English Edition
Dhivehi Edition

ތައިލެންޑުގައި ބާއްވާ މޯލްޑިވްސް ޑެސްޓިނޭޝަން ރޯޑްޝޯއަށް އެމްބެސެޑާރ ފުއާދު ވަޑައިގަންނަވައިފިއެވެ. ތައިލެންޑުގެ ބެންކޮކްގެ އެންމެ މަގުބޫލް އެއް ޝޮޕިން މޯލް ކަމަށްވާ ސެންޓްރަލް ވޯލްޑް ޝޮޕިން މޯލްގެ އެންމެ ގިނަ މީހުން ޒިޔާރަތް ކުރާ ފެއާ ގްރައުންޑުގައި އޮންނަ މި ޓޫރިޒަމް އިވެންޓަކީ ރަށްރަށުގައި ހުރި ގެސްޓްހައުސްތަކާއި، ފަތުރުވެރިކަން ޕްރޮމޯޓް ކުރަން ހާއްސަކޮށް ކައުންސިލްތަކަށް ބާއްވާ ޓޫރިޒަމް އިވެންޓެކެވެ. މޯލްޑިވްސް ޑެސްޓިނޭޝަން ރޯޑްޝޯގައި 16 ކައުންޓަރުން ހިދްމަތް ލިބޭއިރު މި އިވެންޓަގައި 60 ޑެލިގޭޓުން ބައިވެރިވެފައިވެ އެވެ.

މި އިވެންޓް އަށް ޒިޔާރަތް ކުރައްވާ ކައުންސިލްތަކާ ބައްދަލު ކުރައްވާ ހިޔާރު ބަދަލު ކުރެއްވިއެވެ، އަދި މި އިވެންޓް އިންޒިމާކުރެއްވި ބޭފުޅުންނާއި ވަހާކަފުޅު ދައްކަވަމުން މި މަސައްކަތަށް ހިއްވަރު ދެއްވާ ދެންވެސް ބާއްވާ މިފަދަ އިވެންޓް ތަކުގައި އެމްބަސީ ގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

މި އިވެންޓް ވެގެންދަނީ، ރާއްޖޭގެ ކައުންސިލް ތައް ބައިވެރިކޮށްގެން، ރާއްޖޭއިން ބޭރުގަ ރާއްޖޭގެ ވަކި ވަކި ރަށްތައް ޕްރޮމޯޓް ކުރަން ބޭއްވޭ އެންމެ ފުރަތަމަ އިވެންޓަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކައުންސިލްތައް ބާރުވެރިކޮށް ފަތުރުވެރި މަންޒިލް ތަކެއްގޮތަށް ރަށްތައް އިޝްތިހާރު ކުރުމަށް ކުރެއްވި އިލްތިމާސް އާ އެއްގޮތަށް ބޭއްވޭ އިވެންޓެކެ.

ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ ބޮޑު މި އިވެންޓު ކުރިއަށް ދަނީ ޗައިނީސް ނިއުއިޔާ އާ ދިމާކޮށް ކަމަށްވުމުން ގިނަ ބަޔަކު މި ރޯޑްޝޯ އަށް ދާނެ އެވެ. އަދި ފެއާ އޮންނާ ތަނަކީ ސެންޓްރަލް ވޯލްޑް ކަމަށްވުމުން މިތަނަކީ އަބަދުވެސް ގިނަ ބަޔަކު ތިބޭ ތަނަކަށްވާތީ ގިނަ ބަޔަކަށް ރަށްރަށުގެ ގެސްޓްހައުސްތައް އިސްތިހާރު ވެސް ވާނެ އެވެ.

މޯލްޑިވްސް ޑެސްޓިނޭޝަން ރޯޑްޝޯގައި ބައިވެރިވާ ކައުންސިލް ހިމެނޭ ރަށްތަކަކީ ރާއްޖޭގައި އެންމެ ފުޅާކޮށް ގެސްޓްހައުސް ޓޫރިޒަމް ތަރައްގީވެފައިވާ ރަށްތަކެވެ. މި ރަށްތަކުގެ ތެރޭން ތުލުސްދޫގައި އެކަނި 250 އެއްހާ އެނދު އެބަހުއްޓެވެ. އަދި މާފުށީގައި 2800 އެއްހާ އެނދު އެބަހުއްޓެވެ. އެހެންވެ މި ރަށްތައް ތަމްސީލް ކުރަން އައި ކައުންސިލްތަކަކީ ރާއްޖޭގެ ގެސްޓްހައުސް އެނދުގެ ބޮޑު ޕަސެންޓެއް ހިއްސާ ކުރާ ރަށްތައް ކަމަށް މި ފުރުސަތުގައި ފާހަގަކޮށްލަމެވެ. އަދި މި އިވެންޓަށް ކައުންސިލްތަކުން ދެއްވި އެއްބާރުލުމަށް އެމްއައި އެޑްވަޓައިޒިންގެ ފަރާތުން ޝުކުރުވެރިވަމެވެ.