English Edition
Dhivehi Edition

ދީނީ ޢިލްމު ހޯދުމާއި ދީނީ ހަރަކާތްތަކުގައި ކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް ބައިވެރިވެވޭނެ އިތުރު ފުރުޞަތުތައް ފަހިކުރުމާއި ގުޅޭގޮތުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި ދެމެދު މަޝްވަރާ ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު އަދި އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. އައިޝަތު ޝިހާމް ވަނީ ބައިވެރިވެލައްވާފައެވެ. މި ބައްދަލު ވުމަކީ، ދީނީ މަޢުލޫމާތާއި ޢިލްމު ފޯރުކޮށްދިނުމާ އަދި ދީނީ އެކިއެކި ހަރަކާތްތަކުގައި މުޖުތަމަޢުގެ އެއްވެސް ބަޔަކު ބާކީ ނުވެ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށްވެސް ބައިވެރިވެވޭނެ ގޮތްތަކަށް ކުރިއަށްގެންދެވޭނެ ގޮތްތައް ހޯދުމުގެ ބޭނުމުގައި ބޭއްވި ބައްދަލުކުރެއްވުމެކެވެ.

މި ބައްދަލުވުމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރައްވާ މަސައްކަތްތަކާއި ހިންގާ ޕްރޮގްރާމްތަކުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިން ބޭނުންތަކަށް ރިޢާޔަތްކޮށްގެން ހިންގަވަން މަސައްކަތްކުރައްވާކަން އިޖުތިމާއީ ތަރައްޤީއާއި ބެހޭ ވަޒީރު ޑރ. އައިޝަތު ޝިހާމް ފާހަގަކުރައްވާފައިވެއެވެ.

އެގޮތުން އިސްލާމް ދީނުގެ ރުކުންތަކަށާއި އަސާސްތަކަށް ލޯބިކުރާ ޖީލެއް ބިނާކުރުމުގެ މަޤްޞަދުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހިންގަވާ “ރިސާލަތު” ޕްރޮގްރާމްގައި، ސައިން ލެންގުއޭޖް އިންޓަރޕްރިޓޭޝަން ހިމަނުއްވަވާފައިވާކަމީ، އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދީނީ މަޢުލޫމާތު ލިބުމުގައި ދިމާވެފައިވާ ހުރަސްތަކަށް ނުހަނު ބޮޑު ލުއިކަމެއް ގެނެސްދޭނެ އަގުހުރި މަސައްކަތެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. ތިލަ އިބާރާތުން، ޒުވާނުންނާ ގުޅޭނޭހެން ކަރިކިއުލަމް ގެންނަވާ، އިނގިރޭސި އަދި ދިވެހިބަހުން މި ޕްރޮގްރާމް ގެންނަވާކަމީވެސް އެކިފަރާތްތައް ޝާމިލްކުރުމަށް ކުރެވޭ މަސައްކަތުގެ ހެއްކެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން އެކި ދީނީ ފޮތްތަކުގެ އޯޑިއޯ ވަރޝަން ތައްޔާރުކުރަމުންދާކަމީ، ހަމަހަމަ، ޝާމިލް މުޖުތަމަޢުއަކަށް ދެއްވާ އަހައްމިއްޔަތު ފެންނަ ކަމެއްކަން ފާހަގަކުރައްވާ، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރާއި އެވުޒާރާއިން ކުރައްވަމުންގެންދަވާ މަސައްކަތްތައް ވަޒީރު ޑރ. އައިޝަތު ޝިހާމް ވަނީ ފާހަގަކުރައްވާފައެވެ.

މި މަސައްކަތުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފުރިހަމަ އެއްބާރުލުމާ އެހީތެރިކަން އިތުރުކުރައްވާނެކަމުގެ ޔަޤީންކަން މި ބައްދަލުކުރެއްވުމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވަނީ ދެއްވާފައެވެ.