English Edition
Dhivehi Edition
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ފުވައްމުލައް ސިޓީ ކައުންސިލްގެ އިސްވެރިންނާއި ފުވައްމުލައް ސިޓީ އ.ތ.މ ކޮމެޓީގެ މެމްބަރުންނާއި އެކު ބޭއްވިބައްދަލުވުން.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ރާއްޖޭގެ އެންމެ ދެކުނުގެ އަތޮޅުތަކަށް ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން ފުވައްމުލައް ސިޓީއަށް މިއަދު ހަވީރު ވަޑައިގެން ފުވައްމުލައް ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައި އެސިޓީގެ މުހިންމު މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

ފުވައްމުލައް ސިޓީ ކައުންސިލުގެ އިދާރާގައި މިއަދު ހަވީރު ކުރިއަށް ގެންދިޔަ މިބައްދަލުވުމުގައި ފުވައްމުލައް ސިޓީ ކައުންސިލުގެ އިސްވެރިންގެ އިތުރުން، އެ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންގެ އިތުރުން ސަރުކާރުގެ ބައެއް ވުޒާރާތަކުގެ ވަޒީރުންނާއި އިސްވެރިންވަނީ ބައިވެރިވެ ވަޑައިގެންފައެވެ. އެގޮތުން މިއަދު ކުރިއަށް ގެންދެވުނު މިބައްދަލުކުރެއްވުމުގައި ފުވައްމުލައް ސިޓީ ކައުންސިލުން ފާހަގަކުރެއްވި ބައެއް ކަންކަމުގެ ތެރޭގައި މިއަދު އިފްތިތާހްކުރެވުނު މަގުހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް މެދުނުކެނޑި ކުރިއަށްގެންދިއުމާއި ދެންހުރި މަގުތައްވެސް ހެދުމަށް ކައުންސިލާއި ރައްޔިތުން ބޭނުންވާކަން ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން މިދިޔަ ސަރުކާރުން ފުވައްމުލައް ސިޓީގައި ކުރިއަށް ގެންދިއުމަށް ނިންމަވައިފައިވާ 400 ހައުސިންގ ޔުނިޓު ތަރައްޤީކުރުމުގެ މަސައްކަތް ވީހާވެސް އަވަހަކަށް ފެށިގެން ދިއުމަށް އެދޭކަން ކައުންސިލުން ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ފުވައްމުލައް ސިޓީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ބަނދަރުގެ ޖާގައިގެ ދަތިކަމާއި، އެއާޕޯޓުގެ ރަންވޭ ބޮޑުކުރުމާއި، އިންޖީނުގޭގެ ކެޕޭސިޓީ އިތުރުކުރުމާއި، މަސް ރައްކާކުރާ ނިޒާމުގެ މަސައްކަތް އަވަހަށް ނިންމަވައިދެއްވުމާއި، އައު ހޮސްޕިޓަލެއް އެޅުމާއި، މިހާރު ހުރި ހޮސްޕިޓަލުގައި ނުފެށި ހުރި މަތީ ފެންވަރުގެ ޚިދުމަތްތައް ފެށިގެންދިއުމަށް އެދުން ހިމެނެއެވެ. މި ބައްދަލުކުރެއްވުމުގައި އ.ތ.މ. ކޮމިޓީގެ ފަރާތުންވަނީ އެކޮމިޓީގެ މެންބަރުންނަށް ފާހަގަކުރެވޭ މުހިންމު ކަންކަންވެސް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާ ކުރައްވާފައެވެ.

މިކަންކަމަށް އިޝާރާތްކުރައްވާ ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަޢުދު ވެވަޑައިގެންނެވި ފަދައިން ފުވައްމުލައް ސިޓީގެ ހުރިހާ މަގުތަކެއްވެސް ޒަމާނީ ފެންވަރަށް ތަރައްޤީ ކޮށްދެއްވާނެކަމުގެ ޔަޤީންކަން ވަނީ ދެއްވާފައެވެ. މީގެ އިތުރުން ފުވައްމުލައް ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައިގެ ދަތިކަމުންނާއި އަދި ފާހަގަކުރެއްވި އެހެން މައްސަލަތަކަށް ސަމާލުކަން ދެއްވައިގެން އެކަންކަން ހައްލުކޮށްދެއްވާނެކަމަށާއި، ޚާއްސަކޮށް އެމަނިކުފާނު ފުވައްމުލައް ސިޓީއަށް ވަޢުދުވެވަޑައިގަންނަވާފައިވާ ކަންކަން ފުރިހަމަ ކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.

ފުވައްމުލައް ސިޓީ ކައުންސިލާއެކު މިއަދު ބޭއްވެވި ބައްދަލުވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް އަމަލީގޮތުން ފައްޓަވައިދެއްވާފައެވެ. އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން ފުވައްމުލައް ސިޓީގެ ގާތްގަނޑަކަށް 12.7 ކިލޯމީޓަރުގެ ސަރަހައްދެއް ކަމުގައިވާ އެސިޓީގެ ޖުމުލަ 50 މަގެއް ތާރު އަޅައި ތަރައްޤީކުރެވޭނެއެވެ. އެގޮތުން މި މަޝްރޫޢަށް ޖުމުލަ 225 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު މި މަޝްރޫޢު ކުރިއަށް ގެންދަނީ ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މި މަޝްރޫޢުގެ ތެރޭގައި މަގުތަކުގައި ތާރު އަޅައި ތަރައްޤީ ކުރުމުގެ އިތުރުން މަސައްކަތުގެ ތެރޭގައި ފެން ހިންދާ ނިޒާމުވެސް ޤާއިމްކުރާނެކަމަށް އެމްޓީސީސީން ބުނެއެވެ.