ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބު ބޯމަތިވަމުން އަންނަ އިރު، ހުރިހާ ސިޔާސީ ޕާޓީތަކުން ދަނީ އެ އިންތިޚާބަށް ތައްޔާރުވަމުންނެވެ. ކޮންމެ ޕާޓީއަކުންވެސް އެ ޕާޓީއަކަށް އެންމެ ފައިދާ ވާނެ ކެންޑިޑޭޓަކު ނެރެ މަޖިލިހުގެ ގޮނޑި ކާމިޔާބުކުރުމަށް ދަނީ ބުރަކޮށް މަސައްކަތް ކުރަމުންނެވެ. ހަމައެހެންމެ ކެންޑިޑޭޓުންވެސް އެހާމެ ބުރަކޮށް ކެމްޕެއިން ކުރައްވަވަމުން ގެންދަވާއިރު، ރައްޔިތުން އަބަދުވެސް ބޭނުންވަނީ ގައުމަށް ނުވަތަ ރަށަށް ނުވަތަ އެ ދާއިރާއަކަށް އެންމެ ބޮޑަށް ފައިދާވާނެ ކެންޑިޑޭޓަކު ނެރެވޭތޯއެވެ. ރައްޔިތުން ބޭނުންވާ ތަރައްގީއާއި ކުރިއެރުން ހޯދައިދެވޭނެ ގާބިލް ކެންޑިޑޭޓަކަށް ދާއިރާގެ ގޮނޑިހޯދައި ދިނުމަށެވެ. އެގޮތުން އައްޑޫ ސިޓީ ހިތަދޫ ދެކުނު ދާއިރާގެ ރައްޔިތުންވެސް ބޭނުންވަނީ އަބަދުވެސް އެދި އެދި ތިބި މިއަދި މިހާތަނަށް ނުލިބި، މަހުރޫމް ވެފައިވާ ރައްޔިތުން އެދޭފަދަ ތަރައްގީ ހޯދައިދިނުމަށް މަޖިލިހުގައި ރައްޔިތުން ތަމްސީލު ކުރާނެ އަދި އަމަލީގޮތުން އެކަން ކުރެވޭފަދަ ކެންޑިޑޭޓަކު ނެރުމަށެވެ.
މުޙައްމަދު ސިޔާމް އަކީ އައްޑޫސިޓީގެ ހިތަދޫ ދެކުނު ދާއިރާގެ ގޮނޑިއަށް ޕީޕީއެމް އަދި ޕިއެންސީ ގެ އަދި ސަރުކާރުގެ ކޯލިޝަން ކެންޑިޑޭޓުގެ ގޮތުގައި ވާދަ ކުރައްވަވާ ކެންޑިޑޭޓެވެ. ޕާޓީގެ އެތެރޭގެ އިންތިޚާބުން ހޯއްދެވި ފުރިހަމަ ކާމިޔާބީ އާއެކު މަޖިލިހުގެ ގޮނޑި ކުރިއަށް އޮތް ދައުރަށް ކާމިޔާބު ކުރެއްވުމަށް މަސައްކަތް ކުރައްވަވަމުން ގެންދަވާ ސިޔާމަކީ ސިޔާސީ ދާއިރާގައި އަދި ލީޑަރޝިޕްގައި ގިނަ ދުވަހު މަސައްކަތް ކުރެއްވެވި، އަދި ފުޅާ ދާއިރާއެއްގައި ރާއްޖޭގައި އަމިއްލަ ވިޔަފާރި ކުރައްވަވަމުން ގެންދަވާ ޒުވާން ވިޔަފާރިވެރިއެކެވެ. ރައްޔިތުން އެދޭފަދަ ބަދަލު އައްޑޫސިޓީއަށް އަދި ހިިތަދޫ ދެކުނު ދާއިރާއަށް ގެނައުމުގެ އުއްމީދުގައި ސިޔާމް ނިކުންނެވީ ސިޔާސީ ދާއިރާގައި ލިބިލައްވަވާފައިވާ ގިނަގުނަ ތަޖުރިބާ ތަކާއި އެކުގައި ރައްޔިތުން އެދޭފަދަ ތަފާތު ބަދަލެއް މަޖިލިސް ތެރެއިން ހޯއްދަވައި ދެއްވަވާނެ ކަމުގެ ފުރިހަމަ ޔަގީން ކަމާއެކުގައެވެ.
