English Edition
Dhivehi Edition

ރާއްޖޭއަށް މިހާރު ކުރިމަތިވަމުންދާ ތޫފާނުގެ ސަބަބުން ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންގެ ޙާލުވެސް ވަރަށް ގާތުން ސަރުކާރުން ބައްލަވަމުން ގެންދަވާކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވެއްޖެއެވެ.
ޗެނަލް 13 ގެ ޚަބަރު ގަޑީގައި މަޢުލޫމާތު ދެއްވަމުން މިނިސްޓަރު ޝަރީފު ވިދާޅުވީ ވިއްސާރައާއި ގުޅިގެން ރައްޔިތުންގެ ހާލު ބެލުމަށްޓަކައި ސަރުކާރާއި ރަށްރަށުގެ ކައުންސިލްތަކާ ގުޅިގެން އެއްވެސް ނުރައްކަލެއް ކުރިމަތިވޭތޯ ބަލަމުން އަންނަކަމަށެވެ.

މިފަދަ ޤުދުރަތީ ކާރިސާ ތަކުގައި އެންމެ އިސް ދައުރެއް އަދާކުރާނީ ޤައުމީ ސަލާމަތީ ބާރުންކަން ފާހަގަކުރައްވާ މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވީ ސިފައިންގެ ހުރިހާ ސެންޓަރުތަކެއްވެސް އޮތީ ތައްޔާރީ ޙާލަތުގައި ކަމަށެވެ.
އަދި ރަށްރަށުގެ ކައުންސިލްތަކުންނާ، އިންސާނީ ޚިދުމަތް ފޯރުކޮށްދޭ ހުރިހާ ސެންޓަރުތަކުން މިކަމުގައި ދެމުންގެންދާ އެއްބާރުލެއްވުން ފާހަގަކުރައްވާ މިނިސްޓަރު ވަނީ ސަލާމަތީ ފިޔަވަޅު އަޅުއްވައިގެން ނޫނީ ކަނޑު ދަތުރު ނުކުރުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ކޮންމެހެން ކުރަން ޖެހިއްޖެ ޙާލަތެއްގައި މެނުވީ ކަނޑުމައްޗަށް ނޭރުމަށްވެސް މިނިސްޓަރު އާންމުންގެ ކިބައިން އެދިލެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ ތޫފާނުގައި ލިބޭ ގެއްލުމެއްގެ ސަބަބުން މުދަލާ، ރައްޔިތުންގެ ފުރާނައިގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށް ހުރިހާ ވަޞީލަތްތަކެއްގެ ބޭނުން ހިއްޕަވާނެކަމަށެވެ.

ސްރީލަންކާގައި އުފެދިގެން އައި ކޮޅިގަނޑު މިހާރު ތޫފާނަކަށް ބަދަލުވެފައިވާއިރު، ތޫފާނުގެ ބާރު ރޭ ފަތިހުން ފެށިގެން މިއަދުވެސް އިތުރަށް ގަދަވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ބުނެފައެވެ.