English Edition
Dhivehi Edition

އަންނަ ޖޫން މަހު ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ހުރިހާ މެޗެއް ޕީއެސްއެމުން ބަލާލެވޭނެ ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޒީނާ ޒާހިރު ވިދާޅުވެއްޖެއެވެ. ވޭތުވެ ދިޔަ 6 މަސް ދުވަހު އެ ކުންފުނި ހިނގާދިޔަ ގޮތުގެ މަޢުލޫމާތު ފޯރުކޮށްދިނުމަށް ބުދަ ދުވަހު ބޭއްވި މީޑީއާ ބްރީފިންގައި ޒީނާ ވިދާޅުވީ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ބްރޯޑްކާސްޓިން ރައިޓްސް ޕީއެސްއެމުން ހޯދާފައިވާ ކަމަށާއި އެގޮތުން އެމުބާރާތުގެ ހުރިހާ މެޗެއްވެސް ވަގުތުން ދައްކާނެ ކަމަށެވެ.

“ޔޫރޯ ދެއްކުމަށް ރައިޓްސް އޮތް ހަމައެކަނި ދިވެހި ފަރާތަކީ ޕީއެސްއެމް. ޕީއެސްއެމްގެ ޓީވީއެމް އަދި ޔޭސްޓީވީން ޔޫރޯ މެޗްތައް ގެނެސްދޭނަން އިރާދަ ކުރެއްވިއްޔާ،” ޒީނާ ވިދާޅުވި އެވެ.

ޓީވީއެމްއާއި ޔޭސް ޓީވީ އިން ހުރިހާ މެޗެއް ވެސް އަލްޓްރާ އެޗްޑީކޮށް ވަގުތުން ގެނެސްދިނުމަށް ހަމަޖެހިފައި ވާއިރު، ބެލުންތެރިންގެ އަތުން މި ކަމަށް އިތުރު އަގެއް ނުނަގާނެއެވެ.

އެންމެ ފަހުން 2021 ވަނަ އަހަރު ބޭއްވި “ޔޫރޯ 2020” ދައުލަތުގެ މީޑީއާ އިން ގެނެސް ނުދިނުމުން އާއްމުން އެކަމާ ކަންބޮޑުވުން ފާޅުކުރި ކަން ފާހަގަކުރައްވައި ޒީނާ ވިދާޅުވީ، އެ މުބާރާތް ގެނެސްނުދެވުނީ، މި ސަރަހައްދަށް އެ މުބާރާތް ދައްކަމުންދާ ސޮނީ ކުންފުންޏަށް ދަރާ އޮތް ދަރަނިތައް ނުދައްކާ ހުރުމުން ކަމަށެވެ. އެހެންނަމަވެސް، މި އަހަރުގެ މުބާރާތުގެ ބްރޯޑްކާސްޓިން ރައިޓްސް ހޯދީ އެ ދަރަނި ދެއްކުމުގެ ޕްލޭނެއް ހެދުމަށް ފަހުގައި ކަމަށް ޒީނާ ވިދާޅުވި އެވެ.

މި އަހަރުގެ ޔޫރޯ މުބާރާތް ބާއްވާނީ ޖޫން 14 އިން ޖުލައި 14 ގެ ނިޔަލަށެވެ. ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު ބާއްވަމުން އަންނަ ޔޫރޯ ފުޓްބޯޅަ މުބާރާތް މިފަހަރު ކުރިއަށްދަނީ ޖަރުމަންވިލާތުގެ 10 ސިޓީއެއްގައެވެ. މިއީ ޖަރުމަން ވިލާތުގައި މިމުބާރާތް ކުޅޭ 3 ވަނަ ފަހަރެވެ. މިމުބާރާތް ބާއްވާ ޤައުމަށްވާތީ ޖަރުމަން ކޮލިފައިވެފައިވަނީ އޮޓޮމެޓިކުންނެވެ. މިމުބާރާތުގައި ޖުމްލަ 24 ޓީމުން ވާދަކުރެއެވެ. އެންމެ ފަހުން މިމުބާރާތުގެ ތަށި ގެންގޮސްފައިވަނީ އިޓަލީވިލާތުންނެވެ.

ޖަރުމަނު ވިލާތުގައި ކުޅޭ ޔޫރޯގެ މެޗުތައް ރާއްޖޭ ގަޑިން ދިމާވަނީ މެންދަމު 12:00، ހަވީރު 6:00 އަދި ރޭގަނޑު 9:00 އާއެވެ.

މި މުބާރާތުގައި ފެންނާނެ މުހިއްމު ކުޅުންތެރިންގެ ތެރޭގައި ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ، ފްރާންސްގެ އެމްބާއްޕޭ، އިންގްލަންޑްގެ ޖޫޑް ބެލިންހަމް، ސްޕެއިންގެ ލެމިން ޔަމާލް، ތުރުކީގެ ކިނާން ޔިލްޑިޒް، ޑެންމާކްގެ ރަސްމުސް ހޮލަންޑް، ނެދަލަންޑްސްގެ ޒަވީ ސިމޯންސް، ޖަރުމަންގެ ޖަމާލް މުސިއާލާ ފަދަ މަޝްހޫރު އެތައް ކުޅުންތެރީންނެއް ހިމެނެއެވެ.

ޔޫރޯ ފުޓްބޯޅަ މުބާރަތަކީ ވޯލްޑް ކަޕް މުބާރާތް ނަގާފައި ފުޓުބޯޅައިގެ ދުނިޔޭގައި އެންމެ ފޯރިގަދަ މުބާރާތެވެ. ފުޓުބޯޅައަށް ބޮޑު ސަޕޯޓެއް އޮންނަ ރާއްޖެއިން ވެސް ގިނަ ބަޔަކު ޔޫރޯގެ މެޗުތައް ބަލައެވެ.

ޓެގު