އައްޑޫސިޓީގެ ކޮމްޕްރިހެންސިވް ސްކޫލުން ސާނަވީ މަރުހަލާ ފުރިހަމަ ކުރުމަށްފަހު މަތީ ސާނަވީ އަށް މާލެ ބަދަލުވެ ތައުލީމު ފުރިހަމަ ކުރެއްވުމަށްފަހު ސިޔާމް ބޭނުންވީ ކުޑައިރުއްސުރެން ފެށިގެން ޝައުގުހުރި ދާއިރާއެއް ކަމަށްވާ ކުރެހުމާއި އާރޓްގެ ދާއިރާއިން ކުރިއަށް ދިއުމަށެވެ. އެގޮތުން ފަތުރުވެރިކަން ޕްރޮމޯޓް ވާކަހަލަ ގޮތްގޮތަށް ހުންނަ ކުރެހުން ތަކާއި ޓީޝާޓް ތަތް ޖެހުމުގެ މަސައްކަތް ފައްޓަވައި އެމަސައްކަތުން އާމްދަނީ ހޯއްދަވައި އެ ވިޔަފާރި ފުޅާކުރެވޭތޯ ސިޔާމް މަސައްކަތް ކުރެއްވެވިއެވެ.
އެ ދުވަސްވަރަކީ ރާއްޖޭގެ ސިޔާސީ ހަރަކާތްތައް ވެސް ފެށި ރިޔާސީ ނިޒާމާއި ބަރުލަމާނީ ނިޒާމުގެ ވޯޓު ނެގުމުގެ މަސައްކަތް ރާއްޖޭގައި ކުރަމުން ދިޔަ ދުވަސްވަރެވެ. އެހާހިސާބުން ސިޔާސީ ދާއިރާއަށް ޝައުގުވެރިކަން އުފެދި އެމްޑީޕީ އަލަށް އުފެދިގެން އައި އިރު ޕާޓީގައި ހަރަކާތްތެރި މެމްބަރެއްގެ ގޮތުގައި ސިޔާމް މަސައްކަތް ފެއްޓެވިއެވެ.
ސިޔާސީ މަސައްކަތް ތަކާއެކު މާލޭގައި ސީފުޑް ވިޔަފާރި ފަށައި އެވިޔަފާރީގައި ސިޔާމް ކުރިއެރުން ހޯއްދެވިއެވެ. އަދި ކުރެވުނު ބުރަ މަސައްކަތްތަކާއެކު މަދުދުވަސްތަކެއްގެ ތެރޭގައި ސިޔާމްގެ ސީރިއަލް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަކީ ރާއްޖޭގައި ސީފުޑް ވިޔަފާރި އެންމެ ފުޅާ ދާއިރާއެއްގައި ކުރާ ކުންފުނިކަމުގައި ވެގެން ދިޔައެވެ. އޭގެ ފަހުން 2019 ވަނަ އަހަރު ވިޔަފާރި ފުޅާކޮށް އިންޑިޔާގެ ޓްރިވެންޑްރަމްގައި ސީރިއަލް މެރިން ފުޑް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި އިތުރު ކުންފުންޏެއް އުފައްދައި ކުންފުނީގެ މަސައްކަތްވެސް ސިޔާމް ފެށިއެވެ. ހަމަ އެއާއެކު ޖެހިގެން އައި އަހަރުގައި ސީރިއަލް ސީފުޑް އަދި ތްރީބޯންސް އުފައްދައި 4 ކުންފުންޏާއެކު ވިޔަފާރީގެ މަސައްކަތް ފުޅާކުރެއްވިއެވެ.
“މާލޭގައި އަމިއްލަ ވިޔަފާރި ފަށައިގެން މިއަދު މިހުރި ހިސާބަށް ދެވުނީ ވަރަށް ގިނަ މަސައްކަތާއި ގޮންޖެހުންތަކަކަށްފަހު. ހިކުމަތްތެރިކަމާއި ހިތްވަރާއެކު ހުއްޓާނުލާ ކުރެވުނު މަސައްކަތުގެ ނަތީޖާ މިއީ. ސިޔާސީ މަސައްކަތް ވެސް ކުރަމުން އަމިއްލަ ވިޔަފާރި ފުޅާކުރަމުން ވަރަށް ބުރަ ކޮށް މަސައްކަތް ކުރަން ޖެހުނު . އެހެންވިޔަސް ހުއްޓާނުލާ ކުރިއަށް ދިޔައީ” ސިޔާމް ކިޔައިދެއްވިއެވެ.
ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގައި ޕީއެންސީ އަދި ޕީޕީއެމް ވެރިކަމަށް ގެނައުމަށްޓަކައި ސިޔާމް ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަވާފައެވެ. ވަކިން ޚާއްޞަކޮށް ދެވަނަ ބުރުގައި އެކަމަށް ހުރިހާ ވަގުތެއް ހުސްކޮށް މާލީ ގޮތުންނާއި އަދި ޢަމަލީ ގޮތުން ވެސް ސިޔާމް ވަނީ އެ އިންތިޚާބު ކާމިޔާބު ކުރުމަށް މަސައްކަތް ކުރައްވަވާފައެވެ.
ސިޔާސީ ދާއިރާގައި ކުރެވުނު ކާމިޔާބު މަސައްކަތް ތަކަށް ފަހު މިހާރު ސިޔާމް ބޭނުންވަނީ ސިޔާމްގެ ބައްޕަގެ ރަށް ކަމަށްވާ އައްޑޫސިޓީގެ ހިތަދޫ ދެކުނު ދާއިރާގެ މަޖިލިސް ގޮނޑިއަށް ސަރުކާރު ކޯލިޝަންގައި ވާދަކުރައްވަވާ ކާމިޔާބު ކުރެއްވުމަށެވެ.
“ޕްރައިމަރީގެ ކެމްޕެއިން ތެރޭގައި ކުރެވުނު މަސައްކަތްތަކަށް ބަލާއިރު ވަރަށް ރަނގަޅަށް ދާއިރާގައި ހުރި މައްސަލަތައް ވެސް އެނގިގެން ދިޔަ. ހިތަދޫގައި ބޮޑު އާބާދީއެއް އޮވެމެ އަދި ބޮޑު ރަށެއްގެ ރައްޔިތުން އުޅެން ނުޖެހޭ ޙާލަތުގައި އުޅޭތަން ފެނިގެން ދިޔަ. އަޅުގަނޑަކީ ވެސް ކުޑައިރު މިތަނުގައި އުޅެފައި ހުރި މީހެއް. ވުމާއެކު މީގެ 20 އަހަރު ކުރިންވެސް އައްޑޫ އޮތް ޙާލަތުގައި އައްޑޫ އޮތްތަން ފެންނަމުން މިދަނީ. ސިޓީ ދަރަޖަ ދީފައި އޮތް ތަނެއް ވިޔަސް އެދަރަޖަ ލިބިފައިވާ ޙާލަތެއްގައެއް ނޫން މިތަން އޮތީކީއެއް” ސިޔާމް ކިޔައިދެއްވެވިއެވެ.
ލޯކަލްގަވަމެންޓް ސިސްޓަމަށް ބަދަލު ގެނެސް ފެޑެރަލް ސިސްޓަމަކަށް ގެނައުމަކީ އައްޑޫފަދަ އާބާދީ ބޮޑު ތަނަކަށް ތަރައްގީ ގެނައުމުގައި އެންމެ ބޮޑަށް ފައިދާވާނެ ގޮތް ކަމަށް ސިޔާމް ގަބޫލު ކުރައްވަވައެވެ.
“އަޅުގަނޑު ގަބޫލެއް ނުކުރަން މިހާރު މިއޮތް ސިސްޓަމަށް މަސައްކަތް ކޮށްގެން ތަރައްގީ ގެންނަން ކިތަންމެ ދުވަހަކު މަސައްކަތް ކުރިޔަސް އިތުރު ކުރިއެރުމެއް އަންނާނެހެން. މިހާރު ކައުންސިލްގެ ވެސް 3 ވަނަ ދައުރު މިއޮތީ ރައްޔިތުން ވޯޓުލައިގެން އިންތިޚާބުވެގެން ހޮވާފައި. މިހާތަނަށް ކުރެވުނު މަސައްކަތަކުން ނެތް އައްޑޫއަށް އެއްވެސް ބަދަލެއް އައިސްފައެއް. އަޅުގަނޑުމެންނަށް އަބަދުވެސް ފެންނަނީ މާލެ ނުވަތަ ހުޅުމާލޭ ފޭސްޓޫ އާއި ފޭސްވަން ކުރިއަރަމުން އަންނަތަން. މިކަން ރަނގަޅަށް ބަލާއިރު މިވާ ގޮތަކީ އައްޑޫސިޓީއާއި އަދި އެހެން އަތޮޅުތަކަށް މިލިބޭ ރެވެނިއުގެ ބޮޑު ޕަސެންޓެއް މި ބޭނުން ކުރަނީ މާލެ ސަރަހައްދު ތަރައްގީކުރުމުގައި. މިކަމަށް ނިމުމެއް ގެނެވޭނެ އެންމެ ރަނގަޅު ގޮތަކީ ރަނގަޅަށް ވިސްނުމަށްފަހު ފެޑެރަލް ސިސްޓަމް އަކަށް ރާއްޖެ ބަދަލު ކުރުން” ސިޔާމް ގަބޫލު ކުރައްވަވާ ގޮތަކީ އެއީއެވެ.
