English Edition
Dhivehi Edition

މާލޭގެ މަގުމަތިން ބާރު ސްޕީޑުގައި ދުއްވި ސައިކަލުން ޖެހި އަނިޔާވި، ގައުމީ ޔުނިވާސިޓީގެ ލެކްޗަރާ އަލީ ހަފީޒް އިތުރު ފަރުވާއަށް ފަހު އިއްޔެ ރާއްޖެ އަތުވެއްޖެ އެވެ.

މިދިޔަ އަޟުހާ އީދު ވިލޭރޭ ރޭ، ފަތިސް ނަމާދުން ފައިބައިގެން ދަނިކޮށް ހިނގި އެކްސިޑެންޓްގައި ސައިކަލުން ހަފީޒްގެ ގައިގައި ޖެހި ލިބުނު ސީރިއަސް ޒަޚަމްތަކަށް މާލޭގައި ފަރުވާ ދިނުމަށްފަހު އެއާ އެމްބިއުލެންސްއެއްގައި އިންޑިއާއަށް އިތުރުފަރުވާއަށް ހަފީޒް ގެންދިޔައީ މީގެ ދެ މަސް ދުވަސް ކުރިންނެވެ.

އިންޑިއާއަށް ގެންދިއުމަށް ފަހު، އިންޑިއާގެ ކޮޗިންގައި ހުންނަ އެސްޓާ މެޑިސިޓީ ހޮސްޕިޓަލުގައި ދިން ފަރުވާއަށް ފަހު ހަފީޒް މިހާރު މާލެ އައިސްފައިވާއިރު ހަފީޒްގެ އާއިލާގެ މީހަކު ބުނީ، ހަފީޒްގެ ހާލު ކުރިއަށް ވުރެ ވަރަށް ބޮޑުތަން ރަނގަޅު ކަމަށާއި “ވޯކިން އެއިޑް” ގެ އެހީގައި ހިނގައި އުޅެވޭ ކަމަށެވެ.

އެ އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން ރ. އިނގުރައިދޫ، ލެގޫން ވިއު، ޝަމްއާން އަބްދުލްޝަކޫރު، 22 ވެސް އަނިޔާވިއެވެ. ހަފީޒް ގެ އެކްސިޑެންޓާ ގުޅިގެން އޭނާ ހައްޔަރު ކުރިނަމަވެސް ކޯޓު އަމުރެއްގެ ދަށުން އޭނާ ފަހުން ވަނީ ބަންދުން ދޫކޮށްލައިފައެވެ.