ޖަރުމަނުގައި މިހާރު ކުރިއަށް ދާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގެ މެޗުތައް ނިމިނި، ސެމީ ފައިނަލުގެ މެޗުތަކުގެ ކުޅުންވެސް ރޭ ވަނީ ފެށިފައެވެ. އެގޮތުން ރޭ ކުޅުނު ފުރަތަމަ ސެމީ ފައިނަލުގައި ބައްދަލުކުރީ ފްރާންސް އާއި ސްޕެއިންއެވެ. ވަރަށް ފޯރިގަދަ ކުޅުމަކަށް ފަހު، 1-2 އިން މެޗު ކާމިޔާބުކޮށް ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަަރުކޮށްފައިވަނީ ސްޕެއިނުންނެވެ.
ސެމީ ފައިނަލުގެ ދެވަނަ މެޗު މިރޭ ކުޅެން ތައްޔާރުވެފައިވާއިރު، މި މެޗުގައި ބައްދަލުކުރާނީ ނެދަލެންޑްސް އާއި އިންގްލެންޑެވެ.
ނެދަލެންޑްސް އާއި އިންގްލެންޑް ސެމީ ފައިނަލް މެޗަށް މިރޭ ނުކުންނައިރު، ނެދަލެންޑްސް ސެމީ އިން ޖާގަ ހޯދީ ތުރުކީ 2-1 އިން ބަލިކުރުމަށް ފަހުގައެވެ. އަދި އިންގްލެންޑް ސެމީ އިން ޖާގަ ހޯދީ ޕެނަލްޓީގައި 5-3 އިން ސްވިޒަލެންޑުގެ މައްޗަށް ކުރި ހޯދައިގެންނެވެ.
ހެޑް-ޓު-ހެޑް ނަތީޖާތައް
ނެދަލެންޑްސް އާއި އިންގްލެންޑްސްގެ ތާރީޚީ ބައްދަލުވުންތަކަށް ބަލާއިރު، މި ދެ ޓީމު އެންމެ ފުރަތަމަ ޔޫރޯ މުބާރާތެއްގައި ވާދަކޮށްފައިވަނީ 1988 ވަނަ އަހަރު ޖާމަނީގައި ބޭއްވުނު މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗެއްގައެވެ. އެ މެޗު 1-3 އިން ކާމިޔާބުކޮށްފައިވަނީ ނެދަލެންޑުންނެވެ. އޭގެ ފަހުން 1996 ވަނަ އަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައިވެސް މި ދެޓީމު ވާދަކުރިއެވެ. އެ މެޗު 1-4 އިން ކާމިޔާބުކޮށްފައި ވަނީ އިންގްލެންޑުންނެވެ. މިއީ ޔޫރޯ މުބާރާތުގެ ސެމީފައިނަލް މެޗެއްގައި މި ދެޓީމު ބައްދަލުކުރާ ފުރަތަމަ ފަހަރެވެ.
ނެދަލެންޑްސް އާއި އިންގްލެންޑުގެ އެންމެ ފަހުގެ ބައްދަލުވުމަކީ 2019 ވަނަ އަހަރު ކުޅެވުނު ނޭޝަންސް ލީގު މެޗެވެ. އެ މެޗު 1-3 އިން ކާމިޔާބުކޮށްފައިވަނީ ނެދަލެންޑުންނެވެ.
މިރޭގެ މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ނެރޭނެ ކަމަށް ބެލެވޭ ފުރަތަމަ 11 ކުޅުންތެރިން؛
އިންގްލެންޑް: ޕިކްފޯޑް، ވޯކަރ، ސްޓޯންސް، ގުއެހީ، ސަކާ، މައިނޫ، ރައިސް، ޓްރިޕިއާ، ބެލިންހަމް، ފޯޑެން، ކޭން.
ނެދަލެންޑްސް: ވަރބްރޫގޭން، ޑަމްފްރައިސް، ޑި ވަރިޖް، ވެން ޑައިކް، އަކޭ، ޝޯޓެން، ރެއިޖެންޑާސް؛ މަލެން، ސިމޮންސް، ގަކްޕޯ، ޑިޕާއީ.
ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލްގެ ދެވަނަ މެޗުގައި އިންގްލެންޑް އަދި ނެދަލެންޑްސް ވާދަކުރާ މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ ރާއްޖޭ ގަޑިން ދަންވަރު 12:00ގައެވެ. މި މެޗު ކުޅޭނީ ޑޯޓްމަންޑް ސްޓޭޑިއަމްގައެވެ.