English Edition
Dhivehi Edition

ފުޓް ބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ރާއްޖޭގެ އަތޮޅުތަކުގެ ފުޓްބޯޅަ ކުރިއެރުވުމަށް މީގެ ދެއަހަރު ކުރިން ފެށިގެން ބާއްވަމުން ގެންދާ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު ބާއްވަން ނިންމައި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިއަހަރުގެ މުބާރާތްވެސް ކުރިއަށްދާނީ ކުރިން އަހަރު ތަކުގައި ވެސް މުބާރާތް ކުރިއަތް ދިޔަގޮތާ އެއްފަދައިން އަތޮޅު ބުރުގައި ދެ ރަށަށްވުރެގިނަ ރަށްރަށުން ބައިވެރި ވެއްޖެނަމަ މުބާރާތް ބޭއްވުމަށް ޝައުގުވެރިކަން ފާޅުކުރާ ރަށެއްގައި މެޗުތައް ކުރިއަށް ގެންދާ ގޮތަށެވެ. އަދި ދެ ޓީމު ބައިވެރި ވެފައިވާނަމަ ކުޅެވޭނީ ހޯމް އެންޑް އަވޭ އުސޫލުންނެވެ. އަދި މިއަހަރުވެސް ޒޯންބުރުކުޅެ މުބާރާތުގެ ގަދަ ހަތަރެއް ކަނޑައެޅުމަށް ހަމަޖެހިފައިވެއެވެ.

ރާއްޖޭގެ ހުރިހާ ރަށްތަކަށް ހާއްސަކޮށްގެން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކުރިއަށްގެންދާ މިމުބާރާތުގައި މިއަހަރުން ފެށިގެން ބައިވެރިވެވޭނީ ހަމައެކަނި ކޮމިޝަނަރ އޮފް ސްޕޯޓްސްގެ އޮފީހުގައި ރަޖިސްޓްރީކޮށްފައިވާ ޓީމުތަކަށެވެ.

މިފަހަރުގެ މުބާރާތުގައި ބައިވެރިވާން ބޭނުން ޓީމު ތަކުގެ ފޯމްހުށަހެޅުމުގެ އެންމެ ފަހު މުއްދަތަކީ ޖެނުއަރީ 31 ވަނަ ދުވަހުގެ 15:00ގެ ކުރިންނެވެ. ފޯމް ހުށަހަޅަންޖެހެނީ އެފްއޭއެމް އޮފީހަށެވެ.

ވޭތުވެދިޔަ އަހަރު މިނިވަން ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފައިވަނީ ދ.ކުޑަހުވަދޫއެވެ.