English Edition
Dhivehi Edition

120 ކުޅުންތެރިންނާއެކު އައްޑޫ ޖޫނިއަރ އޯޕަންސް 2023 ، އަންނަ ބުރާސްފަތި ދުވަހު ފަށަން ތައްޔާރުވެއްޖެއެވެ.

އޮގަސްޓް 15 އަށް މިމުބާރާތުގައި ބައިވެރިވުމުގެ މުއްދަތު ހަމަވިއިރު އައްޑޫސިޓީގެ އިތުރުން މާލޭގެ 2 އެކަޑަމީއަކުން ކުދިން ބައިވެރިކޮށްފައިވެއެވެ. މި މުބާރާތުގައި ޖުމްލަ 5 ޢުމުރުފުރާއަކުން ކުދިން ވާދަ ކުރާގޮތަށް ހަމަޖެހިފައިވެއެވެ. އެއީ 11 އަހަރުންދަށާއި، 13 އަހަރުން ދަށާއި، 15 އަހަރުން ދަށުގެ އިތުރުން 17 އަހަރުން ދަށުގެ ޢުމުރުފުރާ އަދި 19 އަހަރުން ދަށުގެ ޢުމުރުފުރާއެވެ. ދެ ޖިންސަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މިމުބާރާތުގައި އަންހެން ސިންގަލްސްއާއި ޑަބަލްސް އަދި ފިރިހެން ސިންގަލްސް އާއި ޑަބަލްސް ކުޅުމުގެ އިތުރުން މިކްސް މެޗްތައް ކުޅޭނެއެވެ.

އައްޑޫ ޖޫނިއަރ އޯޕަންސް 2023 އަކީ އައްޑޫސިޓީގައި ބެޑްމިންޓަންގެ ހުނަރު ކުރިއެރުވުމަށް މަސައްކަތްކުރާ އަމިއްލަ އެކަޑަމީއެއް ކަމަށްވާ ޓްރިޑީ ސްޕޯރޓްސް އެކަޑަމީއިން އިސްނަގައިގެން ހިންގާ މުބާރާތެކެވެ. މިމުބާރާތުގައި ޓްރިޑީ ސްޕޯރޓްސް އެކަޑަމީގެ އިތުރުން ، އީކުއެޓޯރިއަލް ބެޑްމިންޓަން އެކަޑަމީ، އަޖްފާން އިންޓަނޭޝަނަލް ބެޑްމިންޓަން އެކަޑަމީ ، އަފްނާން ރަޝީދު ބެޑްމިންޓަން އެކަޑަމީ، އެމް ސްޕޯރޓްސް، އަދި ހޮރައިޒަން އެކަޑަމީގެ އިތުރުން އަމިއްލަ ގޮތުން ބައިވެރިވާ ކުދިންވެސް މުބާރާތުގައި ވާދަ ކުރުމަށް ހަމަޖެހިފައިވެއެވެ.

މިއީ ކުދިންގެ ހިތްތަކުގައި ކުޅިވަރުގެ ރޫޙު ދިރުވައި އާލާ ކުރުމާއެކު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބެޑްމިންޓަންގެ ހުނަރު ހޯދަމުންދާ އެކި ފަންތީގެ ކުދިން، އެއް ޕްލެޓްފޯމެއްގައި ވާދަކުރުމުގެ ފުރުސަތު ހޯދައިދީގެން، އެކުދިންގެ ކިބައިގައި މިކުޅިވަރުގައި ކުރިއަށް ދިއުމުގެ ޝައުގު އުފައްދައި ހުނަރު ތަރައްގީ ކުރުމުގެ މަގްސަދުގައި ޓްރިޑީ ސްޕޯރޓްސް އެކަޑަމީން ބާއްވާ މުބާރާތެއް ކަމަށް އެ އެކަޑަމީގެ މަސްއޫލުވެރިޔާ އަދި ބެޑްމިންޓަން ގެ ރޮނގުން އައްޑޫސިޓީގައި ބޮޑު މަޝްހޫރު ކަމެއް ހޯދާފައިވާ ކޯޗު ނާތިޖް ޢަލީ ވިދާޅުވިއެވެ.

