English Edition
Dhivehi Edition

ވަގުތަކީ އަބަދުވެސް ފާއިތުވަމުން ދާ އެއްޗެކެވެ. އަދި އެވަގުތެއް ގެއްލިއްޖެ ނަމަ އަނބުރާ ނުލިބޭނެއެވެ. އެހެންނަމަވެސް މިއަދުގެ ގިނަ ޒުވާނުންނަށް ވަގުތުގެ މުހިއްމުކަން ނޭނގެނީ ބާވައޭ ހިތަށް އަރައެވެ.

ދާދި ފަހުން ‘ބްލޫ ޖީންސް ނެޓްވޯކް’ އިން ހާމަކޮށްފައިވާ ގޮތުގައި ދުނިޔޭގައި ބާއްވާ ބައްދަލުވުންތަކުގެ ތެރެއިން %81 ބައްދަލުވުން ބާއްވަން ކަނޑައެޅިފައިވާ ގަޑިއަށް ނުފެށެއެވެ. މިހެން މިވަނީ ކީއްވެގެންކަމާއިމެދު ވިސްނާލަން ޖެހެއެވެ. ގަޑި އަކީ ފަރުވާތެރިވާން ޖެހޭ ކަމަކަށް ވަނީ ވަގުތަކީ މުހިއްމު އެއްޗަކަށް ވާތީއެވެ. އެކަކު ގަޑިއަށް ނައުމުގެ ސަބަބުން ގަޑިއަށް އަންނަ މީހާގެ ހައްޤު ގެއްލޭތީއެވެ.

ގަޑިޖެހިގެން އާއްމުކޮށް ތަންތަނަށް ދާމީހުން ދެކޭ ގޮތުގައި އެމީހުންނަކީ އެންމެ ގަދަ މީހުންނެވެ. އެހެންނަމަވެސް ހަޤީގަތަކީ އެމީހުންގެ އަމިއްލަ ނަފްސަށް އެމީހުން ކުރާ އިތުބާރުވެސް ގެއްލިފައިވެއެވެ. އަދި ހަމަ އެއާއި އެކު އެހެން މީހުންގެ އިތުބާރު ވެސް ގެއްލިދެއެވެ. އާއްމުކޮށް ގަޑިއަށް ފަރުވާ ކުޑަކުރާ މީހުންނަކީ މުޖުތަމައު އިން ބަލައި ގަންނަބައެއް ނޫނެވެ. މިޒަމާނުގައި ވަޒީފާ ދިނުމުގައި އެންމެބޮޑަށް ބަލާ އެއްކަމަކީ ގަޑިއަށް ފަރުވާތެރިވުމެވެ. ސަބަބަކީ ގަޑިއަށް ފަރުވާ ކުޑަކުރާ މީހެއްގެ ސަބަބުން އެއޮފީހަކަށް ލިބޭ ގެއްލުން މާބޮޑުވާނެތީއެވެ.

ގަޑިއަކަށް ތަނަކަށް އަންނަން ކިޔާފައިވާނަމަ ދުރާލާ ތައްޔާރުވާން ފެށުމަކީ ގަޑި ނުޖެހި ދިޔުމަށް ކުރޭ ފުރަތަމަ ކަމެވެ. އަދި މަގުމަތީގެ ކާރުބާރުގެ މިނަށް ބަލައި ވަގުތު އޮތްވާ އެތަނަކަށް ދާން ފަށައިގަންނަން ޖެހެއެވެ. ކިތައްމެ ހަމަހިމޭންކޮށް އޮތްނަމަވެސް ކުއްލިއަކަށް ކަމެއް ދިމާވެދަނެކަން ދަނެގަނެ އެކަމަކަށް ވެސް ތައްޔާރުވެގެން ހުރުން މުހިއްމެވެ. އުޅަނދެއްގައި ދާނަމަ ޓްރެފިކްގައި ޖެހިދާނެކަމާއި، ނުވަތަ ބާރު ސްޕީޑްގައި ނުގޮސް ދެވޭނެ ގޮތެއް ބަލަން ޖެހޭނެއެވެ. ތަނަކަށް ގަޑިއަކަށް ކިޔާފައިވާނަމަ ގަޑި ޖެހުމުގެ ކުރިން އެތަނެއްގެ ރިސެޕްޝަނަށް ގޮސް އެމީހަކު ޙާޒިރުވެފަހުރިކަން އަންގާލުން މުހިއްމެވެ. ގަޑިއަށް ތަނަށް ދިޔަކަމަށް ބެލެވޭނީ ސުން ސިކުންތުގައި ދިޔުމެއް ނޫނެވެ. އެހެންނަމަވެސް ގަޑިޖެހުމުގެ މަދު މިނަޓްކޮޅަކަށް ވުމުން އެތަނަށް ދިޔުމަކީ ހަޤީގަތުގައި ގަޑި ނުޖެހި ދިޔުމެވެ.

ވަގުތަށް ކަމޭހިތާ މީހުންނަކީ އެހެންމީހުންގެ އިޙްތިރާމް އާއި ލޯބި ލިބޭ ބަޔެކެވެ. ސަބަބަކީ އެމީހެއްގެ ސަބަބުން އެހެން މީހުން އިންތިޒާރު ކުރަން ނުޖެހޭތީ އެވެ. އެހެން މީހުންގެ ޙައްޤަށް އުނިކަމެއް ނައަންނާތީއެވެ. ގަޑިއަށް ފަރުވާތެރިވުމަކީ ކާމިޔާބުގެ ފުރަތަމަ ތަނބެވެ. އަދި އެއީ އެމީހެއްގެ ވަންތަކަން ދައްކުވައިދޭ ހަމައެކަނި އައްޑަނައެވެ.