English Edition
Dhivehi Edition
ބިއޯންޑް އެއަރލައިންގެ ފުރަތަމަ ދަތުރަށް ވީއައިއޭއިން މަރްޙަބާ ކިއުން

ސިމްޑީ ގްރޫޕާއި ޔުނައިޓެޑް އަރަބް އެމިރެޓްސް ޔޫއޭއީގެ އިންވެސްޓްމެންޓް ކުންފުނި އަރަބެކްސް ގުޅިގެން ރާއްޖޭގައި ފެށުމަށް ހަމަޖެހިފައިވާ ދުނިޔޭގެ ފުރަތަމަ ލަގްޒަރީ ލެޝާ އެއާރލައިން ”ބިއޯންޑް“ގެ ފުރަތަމަ ފްލައިޓް ރާއްޖެ ގެނެސްފިއެވެ.

ބިއޮންޑްގެ ފުރަތަމަ ފްލައިޓް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ހޯމަ ދުވަހު މެންދުރު ޖެއްސި އިރު ވީއައިއޭއިން ވަނީ އެ ބޯޓަށް ހޫނު މަރުޙަބާއެއް ކިޔައި ވޯޓާ ސެލިއުޓެއް ދީފަ އެވެ.

ޔޫރަޕާއި އޭޝިޔާގެ އިތުރުން މެދުއިރުމަތީގެ ޤައުމުތައް ހިމެނޭހެން ދުނިޔޭގެ 60 މަންޒިލަކަށް ދަތުރުކުރުމަށް ބިޔޯންޑް އެއާރލައިނުން ވަނީ ނިންމާފައެވެ.

ބިއޮންޑް އެއާލައިނަކީ ލަގްޒަރީ ޓޫރިޒަމް މާކެޓަށް އަމާޒުކޮށްގެން، އެންމެ މަތީ ފަންތީގެ ވައިގެ ދަތުރުފަތުރުގެ ހިދުމަތް ދިނުމުގެ މަގުސަދުގައި ފަށާ ދުނިޔޭގެ ފުރަތަމަ ލެއިޝާ އެއާލައިނެވެ. އެ އެއާލައިނުގެ ދަތުރުތައް އަންނަ ނޮވެމްބަރުގައި ފަށަން ހަމަޖެހިފައިވާއިރު ޓިކެޓު ބުކިންއަށް ވެސް މިހާރު ވަނީ ހުޅުވާލާފަ އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ބިއޮންޑްގެ ސީއީއޯ ޓެރޯ ޓަސްކިލާ ވިދާޅުވީ ބިއޮންޑްގެ ރަސްމީ ދަތުރުތައް އަންނަ މަހު ފަށާއިރު ފުރަތަމަ ދަތުރުކުރާނީ ތިން މަންޒިލަކަށްކަމަށެވެ. އެއީ ސައުދީޢަރަބިއްޔާގެ ރިޔާޛް، ޖަރުމަނުގެ މިއުނިކް އަދި ސްވިޓްޒަލޭންޑްގެ ޒޫރިކްއަށެވެ. މި ތިން ގައުމުން ރާއްޖެއަށް ކުރާ ދަތުރުތައް ހަފްތާއަކު ދެ ދުވަހު ބާއްވާނެ ކަމަށް ޓެރޯ ވިދާޅުވި އެވެ.

“ރާއްޖެއަކީ ބިއޮންޑް ގެ ހޯމް. ކުރިއަށް އޮތް ފަސް އަހަރު ބިއޮންޑްގެ ހުރިހާ ފްލައިޓެއް އޮޕަރޭޓް ކުރާނީ ރާއްޖެއިން.. އަޅުގަނޑުމެންގެ ޓާގެޓަކީ މި ފަސް އަހަރުތެރޭ ރާއްޖެއިން 60 މަންޒިލަކަށް ދަތުރު ފެށުން، އަދި އެ ދަތުރުތަކަށް 33 އެއާކްރާޕްޓް އަޅުގަނޑުމެން އޮޕަރޭޓް ކުރާނަން,” ޓެރޯ ވިދާޅުވި އެވެ.

