ޚިޔާލާއި ފިކުރު ތަފާތުވުމަކީ ސަރަހައްދީގޮތުން ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތައް ހާސިލުކުރުމުގައި އޮތް ހުރަހެއްކަމުގައި ނުހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
އެމަނިކުފާނު މިކަމަށް ގޮވައިލެއްވީ 33 ވަނަ “ސާކް ޗާޓަރ ޑޭ”ގެ މުނާސަބަތުގައި ފޮނުއްވި މެސެޖުގައެވެ.
މި ސަރަހައްދަކީ ފެތުރިފައިވާ ބައިބޯ އާބާދީއެއް ހިމެނޭ ސަރަހައްދެއް ކަމަށާއި މިސަރަހައްދަކީ ދިރިއުޅުމުގެ ވައްޓަފާޅިއާއި ސަޤާފީގޮތުން ތަފާތުތަކެއް ހިމެނޭ ބަޔަކު ދިރިއުޅޭ ސަރަހައްދެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ފަހަކަށް އައިސް ސާކް ސަރަހައްދުގައި ސިޔާސީ ހަމަނުޖެހުންތައް އިތުރުވެފައިވީ ނަމަވެސް ލިބެމުންދާ ފަހި ފުރުޞަތުތަކުގެ ތެރެއިން ސާކް ގެ ޤައުމުތައް ކުރިއެރުންތައް ހޯދަމުންދާކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ.
ރައީސް ވިދާޅުވެފައިވަނީ މިސަރަހައްދުގައި ފެންވަރު ރަނގަޅު ތަޢުލީމީ ފުރުސަތުތައް ފަހިކޮށްދިނުމަކީ ފަޤީރުކަން ނައްތާލުމާއި ދެމެހެއްޓެނިވި ތަރައްޤީއަށް ލިބިގެންދާނެ އެހީތެރިކަމެއް ކަމުގައެވެ. 2030 ގެ އެޖެންޑާގައި ހިމެނޭ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި އެއްވެސް ކުއްޖަކު ބާކީނުވާގޮތަށް ޒަމާނީ ވަސީލަތްތަކާއެކު ތަޢުލީމީ ޤާބިލުކަން އިތުރުކޮށް ފެންވަރު ރަނގަޅު ތަޢުލީމެއް ލިބޭނެ މަގު ފަހިކޮށްދިނުމުގެ މުހިންމުކަންވެސް ވަރަށްބޮޑު ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
ސާކް ސަރަހައްދުގެ ޤައުމުތަކަކީވެސް މޫސުމަށް އަންނަ ބަދަލުތަކާއި، ޓެރަރިޒަމްގެ ނުރައްކަލާއި ޤުދުރަތީ ކާރިސާތައް ފަދަ ދުނިޔޭގެ ކަންކޮޅުތަކަށް އަންނަ ނުރައްކާތަކާ ކުރިމަތިލާން ނުޖެހޭ ސަރަހައްދެއް ނޫންކަން ހާމަކުރައްވަމުން، މިފަދަ ކަންކަމުން ލިބޭ ގެއްލުންތައް ކުޑަކޮށް ސަލާމަތްވެ ތިބުމަށްޓަކައި އެއްޤައުމުން އަނެއް ޤައުމަށް އެހީތެރިކަން ފޯރުކޮށްދިނުމާއި އެއްބައިވަންތަކަމުގައި ދެމިތިބުމަކީ މުހިންމު ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ މެސެޖްގައި ވިދާޅުވެފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ސާކްގެ މެންބަރު ޤައުމުތަކުގެ މެދުގައި މިހާރު އޮތް ގުޅުން އިތުރަށް ބަދަހިކޮށް ވަރުގަދަކުރުމަށް ދިވެހިރާއްޖެއިން ސާކްގެ މެންބަރު ޤައުމުތަކަށް ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެކަން ކަށަވަރު ކޮށްދެއްވާފައިވެއެވެ. އަދި ދިވެހިރާއްޖެއިން އަބަދުވެސް މި ސަރަހައްދުގެ އިޖުތިމާޢީ އަދި އިޤުތިޞާދީ ކުރިއެރުމާއި ސަލާމަތާއި ހަމަޖެހުން ޤާއިމްކުރުމަށް އެއްބާރުލުން ދެއްވާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.