ޝައްކެއް ނެތްގޮތުގައި ރޯދައަކީ ރައްކާތެރިކަމުގެ އައްޑަނައެކެވެ. ހަގީގަތުގައިވެސް މިއީ ވަރަށް ޙިކުމަތްތެރި ބަސްފުޅެކެވެ. ރޯދައަކީ ހުރިހާ މާނައެއްގައިވެސް ރައްކާތެރި ކަމެކެވެ. ޒުވާނުންގެ ތެރެއިން ކައިވެނި ކުރުމުގެ ތަނަވަސްކަން ލިބިގެން ނުވާމީހުން ރޯދަ ހިފުމަށްވެސް އިރުޝާދު ދެއްވާފައިވެއެވެ. އެހެނީ ރޯދަ ހިފުމުން ޝަހުވާނީ އެދުންތައް މައިތިރިކުރުވާ ކަމަށްޓަކައެވެ. ރޯދައަށް ހުއްޓައި މީހަކު ތިމާއާ ދިމާއަށް ހުތުރު އެއްޗިހި ކިޔައި ޒުވާބުކުރަން އުޅުނުކަމުގައި ވިޔަސް ތިމަންނަ މިހުރީ ރޯދައަށޭ ބުނެ އެކަމުން ދުރުހެލިވުމަށް އިރުޝާދު ދެއްވާފައިވެއެވެ.
އެހެންކަމުން ރޯދައަށް ހުންނަ ހުރުމުގައި ދުރުހެލިވާންޖެހޭ ކަންތައްތަކުން ދުރުހެލި ނުވާނަމަ ނުކައި ނުބޮއި ހުރުމުގެ ބޭނުމެއް ނެތެވެ. އެފަދަ މީހާ ރޯދައަށް ހުއްޓަސް ބަނޑުހައި ހޫނުކަމާއި ކަރުހިއްކުން ނޫންކަމެއް އޭނާއަކަށް ނުވެއެވެ.
“كَمْ مِنْ صَاءِمٍ لَيْسَ لَهُ مِنْ صِيَامِهِ إِلاَّ الْجُوْع وَالْعَطَش” (رواه أحمد والدارمي وابن ماجه)
މާނައީ : “އެމީހެއްގެ ރޯދައިން ބަނޑުހައި ހޫނުކަމާއި ކަރުހިއްކުން ނޫން އެހެންކަމެއް ނުލިބޭ ކިތައް ރޯދަވެރިން ވޭހެއްޔެވެ؟ “
މާނައަކީ ރޯދައަށް ތިބޭ މީހުންގެ ތެރޭގައި އެފަދަ މީހުން ވަރަށް ގިނައެވެ. އެހެން ޙަދީޘެއްގައި ވެއެވެ.
“مَنْ لَمْ يَدَعْ قَوْلَ الزُّوْرِ وَالْعَمَل بِهِ فَلَيْسَ لِلَّهِ حَاجَةٌ فِيْ أَنْ يَدَعَ طَعَامَهُ وَشَرَابَهُ” (رواه البخاري)
މާނައީ : ” ރޯދައަށް ހުރެ ދޮގުބުނުމާއި މަކަރުވެރި ޢަމަލުތަކުން ދުރުހެލި ނުވާމީހާ، ކެއިން ބުއިމުން ދުރުހެލިވެ ހުއްޓަސް އެއީ އެމީހެއްގެ ކިބައިން ﷲ ޤަބޫލުކުރައްވާ ކަމަކަށް ނުވާނެއެވެ. “
އެހެނީ ރޯދައަށް ހުންނަ ދުވަހުގެ ދުވާލުގެ ވަގުތުގައި މެނުވީ ޙަލާލުތަކެތިން ކައިބޮއި ހެދުމަކީ ހުއްދަކުރައްވާފައިވާ ކަމެކެވެ. ނަމަވެސް ދޮގުހެދުމާއި ދެބައޮޑުވުމާއި ޣީބަބުނުމާއި މަކަރުވެރި ޢަމަލުތައް ކުރުމީ ހުރިހާ ވަޤުތެއްގައިވެސް ޙަރާމްކުރައްވާފައިވާ ކަންކަމެވެ. އެހެންކަމުން މިފަދަ ޙަރާމްކަންތައްތައް ކުރާ މީހަކު ރޯދައަށޭ ކިޔައި ނުކައި ނުބޮއި ހުރުމުގެ ބޭނުމެއް ނެތެވެ.
މައުލޫމާތު: ޢިލްމުވެރިންގެ ފަތުވާތަކުން