English Edition
Dhivehi Edition

ކިންގް ސަލްމާން ކަޕް ސެމީގައި މިރޭ އިރާގު ލީގު ޗެމްޕިއަން އަލް ޝުރްޠާ އަތުން 0-1 ގެ ނަތީޖާއިން މޮޅުވެ މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ސައުދީގެ އަލް ނަޞްރުން ކަށަވަރުކޮށްފިއެވެ.

ސައުދީ އަރަބިއާގެ އަބްހާ ސްޓޭޑިއަމުގައި މިރޭ ކުޅުނު މެޗުގައި އަލް ނަޞްރު މޮޅުކޮށްދިން ހަމަ އެކަނި ލަނޑު ޖަހައިދިނީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.

ރޮނާލްޑޯގެ މި ލަނޑަކީ މެޗުގެ ފަހު ހާފުގެ 76 ވަނަ މިނެޓުގައި އަލް ޝުރްޠާގެ ޕެނަލްޓީ އޭރިއާތެރެއިން އަލް ނަޞްރުގެ ސަދިއޯ މާނޭއަށް އަލް ޝުރްޠާގެ ކުޅުންތެރިއަކު ކުރި ފައުލަކަށް ވީއޭއާރު ބެލުމަށް ފަހު ރެފްރީ ދިން ޕެނަލްޓީއަކުން ކާމިޔާބު ކުރި ލަނޑެކެވެ.

މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ފެނިގެން ދިޔައީ ވަރަށް ހަމަހަމަ އެހެން ނަމަވެސް ވަރަށް އަވަސް ފޯރިގަދަ ކުޅުމެކެވެ. މި މެޗު ފެށިގެން ފުރަތަމަ ހާފުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ލަނޑެއް ޖަހައި އަލް ނަޞްރަށް ލީޑުވެސް ނަގައިދީފައެވެ. ނަމަވެސް ވީއޭއާރު ބެލުމަށް ފަހު އޮފްސައިޑުކަމަށް ނިންމާ މި ލަނޑު ވަނީ ކެންސަލް ކޮށްފައެވެ.

މި މެޗުގައި ލަނޑު ޖަހަން އެންމެ ހުސް ފުރުސަތެއް ލިބުނީ އަލް ޝުރްޠާ އަށެވެ. މެޗުގެ އެންމެ ފަހު ވަގުތު އަލް ޝުރްޠާގެ ފޯވާޑް އަޙުމަދު ފަރުހާން އަށް ލިބުނު ހުސްފުރުސަތު އޭނާ އަލް ނަޞްރުގެ ގޯލަށް ފޮނުވާލި ނަމަވެސް ކީޕަރު ވަނީ އެ ބޯޅަ ހުއްޓުވާފައެވެ.

މި މެޗުން އަލް ނަޞްރު ހޯދި މޮޅާއި އެކު މުބާރާތުގެ ފައިނަލަށް އެޓީމު ދަތުރުކުރި އިރު، މި މުބާރާތުގެ ފައިނަލަށް ދާ ދެވަނަ ޓީމެއް ކަށަވަރުވާނީ މިރޭ އަލް ހިލާލް އަދި އަލް ޝަބާބް ބައްދަލުކުރާ ސެމީގެ ދެވަނަ މެޗަށް ފަހުގައެވެ.