުޅުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ

މިކާމިޔާބީއަށްޓަކައި މާތްﷲ ހަޟްރަތަށް ހަމްދުކުރައްވާ އިންތިޚާބު ކާމިޔާބު ކުރެއްވި ކެންޑިޑޭޓުންނަށް ރައީސުލްޖުމްހޫރިއްޔާވަނީ މަރުހަބާ ވިދާޅުވެފައެވެ.