English Edition
Dhivehi Edition

ބައިނަލްއަޤުވާމީ ޔޮޓްރެލީ، ސަވާދީއްތައިގެ 3 ވަނަ ދަތުރު މިއަދު ފަށައިފިއެވެ.

ސަވާދީއްތަ ދަތުރަކީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް މޯލްޑިވްސް އިންޓަގްރޭޑެޓް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެމްއައިޓީޑީސީން އަހަރަކު އެއްފަހަރު، ސިލްސިލާ ގޮތެއްގައި ކުރިއަށްގެންދާ ބައިނަލްއަޤްވާމީ ޔޮޓްރެލީއެކެވެ.

ސަވާދީއްތަ ދަތުރު 2024 ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޯލްޑިވްސް އިންޓަގްރޭޑެޓް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެމްއައިޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރ ޝިއުނާ ޚާލިދު ވިދާޅުވީ ރާއްޖޭގެ ތާރީޚާއި ދިވެހިންގެ ދިރިއުޅުމުގެ އަސްލު މިދަތުރުގެ ތެރެއިން ބައިވެރިންނަށް ތަޖުރިބާކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށެވެ.

އަދި މި ރެލީ ކުރިއަށްގެންދިޔުމުގެ އެންމެ މުހިއްމު އެއް ބޭނުމަކީ ފަތުރުވެރިކަން ފުޅާކުރުމުގެ އިތުރުން ރާއްޖޭގައި ކުރެވޭ ފަތުރުވެރިކަމުގެ ތަޖުރިބާވެސް ތަފާތުކުރުން ކަމަށް ޝިއުނާ ވިދާޅުވިއެވެ.

ސަވާދީއްތަ ދަތުރު 2024 ކުރިއަށް ގެންދިޔުމަށް ނިންމާފައިވަނީ “މޯލްޑިވްސް – އަ ސްމޯލް ކަންޓްރީ ވިތް އަ ބިގް ހާރޓް” މި ތީމް ގެ ދަށުންނެވެ. މާލެ އަތޮޅު ކުޑަގިރިން ފެށި މި ދަތުރު ނިންމާނީ އައްޑޫ ސިޓީއަށެވެ. މިޔޮޓްރެލީ ދަތުރުކުރުމަށް ހަމަޖެހިފައިވަނީ ވ.ފުލިދޫ، މ.މުލި، ލ.ގަން، ލ.ފޮނަދޫ، ގއ.ކޮލަމާފުށި، ގދ.ހޯނޑެއްދޫ، ސ.ހިތަދޫ އަދި ސ.ގަމަށެވެ. މިއަހަރު ކުރިއަށްދާ މިދަތުރުގައި ފުރަތަމަ ފަހަރަށް އީކުއޭޓަރ ހުރަސްކުރަން ހަމަޖެހިފައިވާކަން އެމްއައިޓީޑީސީން ހާމަކުރެއެވެ.

“ސަވާދީއްތަ ދަތުރު 2024” ނިންމުމުގެ ރަސްމިއްޔާތުގެ ގާލާ ނައިޓް ބޭއްވުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީގައެވެ.

ސަވާދީއްތަ ދަތުރު ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހީމް ފައިސަލް އާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުގެ އިތުރުން ސަރުކާރުގެ އިސްވެރިންނާއި ފަތުރުވެރިކަމުގެ ސިނާޢަތުގައި ޙަރަކާތްތެރިވާ ގިނަ ފަރާތްތަކުން ބައިވެރިވެވަޑައިގެންނެވިއެވެ.