ރައްޔިތުން މަޖިލީހުގެ މަސައްކަތް ގާނޫނާއި ގަވާއިދާ އެއްގޮތަށް ކުރިއަށް ނުގެންދެވޭނަމަ، ރިޔާސީ އިންތިހާބުގެ ވޯޓަށްފަހު، ދެން ކުރަންވީ ކަންކަން ކުރައްވާނެކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ލ. ފޮނަދޫގައި ނޫސްވެރިންނާ އެކު ބޭއްވި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހް ވިދާޅުވީ މަޖިލިސްގެ ކަންކަން މަޑުޖައްސާލާފައި ވަނީ އިންތިހާބު ނިމެންދެން ކަމަށެވެ. ރައްޔިތުންގެ މަޖިލިސް ކުރިއަށް ގެންދިޔުމަށްޓަކާ ދެން ކުރަންޖެހޭ ކަންތައްތައް ރާވާފައިވާކަން ފާހަގަކުރައްވަމުން ރައީސް ސޯލިހް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި މެންބަރުންވެސް އުޅުއްވަމުން ގެންދަވާތީ މަޖިލީހުގެ ކަންތައްތައް މަޑުޖައްސާލާފައި ވާ ކަމަށެވެ.
މީގެ އިތުރުން ރައީސް ސޯލިހް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން މަޖިލިސް ކުރިއަށް ގެންދިޔުމުގެ ކަންކަން ކުރިއަށް ނުގެންދެވޭ ކަމަށްވަންޏާ ދެން އޮންނާނީ ކޯޓުގެ ތެރެއިން އެކަމަށް ހައްލެއް ހޯދުން ކަމަށެވެ. އަދި ކޯޓަށް ވަޑައިގަންނަވަން ޖެހިއްޖެ ނަމަ އެކަންވެސް ކުރައްވާނެކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.