English Edition
Dhivehi Edition

މި ސަރުކާރުން މަސައްކަތްކުރާނީ ރައްޔިތުންނާ އެކީގައި، ރައްޔިތުންގެ އަޑުއަހައިގެންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޔުނައިޓެޑް ޢެރެބް އެމިރޭޓްސްގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވައި، ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވިދާޅުވީ ކަންކަން ބައްޓަންކޮށް، ނިންމުންތައް ނިންމާނީ ރައްޔިތުންގެ މައްސަލަތަކަށް ޙައްލު ލިބިގެންދާނެފަދަ ގޮތަކަށް ކަމުގައެވެ. އަދި މި ސަރުކާރުގެ ސިޔާސަތަކަށް ވާނީ ދިވެހިންނަށް އިސްކަންދީ، ދިވެހިންގެ މަސްލަހަތު އިސްކުރުން ކަމުގައެވެ.

އެގޮތުން ކޮންމެ ޤައުމެއްގައި ތިބި ދިވެހިންނަށް ވެސް، ދިވެހި ސަރުކާރުގެ ފަރާތުން މިހާރަށްވުރެ ރަނގަޅަށް ކަންކަން ކޮށްދިނުމުގެ ސިޔާސަތު މި ސަރުކާރުން ގެންގުޅުއްވާ ކަމަށާއި ޚާރިޖީ މިޝަންތަކުގެ މަސައްކަތްތައް ބައްޓަން ކުރާނީ އެ ޤައުމެއްގައި ތިބި ދިވެހިންގެ ކަންކަމަށް، ސަމާލުކަން ދީގެން ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތްކުރާނެ ގޮތަށް ކަމަށާއި މި ސަރުކާރުން ޤައުމަކަށް އާ ސަފީރެއް ހަމަޖައްސާއިރު، ކުރިއަށްވުރެ ރަނގަޅަށް ކަންކަން ކޮށްދޭނެ މީހެއް ހަމަޖައްސާނެކަމުގެ ޔަޤީންކަން ވެސް އެމަނިކުފާނު ދެއްވިއެވެ.

މި ބައްދަލުވުމުގައި އެމަނިކުފާނު ވަނީ، މި ސަރުކާރުގެ އެންމެ މުހިންމު ސިޔާސަތަކަށް އޮތީ ޤައުމިއްޔަތު ދިރުވައި އާލާކުރުންކަމުގައި ވިދާޅުވެފައެވެ. އަދި މި ސަރުކާރުން އަލަށް އުފެއްދި މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖްގެ މަސައްކަތްތަކުގެ ތެރެއިން އެމްބަސީތަކާއި ކޮންސިއުލޭޓްތަކާ ގުޅިގެން، ރާއްޖެއިން ބޭރުގައި ތިބޭ ދިވެހިންނަށްވެސް ދިވެހި ބަހާއި އިސްލާމްދީނަށް ލޯބިޖެހޭނެ ގޮތަށް މަސައްކަތްތައް ރާވައި ހިންގުމަށް މަސައްކަތްކުރައްވާނެކަމުގައި ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް އިސްލާމްދީނުގައި ހުރިކަންކަން ދަސްކޮށްދީ، އިސްލާމްދީނުގައި އޮންނަ ރީތި ހަމަތަކުގެ މަތީގައި ކުދިން ބޮޑުކޮށް، ހަރުދަނާ އަޤީދާއެއް ޤާއިމުކޮށްދިނުމާއެކު، އާންމުކޮށް މި އޮންނަ ކޮންސިއުލަރ މަސައްކަތްތަކުގެ އިތުރަށް ދިވެހިބަހާއި އެކީގައި ދީނީ ކަންކަން އިސްލާމްދީނުގެ މާއްދާއާއި ގުޅޭގޮތުން ކިޔަވާދިނުމުގެ ކަންތައްތަކެއް ރާވައިގެން ކުރިއަށްގެންދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ޖުމްލަގޮތެއްގައި ޤައުމިއްޔަތު ދިރުވައި އާލާކުރުމަށް މި ސަރުކާރުން ފެށި މަސައްކަތަކީ ރާއްޖޭގެ އިމުން ބޭރަށް ދިވެހިންތިބި ކޮންމެ ތަނަކަށް އެކަން ފުޅާކޮށް ރައްޔިތުންނާ ހަމައަށް ގެންގޮސްދިނުމަށްޓަކައި ކުރަން ވިސްނަވާފައި އޮތް ކަމެއްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އަންނަން އޮތް ޖީލުތަކަށް ދިވެހިވަންތަކަން ވާސިލްކޮށްދެއްވުމުގައި ދިވެހި ރައްޔިތުން ފަޚުރުވެރިވާފަދަ ގޮތަކަށް މަސައްކަތްކުރައްވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔޫ.އޭ.އީ އަށް ވަޑައިގެންފައިވަނީ މާދަމާ ފެށުމަށް ހަމަޖެހިފައިވާ 28 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް28) ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށެވެ.

މި ބައްދަލުވުމުގައި ރައީސް ވަނީ ދުބާއީގައި ދިރިއުޅޭ ދިވެހިންނަށް ދަތިވާ ކަންކަމާއި ބޭނުންވާ ކަންކަން ޙިއްޞާކުރުމަށް ފުރުޞަތު ހުޅުވައިލައްވާފައެވެ. އަދި އެކަންކަން ޙައްލުކޮށްދެއްވުމަށް މި ސަރުކާރުން މަސައްކަތް ކޮށްދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.