English Edition
Dhivehi Edition
ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު

މިފެށުނު ރިޔާސީ އާ ދައުރާއެކު ދިވެހިންނަށް ބިންވެރިކަމާ ގެދޮރުވެރިކަމުގެ ރަންޒަމާނެއް ގެނެސްދެއްވާނެ ކަމަށާއި ވަރަށް އަވަހަށް، ޒަމާނީ އާ ޝަހަރުތަކެއްގެ ޒީނަތްތެރި މަލަތައް، ދިވެހި ފަޅުފަޅުން އުފުލިލާނެކަމުގެ އުފާވެރި ޚަބަރު ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. ދިވެހި ޒަޢާމަތާ ހަވާލުވެވަޑައިގެން، ޤައުމާ މުޚާޠަބު ކުރައްވައި މިއަދު ދެއްވި ފުރަތަމަ ތަޤުރީރުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ބިންވެރިކަމާއި ގެދޮރުވެރިކަމަކީ، ރާއްޖޭގައި ވަރަށް ޙައްސާސީ މައްސަލައެއްކަމަށާއި އެކަމުގެ ސަބަބުން، އާއިލީ އިޖުތިމާޢީ މައްސަލަތައް ނިކުމެ، ދީނީ، އަޚްލާޤީ މައްސަލަތައް އުފަންވާކަމަށެވެ.

ބިންވެރިކަމާއި ގެދޮރުވެރިކަމުގެ ރަން ޒަމާނެއް ދިވެހިންނަށް ގެނެސްދޭނީ މިފެށުނު އާ ސަރުކާރުން ކަމަށް ވިދާޅުވެ ރައީސްވަނީ އުއްމީދީ އެތައް ވާހަކަފުޅުތަކެއް ޙިއްސާ ކުރައްވާފައެވެ.

” އުތުރުތިލަފަޅުން ފެށިގެން ފުށިދިއްގަރު ފަޅާ ހަމައަށް، އެންމެ ޒަމާނީ އިމާރާތްތަކާއި ބަގީޗާތަކުގެ ހާރެއް އަތުރާލާނީ ތިޔަބޭފުޅުންގެ މި އާ ސަރުކާރުން. އެކަމުގެ ކަރުދާހީ ގިނަ މަސައްކަތެއް ހުރީ ލިޔެ، ކުރަހައި ނިމިފައި. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް، ޒަމާނީ އާ ޝަހަރުތަކެއްގެ ޒީނަތްތެރި މަލަތައް، ދިވެހި ފަޅުފަޅުން އުފުލިލާނެ. ” ރައީސް ވިދާޅުވިއެވެ.

މިއަދު ހަވީރު ޖުމްހޫރީ މައިދާނުގައި ބޭއްވެވި ހުވައި ކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުޢިއްޒު ވިދާޅުވީ އެމަނިކުފާނު ސަރުކާރާ ހަވާލުވެ ވަޑައިގަންނަވާއިރު ދައުލަތުގެ ދަރަނި ޖުމުލަ 119 ބިލިއަން ރުފިޔާއަށް އަރާފައިވާކަމުގައެވެ. އަދި، މިއީ ރާއްޖޭގެ މުޅި މާލީ ޙަޔާތުގައިވެސް ތާރީޚު ދުށް އެންމެ ބޮޑު ދަރަނިކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ކަންއެހެން އޮތް ނަމަވެސް އިޤްތިޞާދީގޮތުން ރާއްޖެ ވެއްޓިފައިވާ ފުންވަޅުގަނޑުން އަރައިގަނެވޭނެ ކަމުގެ އިތުރުބާރާއެކު ހުންނެވިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި، މިކަމުން އަރައިގަތުމަށް ހަރުދަނާ، ހަލުވި ފިޔަވަޅުތަކެއް އެމަނިކުފާނުގެ ސަރުކާރުން އަޅުވާނެކަމަށްވެސް ވިދާޅުވިއެވެ. އޭގެ ތެރޭގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް މަޝްރޫޢުގެ މަސައްކަތް ނިންމައި، ޒަމާނީ އާ ޓަރމިނަލް އަވަހަށް ހުޅުވައި ފަތުރުވެރިކަމަށް އިތުރު މުއްސަނދިކަން ގެނެސްދެއްވުމާއި ޚަރަދު ކުޑަކުރެވޭނެ އާ ގޮތްތައް އީޖާދުކުރެއްވުން ހިމެނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.