ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލުގައި އޮންނަވަން ޖެހިވަޑައިގެންފައިވަނީ އެ ޕާޓީގެ ލީޑާޝިޕްގައި ހިމެނިވަޑައިގަންނަވާ ބައެއް ބޭފުޅުން އެ ގޮތް އެދޭތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިރޭ ތުހުމަތު ކުރައްވައިފިއެވެ.
ރިޔާސީ އިންތިޚާބަށް ދަ ޑިމޮކްރެޓްސްގެ ކެމްޕޭނަށް ގދ. ގައްދޫގައި މިރޭ ބޭއްވި ޖަގަހަ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ، ޔާމީން ޖަލުން މިނިވަން ކުރުމަށް ހަގީގީ މާނައެއްގައި މަސައްކަތް ކޮށްދެވޭނީ ޑިމޮކްރެޓްސްއަށް ކަމަށާއި އެ ކަން ޕީޕީއެމްގެ ވަރަށް ގިނަ އާންމު މެންބަރުން ދަންނަ ކަމަށެވެ.
ނަޝީދު ތުހުމަތު ކުރެއްވި ގޮތުގައި ޕީޕީއެމްގެ ލީޑާޝިޕުގައި ހިމެނިވަޑައިގަންނަވާ އިސް ބައެއް ބޭފުޅުން ޔާމީން މިނިވަންވާކަށް ނޭދެއެވެ. ނޫންނަމަ، މިހާ ދުވަހު އެ މަނިކުފާނު ޖަލުގައި އޮންނަވަން ޖެހިވަޑައިނުގަންނަވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ރައީސް ޔާމީން ޖަލުން މިނިވަން ކުރުމަށް ހަގީގީ މަސައްކަތެއް ކޮށްދެވެން އޮތީ އަޅުގަނޑުމެންނަށް ކަން ޕީޕީއެމް ގެ މެމްބަރުންނަށް ޔަގީންކަން އަރުވާކަމަށާއި އެކަން ޕީޕީއެމްއަށް ނުކުރެވޭނޭ ކަމަށެވެ.
“އަޅުގަނޑު ޕީޕީއެމްގެ މެންބަރުންނަށް ޔަގީންކޮށް އަރުވަން، މިއަދު ވެސް ރައީސް ޔާމީން ޖަލުން މިނިވަން ކުރުމަށް ހަގީގީ މަސައްކަތެއް ކޮށްދެވެން އޮތީ އަޅުގަނޑުމެންނަށް. ޕީޕީއެމަކަށެއް ނޫން،” އެ މަނިކުފާނު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ރައީސް ޔާމީން މިނިވަން ކުރުމުގެ މަސައްކަތް ޕީޕީއެމަށް ރަނގަޅުގޮތުގައި ކުރެވޭ ނަމަ، ރައީސް ޔާމީން ޖަލުގައެއް ނުހުންނަވާނެކަމަށެވެ. އަދި މި ދައުރު އެކީ ޖަލުގައި އެ ހުންނެވީ މިއަދު ޕީޕީއެމްގެ ލީޑާޝިޕްގައި އެ ތިއްބެވި ގިނަ ބޭފުޅުން އެގޮތަށް އެކަން އޮތުމަށް އެދިވަޑައިގެން ތިއްބެވީތީކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ނަޝީދު އިތުރަށް ވިދާޅުވީ ޕީޕީއެމްގެ ތާއީދު ދަ ޑިމޮކްރެޓްސްއަށް ލިބޭތާ ހަފްތާއެއްގެ ތެރޭ ރައީސް ޔާމީން ޖަލުން މިނިވަން ކުރާނެކަމަށާއި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީއާއި، ޕީޕީއެމްގެ ގިނަ މެމްބަރުންގެ ތާއީދާއި ވޯޓުވެސް އިލްޔާސް ލަބީބަށް ލިބިގެންދާތަން ފެންނަ ކަމަށެވެ.
ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން އުފުލި މަނީލޯންޑްރިންއާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ ސާބިތުވެ، ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވީ މިދިޔަ ޑިސެމްބަރު 25 ގައެވެ. އެ ހުކުމް، ޔާމީންގެ ފަރާތްޕުޅުން ވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. އެކަމަކު، އިސްތިއުނާފު މަރުހަލާ ނުނިމި އޮތުމުން، ސެޕްޓެމްބަރު ނުވައެއްގައި އޮންނަ ރިޔާސީ އިންތިޚާބުގައި ޔާމީނަށް ވާދަ ނުކުރެއްވޭނެ ކަމަށް ސުޕްރީމް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.