ސިޔާމް ވިދާޅުވީ ފެޑެރަލް ސިސްޓަމަށް ބަދަލު ކުރުމުން އައްޑޫއަށް ލިބޭނެ ފައިދާއަކީ އައްޑޫއަކީ ސްޓޭޓަކަށް ވެ ރައްޔިތުންގެ ވޯޓުން ހޮވޭ ގަވަރުނަރާއެކު އަމިއްލަ މުސްތަގިއްލު ކެބިނެޓަކާއެކު އައްޑޫ ތަރައްގީކުރުމަށް ފުރުސަތު ފަހިވެގެން ދިއުން ކަމަށެވެ. އަދި ވަކިން ގާނޫނު ހެދި އެގާނޫނުގެ ދަށުން އައްޑޫއިން ނެގޭ ޓެކްސްތަކާއި އެހެނިހެން ގޮތްގޮތުން ލިބޭ ރެވެނިއު އަކީ ސެންޓްރަލް ސަރުކާރަށް ވަކި ޕަސެންޓެއް ދިނުމަށްފަހު ބާކީ ހުރިހާ ފައިދާއެއް ސީދާ އައްޑޫ ތަރައްގީކުރަން ލިބޭ އެއްޗަކަށް ވެގެން ދާނެކަމަށެވެ. އަދި މިއީ ދުނިޔޭގެ ތަރަައްގީވަމުން އަންނަ އަދި ތަރައްގީވެފައި ހުރި އެހެނިހެން ގައުތައް ވެސް ހިނގަމުން އަންނަ ސިސްޓަމް ތަރައްގީ ބޭނުންނަމަ މި ސިސްޓަމަށް ބަދަލުވާނެ ޖެހޭ ކަމަށެވެ.
” މި ސިސްޓަމަށް ބަދަލު ވުމުން ލިބޭ ފައިދާ އަކީ އައްޑޫއަށް ބޭނުންވާ ތަރައްގީގެ ހުރިހާ ކަމެއް ކުރަން ލާރި ލިބުނީ. ކޮންމެ ކަމެއްގައި މައި ސަރުކާރަށް ސަލާން ޖަހަން ނުޖެހި ގާނޫނީ ގޮތުން ލިބިދޭ ބާރުތަކާއެކު ހަލުވި ދުވެއްޔެއްގައި ތަން ތަރައްގީވެގެން ދާނެ. ދުނިޔޭގެ ބޮޑެތި ބޭންކުތަކުން ލޯނު ދެނީވެސް ސްޓޭޓް ގަވަރމެންޓް ހިންގާ ގައުމު ތަކަށް. ލޯކަލް ގަވަމެންޓް ހިންގާ ސަރުކާރު ތަކަށް އެފަދަ ލޯނެއް ނުލިބޭ. އެކަން އެނގި ތިބެ އެކަމަށް ވަކާލާތު ނުކޮށް ތިބުމަކީ އަޅުގަނޑުމެންގެ ރަށްތަކަށް ލިބެންޖެހޭ ތަރައްގީއަށް އެޅޭ ވަރަށް ބޮޑު ހުރަހެއް. މި ސިސްޓަމަށް ބަދަލުވެގެން ނޫނީ އައްޑޫއަށް ބޭނުންވާ ތަރައްގީ ނުގެނެވޭނެތީ އަޅުގަނޑުބޭނުންވަނީ މަޖިލިސްތެރެއިން ވަކާލާތުކޮށްގެން ވިޔަސް މި ސިސްޓަމް ބަދަލުކުރެވޭތޯ މަސައްކަތް ކުރަން. އެއީ މަޖިލިހަށް އަޅުގަނޑު ދާން ބޭނުންވާ ސަބަބަކީ” ސިޔާމް މަޖިލިސް ގޮނޑި ކާމިޔާބު ކުރައްވަވަން ބޭނުންވާ ސަބަބު ކިޔައިދެއްވަމުން ވިދާޅުވިއެވެ.
