މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓާރސް، މަޓާޓޯއިން ބާއްވަމުން އަންނަ މޯލްޑިވްސް ޓްރެވެލް ކޮންފަރެންސްގެ 2025ގެ ވިމެންސް އެޑިޝަން، އައްޑޫ ސިޓީގައި މިއަދު ކުރިއަށް ގެންގޮސްފިއެވެ.
އައްޑޫސިޓީގެ ގަމުގައި ހުންނަ އިކުއޭޓަރ ވިލެޖުގައި ކުރިއަށް ގެންދިޔަ މި ކޮންފަރެންސްގައި އައްޑޫގަައި އަންހެނުންނަށް ހުރި ފުރުސަތުތަކާއި ފަތުރުވެރިކަމުގެ ދާއިރާގެ ވަޒީފާތައް ހަމައެކަނި ރިސޯޓުތަކަށް ހަނިވެފައި އޮންނަ އޮތުމާއި ގުޅޭގޮތުނާއި މަސައްކަތްކުރާ އަންހެނުންނާމެދު މުޖުތަމައުގައި އޮންނަ ނޭދެވޭ ނަޒަރު ބަދަލުކުރުން ފަދަ ކަންކަމާއި ގުޅޭގޮތުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައެވެ.
މިކޮންފަރެންސްގައި ކީނޯޓް ސްޕީކަރުންގެ ގޮތުގައިވެސް އަދި ޕެނަލް ޑިސްކަޝަންތަކުގައިވެސް ވާހަކަ ދައްކާފައި ވަނީ އަންހެނުންނެވެ.
މި ކޮންފަރެންސްގެ ތެރެއިން ބީސީސީއާއި ގުޅިގެން އަންހެނުންނަށް އަމާޒުކޮށް، ފައިނޭންޝަލް ލިޓްރަސީ ޓްރޭނިން ސެޝަނެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. ބީސީސީއާ ގުޅިގެން ކުރިއަށްގެންދިޔަ މި ސެޝަނަކީ ހިލޭ ކުރިއަށްގެންދިޔަ ސެޝަނެކެވެ.
މި ކޮންޕަރެންސް ކުރިއަށް ގެންގޮސްފައިވަނީ ޓޫރިޒަމް މިނިސްޓްރީ އާއި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް، އެމްއެމްޕީއާރްސީ، ވިޒިޓް މޯލްޑިވްސް، އައްޑޫ ސިޓީ ކައުންސިލް، ނެޝަނަލް ހޮޓެލްސް އެންޑް ގެސްޓް ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ އެކި ޖަމްއިއްޔާތަކާއި ގުޅިގެންނެވެ.
މި ކޮންފަރެންސްއާއި ގުޅޭ ގޮތުން މަޓާޓޯއިން ބުނީ މިއީ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ އަންހެނުން ބާރުވެރިކުރުވުމަށް ބައްވާ ކޮންފަރެންސެއް ކަމަށެވެ.