English Edition
Dhivehi Edition
ފް އިސްލާމިކް ކޯޕަރޭޝަންގެ އެސިސްޓަންޓް ސެކްރެޓަރީ ޖެނެރަލް ފޮރ ޕޮލިޓިކަލް އެފެއާޒް ޔޫސުފް އަލް ދޮބެއި އާއި ރައީސް ޑރ.މުއިއްޒު ފޮޓޯ: ޕޮލިސް

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަންގެ އެސިސްޓަންޓް ސެކްރެޓަރީ ޖެނެރަލް ފޮރ ޕޮލިޓިކަލް އެފެއާޒް ޔޫސުފް އަލް ދޮބެއި، ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ބައްދަލުކުރެއްވުމުގައި، ރައީސް ވަނީ އެމަނިކުފާނުގެ ހުވައިކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ކަމަށްޓަކައި އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް ޔޫސުފް އަލް ދޮބެއި އަށް ޝުކުރު އަދާކުރައްވާފައެވެ.

މީގެ އިތުރުން ރައީސް ވަނީ އިސްލާމީ ޤައުމުތަކުގެ ޞުލްޙަ މަސަލަސްކަމާއި ކުރިއެރުމަށް، އޯ.އައި.ސީ. އާ ގުޅިގެން މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް ޔޫސުފް އަލް ދޮބެއި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ އޯ.އައި.ސީ. ގެ އެހެން މެމްބަރުންގެ ފަރާތުން ރައީސް ޑރ.މުޢިއްޒު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ ޙަވާލުވެވަޑައިގަތުމާ ގުޅިގެން ތަހުނިޔާ ވިދާޅުވެ، އެމަނިކުފާނުގެ ޤާބިލު ޒައާމަތުގައި ރާއްޖެއަށް އިންޤިލާބީ ކުރިއެރުން ލިބިގެންދާނެ ކަމުގެ ޔަޤީންކަން ފާޅުކުރެއްވިއެވެ.

މީގެ އިތުރުން، ފަލަސްޠީނުގެ ޣައްޒާގައި ހަނގުރާމަ ހުއްޓާލުމަށް ވަކާލާތު ކުރުމަށް ވަކިން ބޮޑަށް ސަމާލުކަންދީގެން، އިސްލާމީ ޤައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ޙައްލުކުރުމަށް އޯ.އައި.ސީ. އިން ކުރައްވަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ދެބޭފުޅުންގެ މެދުގައި މަޝްވަރާކުރެއްވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި، އޯ.އައި.ސީ.ގެ އެސިސްޓަންޓް ސެކްރެޓަރީ ޖެނެރަލް ފޮރ ޕޮލިޓިކަލް އެފެއާޒް ވާހަކަފުޅު ދައްކަވަމުން، ދިވެހި ރައްޔިތުންގެ ހެވާއި ލާބަޔަށާއި، މަންފާއަށްޓަކައި އޯ.އައި.ސީ. އިން ވެދެވެން އޮތް ކޮންމެ އެހީތެރިކަމެއް ވެދެއްވާނެކަމުގައި ވިދާޅުވެ، އަބަދުވެސް މަސައްކަތްކުރައްވާނީ ރާއްޖޭގެ ސަރުކާރާ ގުޅިގެންކަން ފާހަގަކުރެއްވިއެވެ.