ސިޔާމް ވިދާޅުވީ ހުރިހާ ކަމެއް ނިމޭ ހިސާބަކީ ފައިސާ ކަމަށް ވާއިރު ފާއިސާ ނެތި އެއްވެސް ތަރައްގީއެއް ނުކުރެވޭނެ ކަމަށެވެ. އަދި ކައުންސިލް ތަކުން ކަންތައްތައް ކުރަން ބޭނުންވިޔަސް ލާރީގެ ދަތިކަން އޮތީމާ އެކަމެއް ނުވެވޭ ކަމަށެވެ. އިންވެސްޓަރުން ވެސް އަންނަނީ އޮންނަ ގާނޫނީ ބާރުވެރިމިންގަނޑެއް ބަލާފައިކަމަށާއި މިހާރު ރާއްޖޭގައި މިއޮތް ޙާލަތުން މާލޭގައި ތިބި މިނިސްޓަރުންނާއި ގުޅިގެން ނޫނީ އެހެންތަނަކަށް އިންވެސްޓްކުރާނެ ވިސްނުމެއް ނެތްކަމަށް ސިޔާމް ދެކިލައްވައެވެ. އަދި ފެޑަރަލް ސިސްޓަމަކަށް ބަދަލުވެއްޖެނަމަ އައްޑޫގައި އަމިއްލަ ސްޓޭޓް ގަވަރމެންޓެއް ގާއިމު ކުރެވި ހުރިހާ ބާރުތަކެއް ލިބި، ޑައިރެކްޓް އިންވެސްޓަރުން އައިސް އިންވެސްޓް ކުރާނެ ފުރުސަތު ލިބި އައްޑޫތަރައްގީވެގެން ދާތަން ފެނިގެން ދާނެކަމަށާއި ސިސްޓަމް ބަދަލުކުރުން މުހިއްމު ކަމަކަށް ވާތީ އެކަން ކުރަން މަޖިލިހަށް ދިއުމަށް ފުރުސަތު ބޭނުންވާކަމަށް ސިޔާމް ވިދާޅުވިއެވެ.
” މިހާލަތު ބަދަލު ކުރެވޭނީ ސިސްޓަމް ބަދަލުކުރެވިގެން. ދުނިޔޭގެ ތަރައްގީވެފައިވާ ހުރިހާ ގައުމުތައް ތަރައްގީވެގެން މިއަންނަނީ މިގޮތަށް ސިސްޓަމް ބަދަލުކޮށްގެން. އިންޑިޔާގައި ވެސް އޮންނަނީ މި ސިސްޓަމަށް އެހެނަސް ބަރުލަމާނީ ނިޒާމުގައި. ރާއްޖޭގައި ވެރިކަމުގެ ނިޒާމު ބަދަލު ނުކޮށް އެމެރިކާގައި އޮންނަ ގޮތަށް ރިޔާސީ ނިޒާމެއްގެ ތެރެއިން ފެޑެރަލް ސިސްޓަމަށް ބަދަލު ކުރުމަކީ އައްޑޫ އަށް ބޭނުންވާ ތަރައްގީ ގެނެވޭނެ ހަމައެކަނި ގޮތް ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ” މަޖިލިސް އިންތިޚާބުގައި ސިޔާމް ގެންގުޅުއްވަވާ ތަސައްވުރަކީ އެއީއެވެ.
ސިޔާމް ވިދާޅުވީ ކޮންމެ އިންތިޚާބަކާ ދިމާކޮށް ކެންޑިޑޭޓުން ރައްޔިތުންނާ ބައްދަލުކޮށް ތަރައްގީގެ ގިނަ ކަންތައްތަކެއް ކުރުމަށް ވައުދުވާއިރު ހަގީގަތުގައި އެފަދަ ކަންތައްތަކަކީ މެމްބަރުންނަށް ކުރެވޭނެ ކަންތައްތަކެއް ނޫންކަމަށެވެ. އަދި އެއީ ސަރުކާރުގެ މެންޑޭޓް ތެރެއިން ކުރެވޭ ކަންކަންކަމަށެވެ.
