ޖާމަނީގައި މިހާރު ކުރިއަށްދާ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި ފަހަތުން އަރާ ފްރާންސް ބަލިކޮށް މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ސްޕެއިން ހޯދައިފިއެވެ.
މި މެޗު ސްޕެއިން ކާމިޔާބު ކުރީ 2-1 ގެ ނަތީޖާއިންނެވެ.
މެޗު ފަށައިގެން ވެސް ބޯޅަ ކޮންޓްރޯލުކޮށްގެން މޮޅަށް ކުޅެމުން އައީ ސްޕެއިނުންނެވެ. އެހެން ނަމަވެސް މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ހޯދީ ފްރާންސުންނެވެ. ފްރާންސަށް ލީޑު ހޯދައިދިން މި ލަނޑު ކާމިޔާބު ކޮށްދިނީ އެމްބާޕޭ ނަގައިދިން ހުރަހަކުން ކޯލޯ މުއާނީއެވެ.
ފްރާންސްގެ ލަނޑަށް ފަހު ސްޕެއިން އިން ވެސް ވަނީ ފުލު ފުލުގައި ގިނަ ހަމަލާތަކެއް އުފައްދާފައެވެ. ފްރާންސްގެ ފަހަތަށް ބާރުބޮޑުކޮށް ކުޅެމުން ސިޔަ ސްޕެއިނުން ވަނީ ގިނަ އިރުތަކެއް ނުވެ ނަތީޖާ 1-1 އަށް ބަދަލުކޮށްލާފައެވެ. ސްޕެއިނަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދިނީ މެޗުގެ 21 ވަނަ މިނެޓުގައި އުމުރުން އެންމެ 16 އަހަރުގެ، ލަމީން ޔަމާލްއެވެ. ފްރާންސްގެ ދެ ޑިފެންޑަރުން ބީޓުކޮށްލުމަށް ފަހު އޭރިޔާ ބޭރުން ޔަމާލް ފޮނުވާލި ބާރު ބޯޅަ ގޮސް ގޯލަށް ވަނީ އަރިމަތީ ދަނޑީގައި ވެސް ޖެހިފައެވެ.
ޔަމާލްގެ ލަނޑަށް ފަހު މާ ގިނައިރުތަކެއް ނުވެ، ސްޕެއިނުން ވަނީ ދެވަނަ ލަނޑެއް ޖަހައި ލީޑު އަތުލާފައެވެ. ސްޕެއިނުން ލީޑުނެގި މި ލަނޑު ކާމިޔާބު ކުރީ އޮލްމޯއެވެ. ވަރަށް ރީތިކޮށް ޑިފެންޑަރު ފައިމަތިން ބޯޅަ ހިއްލާލާ ގޯލަށް ފޮނުވާލި ބާރު ބޯޅަ ގޯލުގެ ތެރެއަށް ވަނީ ކުންޑޭގެ ފައިގައިވެސް ޖެހިފައެވެ.
މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައީ 2-1 އިން ސްޕެއިން ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ފަށައިގެން ދެ ޓީމުންވެސް ހަމަހަމަ ކުޅުމެއް ކުޅުނު އިރު، ފްރާންސުން މެޗުގެ ނަތީޖާ ބަދަލުކޮށްލަން ގިނަ މަސައްކަތްތަކެްް ކުރިކަން ފާހަގަކޮށްލެވެއެވެ. ލަނޑުޖަހަން ގިނަ ފުރުސަތުތަކެއް ވެސް ފްރާންސަށް ލިބުނެވެ. ނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދިޔައިރު ވެސް ފްރާންސަށް އިތުރު ލަނޑެއް ޖެހޭގޮތެއް ނުވިއެވެ.
ޔޫރޯ މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ސްޕެއިނުން ހޯދިއިރު، ފައިނަލުގެ ދެވަނަ ޖާގަ ލިބޭ ޓީމެއް ކަށަވަރުވެގެން ދާނީ މިރޭ ނެދަލެންޑްސް އަދި އިންގްލެންޑު ބައްދަލުކުރާ ސެމީގެ ދެވަނަ މެޗަށް ފަހުގައެވެ.