އެކި މައްސަލަތަކުގައި މީގެ ކުރިން 78 ފަހަރު ހައްޔަރުކުރި މީހަކު، އަނެއްކާވެސް ފުލުހުން ހައްޔަރުކޮށްފިއެވެ.
މީހަކަށް މަރުގެ އިންޒާރު ދިން މައްސަލައިގައި މިދިޔަ އާދިއްތަ ދުވަހު ހައްޔަރުކުރީ، މ. ފޯމޫން، މުހައްމަދު ޔަޒީން (35އ) އެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް އިއްޔެ ހާޒިރުކުރުމުން އެ ކޯޓުން ވަނީ އޭނާގެ ބަންދަށް ހަތް ދުވަސް ޖަހައިފައެވެ. އޭނާގެ ބަންދުގެ މައްދަތު ޖެހުމަށް ނެރުނު ކޯޓު އަމުރުގައިވާ ގޮތުން އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅޭ ކޮންމެވެސް ވަރެއްގެ ހެކި އެބަހުއްޓެވެ. އަދި އޭނާ އަކީ މީގެ ކުރިން 78 ފަހަރު ހައްޔަރުކޮށްފައިވާ މީހެއްކަންވެސް ވަނީ ފާހަގަކޮށްފައެެވެ.
ރާއްޖޭގައި ކުށްކުރާ މީހުންގެ ނިސްބަތް ވަރަށް ބޮޑު ތަނުން އިތުރުވަމުން އަންނައިރު، ތަކުރާރުކޮށް އެއް ކުށެއްކޮށްގެން ހައްޔަރުކުރާ މީހުންގެ އަދަދުވެސް އިތުރުކަން ފާހަގަކޮށްލެވެއެވެ. އެހެންނަމަވެސް މިފަދަ ކުށްކުރާ މީހުންނަށް އެކަށީގެންވާ އަދަބު ނުދެވި މުޖުތަމައުއަށް ދޫވެފައިވާ މައްސަލައިގައި ގިނަ ބައެއްގެ ކަންބޮޑުވުންތައް ހުރިއިރު، އެފަދަ މީހުންނަށް މުޖްތަމައުއަށް ދޫކޮށްލާފައި ތިބުމަކީ އާންމުންގެ ސަލަމާތައްވެސް ނުރައްކާކަމެއްކަމުގައި ފާހަގަކޮށްލެވެއެވެ.