ރޫމޭނިޔާ ބަލިކޮށް، ނެދަލެންޑްސް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކްއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.
ނެދަލެންޑްސް ކްއާޓާ ފައިނަލަށް ދަތުރުކުރީ 3-0 ން ރޮމޭނިޔާ ބަލިކޮށްގެންނެވެ.
މެޗު ފެށިގެން ވެސް ރަނގަޅަށް ކުޅުނު ނެދަލެންޑްސް އިން މެޗުގެ ލީޑު ނެގީ 20 ވަނަ މިނިޓްގައި ގަކްޕޯ ޖެހި ލަނޑުންނެވެ. ގޯލް އޭރިޔާ ކަނާ ދިމާލުން، ގޯލާ 18 މީޓަރު ދުރުން ގަކްޕޯ ތިރިތިރިން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ކަނަށެވެ. އޭގެ ފަހުން ދެވަނަ ހާފްގައި ގަކްޕޯ ދެވަނަ ލަނޑެއްވެސް ޖެހިއެވެ. އެކަމަކު 63 ވަނަ މިނިޓްގައި ގޯލް އޭރިޔާ ރޮނގު މަތިން އޭނާ ޖެހި ގޯލް ބަލައި ނުގަތީ ވީއޭއާރުން ބެލިއިރު އޮފްސައިޑަށް އަރާފައި ވުމުންނެވެ.
ނެދަލެންޑްސްގެ ދެވަނަ ލަނޑެއް ޖަހައި ލީޑު ފުޅާކުރީ މެޗުގެ 83 ވަނަ މިނިޓްގައި މަލެން ޖަހައިދިން ލަނޑުންނެވެ. ބޭރު ރޮނގު މަތިން ގޯލް އޭރިޔާ ތެރޭގައި ހުރި މަލެން އަށް ގަކްޕޯ ހުސްކޮށްލާފައި ދިން ބޯޅަ އެއްފަހަރުން ޖަހާ ގޯލްގެ ތެރެއަށް ފޮނުވާލައިގެން މަލެން ވަނީ ފުރުޞަތުގެ ބޭނުން ކޮށްފައެވެ.
ނެދަލެންޑްސްގެ ތިންވަނަ ލަނޑު ވެސް ޖަހައިދިނީ މަލެން އެވެ. މެޗުގެ އިތުރު ވަގުތުގައި އޭނާ ދެވަނަ ގޯލެއް ޖެހީ، ކައުންޓާ އެޓޭކްގައި އަމިއްލަ ހާފްގެ ތެރެއިން ބޯޅައާއެކު ކުރިއަށް އަރާ ރޮމޭނިޔާ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަދެ، ތިރިން ގޯލްގެ ކަނަށް ފޮނުވާލައިގެން ނެވެ.
ދެވަނަ ހާފުގައި ކުޅެން ނިކުތް މަލެން ގެ ދެލަނޑާއި އެކު ނެދަލެންޑް މެޗު ނިންމާލީ ކުއާޓާގެ ޖާގައެއް ކަށަވަރުކޮށްގެންނެވެ.
ތިންވަނަ އަށް ދިޔަ ޓީމްތަކުގެ ތެރެއިން ނޮކްއައުޓް ބުރުން ޖާގަ ހޯދި ނެދަލެންޑްސް ކްއާޓާ ފައިނަލަށް ދަތުރުކުރިއިރު، އެޓީމު ކުއާޓާގައި ވާދަކުރަން ޖެހޭނީ ތުރުކިޔޭ އާއި އޮސްޓްރިއާ ބައްދަލުކުރާ މެޗުން މޮޅުވާޓީމަކާއެވެ.