” މެމްބަރުންގެ އަސްލު ހަގީގީ ކަންތައް ތަކެއް ކުރެވެން އަންނާނީ މަޖިލިސް ތެރެއިން . އެ މެމްބަރަކު ނިސްބަތްވާ ތަނަށް އިތުރު ބަދަލުތަކެއް ގެނެވޭނެ ނިޒާމުތަކެއް އުފެއްދިގެން ގާނޫނަށް ބަދަލުތަކެއް ގެންނަން ޖެހޭ ނިޒާމެއް ގެނެވިގެން ނޫން ގޮތަކަށް ކުރިއެރުމެއް ނާންނާނެ. މި ފާހަގަކޮށްލި ހުރިހާ ކަންތައްތަކަކީ މި ބުނާ ނިޒާމު ބަދަލުކުރެވުނީމާ އޮޓޮމެޓިކަލީ ހުރިހާ ކަމެއްވެސް ތަރުތީބުވެގެން ނިމިގެން އަންނާނެ ބަދަލުތަކެއް” ސިޔާމް ވިދާޅުވިއެވެ.
ފެޑަރެލް ސިސްޓަމަކީ ރާއްޖެ، ޚާއްޞަކޮށް އައްޑޫތަރައްގީވެގެން އަންނާނެ ހަމައެކަނި ފެންނަން އޮތް ސިސްޓަމަށް ވާތީ އާއި މި ސިސްޓަމް ނުގެނެސް ކުރިން ވާހަކަ ދައްކަމުން އަންނަ ގޮތްތަކަށް ކިތަންމެ ވަރަކަށް ވާހަކަ ދެއްކިޔަސް މާގިނަ ކުރިއެރުމެއް ފެނިގެން ނުދާނެ ކަން ޔަގީންވާނެ ތީވެ ބޭނުންވާ ބަދަލު ގެނައުމަށް ރައްޔިތުންގެ ވޯޓު ސިޔާމަށް ވަރަށް މުހިއްމެވެ.
“މަޖިލިހުގެ ގޮނޑިއަށް ސިޔާމް ގެންނަން ބޭނުންވާނީ މި ސިސްޓަމް އައްޑުއަށް ގެނެސް ފެޑަރެލް ސިސްޓަމަކަށް އައްޑޫ ބަދަލުކޮށް ސްޓޭޓް ގަވަރމެންޓެއް ހަދަން އެހުވަފެން ދެކެން . ސިޔާމަކީ އެކަން ކުރެވޭނެ އަދި އެކަމަށް މަސައްކަތް ކުރާނެ މީހަކަށް ވާތީ ސިޔާމަށް ވޯޓު ދޭންވީ”
ރިސޯޓު ސެކްޓަރ އާއ ގުޅުން ހުރި ދާއިރާއެއްގައި ވިޔަފާރި ކުރާ މީހެއްގެ ހައިސިއްޔަތުން ފާހަގަކުރެވޭ މުހިއްމު އެއްކަމަކީ ކިޔަވައިގެން ތިބި ތައުލީމީ ގިނަ ޒުވާނުންނެއް ޚާއްޞަކޮށް އައްޑޫއަށް ނިސްބަތްވާ ޒުވާނުން ރިސޯޓްތަކުގައި މަސައްކަތް ކުރާއިރު މަތީ ފެންވަރުގެ ވަޒީފާތައް ރާއްޖޭގެ ޒުވާނުންނަށް ނުލިބޭ މައްސަލަކަން ސިޔާމް ފާހަގަ ކުރެއްވެވިއެވެ. މަތީ ފެންވަރުގެ މަގާމްތައް ކަމަށްވާ މެނޭޖަރ، އެސިސްޓެންޓް މެނޭޖަރ ފެންވަރުގައި ޕާޗެސިން އަދި އެކައުންޓެންޓް އަދި އެޗްއާރު ފަދަ މަގާމުތަކަށް ދިވެހިން ގެނައުން ލާޒިމުކުރާ ގޮތަށް ގާނޫނަށް ބަދަލު ގެނެސް މަޖިލިސް ތެރެއިން އެކަމަށް މަސައްކަތް ކުރުމަކީ ވެސް ސިޔާމްގެ އެއް ހުވަފެނެވެ.
ސިޔާސީ ދާއިރާގައި މިހާތަނަށް ލިބިލެއްވެވި ތަޖުރިބާ ތަކާއި އެކު މަޖިލިސް ގޮނޑިއަށް ވާދަކުރައްވަވާއިރު ސިޔާމް ބޭނުންވަނީ އައްޑޫއަށް ތަފާތު ބަދަލެއް ގެނައުމަށް އެފުރުސަތު ސިޔާމަށް ދެއްވުމަށެވެ. އަދި ސިޔާމްގެންގުޅުއްވަވާ ތަފާތު ތަސައްވުރާއެކު އައްޑޫ ތަރައްގީ ކުރުމަށް މަސައްކަތް ކުރާނެ ފުރުސަތު ސިޔާމަށް ދެއްވުމަށެވެ.