ރައްޔިތުންނަށް ޚިދުމަތްކުރުމުގެ އަމާޒުގައި، އަދި ރައްޔިތުން ފޯކަސްގައި ބަހައްޓައިގެން ނަތީޖާ ނެރެދިނުމުގެ އަޒުމުގައި މަސައްކަތްކުރުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ރައީސް މުއިއްޒު ވަނީ އެ އޮފީހުގެ މުވައްޒަފުންގެ ކިބައިން އެއްބައިވަންތަކަމާއެކު، އެއްޓީމެއްގެ ގޮތުގައި ހުރިހާ އޮފީސްތަކާ ގުޅިގެން މަސައްކަތް ކުރުމަށް އެދިވަޑައިގެންފައެވެ.
މީގެ އިތުރުން ރައީސް މުއިއްޒު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަކީ މުޅި ސަރުކާރު ހިންގުމުގައި އެންމެ އިސް ދައުރެއް އަދާކުރާ އޮފީސްކަމަށެވެ. އަދި ސަރުކާރުގެ ހުރިހާ ވުޒާރާތަކާއި މުއައްސަސާތަކަށް ދޭންޖެހޭ އިރުޝާދުތައް ދިނުމާއި، ބަލަހައްޓަންޖެހޭ ކަންކަން ބެލެއްހެޓުމުގެ ބޮޑު ޒިންމާ އަދާކުރަރަމުންދާ އޮފީސްކަމަށެވެ. އެހެންކަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ކުރިއަށް ގެންދަންވާނީ ސަރުކާރުގެ އެހެން އޮފީސްތަކަށްވެސް ރީތި މިސާލެއް ދައްކައިދޭ ގޮތުގައި ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.