” އަޅުގަނޑުމެން ދާދި ފަހުން އިންޑިޔާއިން ހައިޕާފޯމަންސް ކޯޗަކު ގެނެސްގެން ހިންގި 2 މަސް ދުވަހުގެ ކޭންޕަކަށްފަހު ބާއްވާ މި މުބާރާތް ވެގެންދާނީ އެކުދިންގެ ފިއަރ ފެކްޓަރ ތަކަށް ފޯކަސްކުރެވި، ކްރައުޑް ޕްރެޝަރ ހޭންޑްލް ކުރުމުގެ އިތުރުން ހެލްދީ ކޮންޕެޓިޓިވް ޓޯނަމެންޓެއް މިކުދިންނަށް ފޯރުކޮށްދެވޭނެ މުބާރާތަކަށް. ނާތިޖު ޢަލީ

ނާތިޖު ވިދާޅުވީ މި މުބާރާތުގައި ގައުމީ އަދި ބައިނަލް އަޤްވާމީ ފެންވަރުގެ މެޑެލްތަކާއި ކާމިޔާބީތައް ހޯދާފައިވާ ކުޅުންތެރިންވެސް ބައިވެރިވާތީ މިއީ ބައިވެރިންނަށް ގިނަ ތަޖުރިބާތަކެއް ލިބިގެންދާނެ މުބާރާތެއް ކަމަށެވެ. އައްޑޫސިޓީގައިވެސް ބެޑްމިންޓަންގެ ވާދަވެރިކަން އިތުރުވަމުންދާ މިދަނޑިވަޅު ހުނަރުހުރި ކުޅުންތެރިންގެ މެދުގައި ވާދަވެރިކަން އުފައްދައި އެފުރުސަތު ފަހިކޮށްދޭންޖެހޭކަން ނާތިޖު ފާހަގަ ކުރެއްވިއެވެ.

މި މުބާރާތަށް ތައްޔާރު ވުމުގެ ގޮތުން މުބާރާތުގެ ޓެކްނިކަލް އޮފިޝަލުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއްވެސް ވަނީ ހިންގާފައެވެ. އެގޮތުން އައްޑޫސިޓީގެ ސްކޫލްތަކާއި ގުޅިގެން 30 ކުއްޖަކުވަނީ ތަމްރީން ޕްރޮގްރާމްގައި ބައިވެރިކޮށް މިކަމުގެ ތަމްރީނާއި ހުނަރު ފޯރުކޮށްދީފައެވެ. މިއީ ބެޑްމިންޓަން އޭޝިއާ ސަޓިފައިޑް ރެފްރީ، އިބްރާހިމް ޒިޔާއު މުޙައްމަދުގެ އިރުޝާދުގެ ދަށުން ކުރިއަށް ގެންދެވުނު ޕްރޮގްރާމެކެވެ.

މުބާރާތުގެ ޓެކްނިކަލް އޮފިޝަލުން ތަމްރީނު ކުރުން-ފޮޓޯ ޓްރިޑީ

އައްޑޫ ޖޫނިއަރ ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ބައިވެރިވެފައިވާ ޓީމްތަކުގެ މެދުގައި ގުރުއަތުލުން އޮންނާނީ މިމަހުގެ 23 ވާ ބުދަ ދުވަހުއެވެ. މިމުބާރާތް ކުރިއަށް ދާނީ ހިތަދޫ ބެޑްމިންޓަން އެރީނާގައެވެ. މިމުބާރާތާއި ގުޅިގެން ރަށަށް ޒިޔާރަތް ކުރާ މެހްމާނުންނާއި ކުޅުންތެރިނަށް މަރްޙަބާ ކިއުމުގެ އިންތިޒާމްތައް ޓްރިޑީ ސްޕޯރޓްސް އެކަޑަމީން ގެންދަނީ ކުރަމުންނެވެ. މިމުބާރާތް ސްޕޮންސަރ ކުރުމަށް ބޭނުންވާ ފަރާތްތަކަށް އެކަމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ.