English Edition
Dhivehi Edition

ރޭ ފުވައްމުލަކުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވެގެން އައިސީޔޫގައި ފަރުވާ ދެމުން ދިޔަ މީހާ އިތުރު ފަރުވާ އަށް އައްޑޫ ރީޖަނަލް ހޮސްޕިޓަލަށް ގެންދަން ނިންމައިފި އެވެ. އެކްސިޑެންޓްގައި ބޮލަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ފިރިހެންމީހާ ހިތަދު އަށް ގެނެސްފައިވަނީ، މާލެ ގެންނަން މަތިންދާބޯޓު ނައްޓާލި ފަހުން ދަތުރުކުރެވޭ ވަރަށް ވުރެ ހާލު ސީރިއަސްވުމުންނެވެ. ރޭ 10 ޖަހާކަން ހާއިރު ހިނގި މިއެކްސިޑެންޓްގައި ބޮލަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ފިރިހެންމީހާ ސީ އެމްބިއުލާންސްގައި ހިތަދޫ އަށް ގެނެސްފައިވާއިރު އެކްސިޑެންޓުގައި އިތުރު ދެ މީހަކަށް ވެސް ވަނީ އަނިޔާވެފައެވެ. ފުލުހުން ބުނެފައިވަނީ އެކްސިޑެންޓު ހިނގީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް، މަގުން އަނބުރައިލި އެހެން ސައިކަލެއްގައި ޖެހިގެންކަމުގައެވެ. އަދި މި އެކްސިޑެންޓްގައި އެންމެ ބޮޑަށް އަނިޔާވެފައިވަނީ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލުގެ ފަހަތުގައި އިން މީހާއަށް ކަމަށެވެ. މިދިޔަ ހަފުތާގައި އައްޑޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައިވެސް ޒުވާނަކު ވަނީ މަރުވެފަ އެވެ.