މި ފްލައިޓްގެ ދަތުރުތައް ފަށާއިރު ސައުދީގެ ރިޔާޛް އަށް ކުރާ ދަތުރުތަކުގެ އަގުތައް ފެށެނީ 1,700 ޑޮލަރުންނެވެ. އަދި ޖަރުމަނަށް ކުރާ ދަތުރުތަކުގެ އަގުތައް 2000 ޑޮލަރުން ފެށޭއިރު ސްވިޓްޒަލޭންޑަށް ކުރާ ދަތުރުތައް ފެށޭނީ 3،000 ޑޮލަރުންނެވެ.

”ބިއޯންޑް“ގެ އޮޕަރޭޝަންފަށާ ފުރަތަމަ އަހަރުގައި 200 އެއްހާ ވަޒީފާ ރާއްޖޭގައި އުފެއްދިގެންދާނެ ކަމަށް އެ ކުންފުނިގެ ސީއީއޯ ވިދާޅުވެއެވެ.

އޭނާ ވިދާޅުވި ގޮތުގައި އަންނަ އަހަރު ތެރޭ ރާއްޖެއިން އިތުރު ހަ މަންޒިލަކަށް ދަތުރުތައް ފަށަން ވަނީ ރާވާފަ އެެވެ. އޭގެ ތެރޭގައި އިޓަލީގެ މިލާން އާއި ތައިލެންޑުގެ ބެންކޮކާއި ދުބާއީ އަދި ޗައިނާގެ ބެއިޖިން އަދި ޝެންހާއި ހިމެނެ އެވެ.

ބިޔޯންޑް އެއަރލައިންގެ ކްރޫ

ސިމްޑީގެ ސީއީއޯ ޑރ. މަރިޔަމް ޝަކީލާ ވިދާޅުވި ގޮތުގައި ކުންފުނީގެ އަމާޒަކީ މި އެއާލައިނުން ވީހާވެސް ގިނަ ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމެވެ. އެގޮތުން, މިހާރުވެސް މި އެއާލައިނުގައި ގިނަ ދިވެހިންތަކަކަށް ވަޒީފާގެ ފުރުސަތު ދީފައިވާ ކަމަށާއި އަމާޒަކީ އެއާލައިންގެ 50 ޕަސެންޓަކީ ދިވެހި މުވައްޒަފުންނަށް ހެދުމަށް ކަމަށް ވެސް ވިދާޅުވި އެވެ.

ރާއްޖޭގެ އޭވިއޭޝަންގެ ޚަބަރުތަށް ގެނެސްދޭ އޭވިއޭޓާސް މޯލްޑިވްސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ބިޔޯންޑް އެއާރލައިންގެ ދަތުރުތަކުގައި ބޭނުން ކުރާނީ އެއާރބަސް އޭ319، އޭ320 އަދި އޭ321 ގެ ނިއޯސް މަރުކާގެ މަތިންދާބޯޓުތަކެވެ.

މިގޮތުން މި މަތިންދާބޯޓުގެ އިންޓީރިއާރ ފާރުމާކޮށްފައި ވަނީ ޕްރިމިއަމް ކޮންފާރޓް 68 ޝީޓާއެކު އެންމެ ޒަމާނީ ފެންވަރަށެވެ.

މި އެއާލައިނުން ދަތުރުކުރާ ޕަސެންޖަރުންނަށް އެކުންފުނިން ދިނުމަށް ތައްޔާރުވަމުން އަންނަ ޚިދުމަތްތަކުގެ ތެރޭގައި ޕާރސަނަލް ޑުރައިވަރަކާއެކު ޕުރައިވެޓް ލަގްޒަރީ ކާރުގައި އެއާރޕޯޓަށް ޓުރާންސްފާރ ކުރުމުގެ ޚިދުމަތާއި ގޭގައި ހުރެގެން ބެގޭޖް ޗެކިން ކުރުމުގެ ޚިދުމަތުގެ އިތުރުން އެއާރޕޯޓް ޕުރިމިއަމް ލައުންޖްގެ ޚިދުމަތް ހިމެނެއެވެ.

ޔޫރަޕާއި އޭޝިޔާގެ އިތުރުން މެދުއިރުމަތީގެ ޤައުމުތައް ހިމެނޭހެން ދުނިޔޭގެ 60 މަންޒިލަކަށް ދަތުރުކުރުމަށް ބިޔޯންޑް އެއާރލައިނުން ވަނީ ނިންމާފައެވެ.