English Edition
Dhivehi Edition

މޭމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދިޔުމަށް އެޤައުމުން އެއްބަސްވެއްޖެއެވެ.

މިގޮތަށް ނިންމާފައިވަނީ ފޮރިންގ އިންޑިއާ ސިފައިން ރާއްޖެއިން ގެންދިޔުމާއި ގުޅޭގޮތުން ދެޤައުމުގެ ދެމެދުގައި ކުރިއަށްގެންދިޔަ ހައި ލެވެލް ކޯރ ގްރޫޕްގެ ބައްދަލުވުމުގެ ތެރެއިން އިއްޔެ އިންޑިއާގެ ނިއުދިއްލީގައި ކުރިއަށްގެންދިޔަ ބައްދަލުވުމުގައި ކަމަށެވެ.

މި ބައްދަލުވުމުގައި މަޝްވަރާ ކުރެއްވި ކަންކަމާއި ގުޅޭގޮތުން ރާއްޖޭގެ ހާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ދެ ފަރާތުން ވެސް އެއްބަސްވީ 10 މާޗް 2024 ގެ ކުރިން ތިން އޭވިއޭޝަން ޕްލެޓްފޯމްގެ ތެރެއިން އެއް ޕްލެޓްފޯމްގައި ތިބި ސިފައިން ބޭލުމަށް ކަމަށާއި އަނެއް ދެ ޕްލެޓްފޯމްގައި ތިބި ސިފައިންގެ 10 މެއި 2024 ގެ ކުރިން ބޭލުމަށް އެއްބަސްވެފައިވާ ކަމަށެެވެ.

މި ބައްދަލުކުރެއްވުމަށްފަހު އިންޑިއާގެ އެކްސްޓާނަލް އެފެއާސް އިން ވިދާޅުވީ، ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ވެސް ބައްދަލުވުމުގައި މަޝްވަރާކުރެއްވި ކަމަށެވެ.

މީގެ އިތުރުން، ދިވެހިންނަށް އިންސާނީ އަދި މެޑްވެކްގެ ހިދުމަތް ފޯރުކޮށްދޭ އިންޑިޔާގެ ވައިގެ ދަތުރުފަތުރުގެ ޕްލެޓްފޯމްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް ޓަކައި ދެ ގައުމުގެ ދެމެދުގައި މަސައްކަތްކުރެވޭނެ ގޮތްތަކެއް ކަނޑައެޅުމަށް ވެސް ދެ ގައުމުންވެސް އެއްބަސްވެފައިވާ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. އަދި އިންޑިއާ ސިފައިން މާޗް މަހުގެ 15 ވަނަ ދުވަހުގެ ކުރިން އަނބުރާ ޤައުމަށް ގެންދިޔުމަށް ދިވެހި ސަރުކާރުން ވަނީ ރަސްމީކޮށް މިދިޔަ ޖެނުއަރީމަހު އިންޑިއާ ސަރުކާރަށް އަންގާފައެވެ.