English Edition
Dhivehi Edition

‘ބިގް އެޕަލް’ އޭ ބުނުމުން އެއީ އެމެރިކާގެ ނިއުޔޯކް ސިޓީކަން ގިނަ ވިޔަފާރިވެރިންނަށް އެނގޭނެއެވެ. ވިޔަފާރި ދަތުރެއްގައި އަގުބޮޑު ސިޓީއަކަށް ދާންބޭނުންނަމަ ނިއުޔޯކް އަކީ އެއްވަނައެވެ. ޓެކްސީ ދަތުރުން ފެށިގެން ގޮސް ގެސްޓް ހައުސްތަކާއި ހަމައަށް ވެސްމެވެ.

ދާދި ފަހުން ‘އެކްސްޕާރޓް މާރކެޓް’ އިން ވަނީ ދުނިޔޭގެ އެންމެ އަގުބޮޑު 100 ސިޓީ ހޮވާފައެވެ. އެގޮތުން އެސިޓީތަކުގެ ދުވަހު ކުއްޔާއި، ޓެކްސީ އާއި ކާރު، ކުއްޔަށް ލިބޭ އަގާއި، ކެއުން ބިއުމުގެ އަގުތައް ބަލާފައިވެއެވެ. އެގޮތުން ‘ބިގް އެޕަލް’ ވަނީ ލިސްޓްގެ އެއްވަނަ ހޯދާފައެވެ. މިސިޓީއަށް ވިޔަފާރި ދަތުރުތަކުގައި ދާމީހުން އެވްރެޖްކޮށް 550 ޑޮލަރު ކޮންމެ ދުވަހަކަށް ހޭދަކުރަން ޖެހެއެވެ. އަދި އެވްރެޖްކޮށް ކޮންމެ ދުވަހަކު ކޮޓަރި ކުލިއަށް 385 ޑޮލަރު ދައްކަން ޖެހެއެވެ.

ނިއުޔޯކް ސިޓީ އާ އެންމެ ކައިރިން ވާދަކުރި ސަން ފްރެންސިކޯގައި ދުވާލަކު އެވްރެޖްކޮށް 534 ޑޮލަރު ހޭދަކުރަން ޖެހޭއިރު، ކެލިފޯނިޔާގައި 511 ޑޮލަރު ހޭދަކުރަން ޖެހެއެވެ. ވޮޝިންޓަން ގައި 462 ޑޮލަރު ހޭދަވާއިރު ޗިކާގޯގައި ހޭދަވަނީ 444 ޑޮލަރެވެ.

އެމެރިކާގެ ސިޓީތަކަށް ދަތުރުކުރާ ވިޔަފާރިވެރިން މިގޮތަށް ހޭދަކުރަން ޖެހުނު ނަމަވެސް ހުރިހާ ސިޓީއެއްގައި އެގޮތަށް ހޭދަކުރާކަށް ނުޖެހެއެވެ. އެގޮތުން ބަލާއިރު 241 ޑޮލަރު ދުވާލަކަށް ހޭދަކޮށްގެން ވެސް އުޅެވިދާނެ ސިޓީތައް އެބަހުއްޓެވެ.

އިންޓަނޭޝަނަލް މިންގަނޑުން ބަލާއިރު އެމެރިކާގެ ސިޓީތަކަކީ ދުނިޔޭގެ އެންމެ މުއްސަދި ވިޔަފާރިވެރިން ދަތުރުކުރާ ސިޓީތަކެވެ. އަދި އެންމެ އަގުބޮޑު ސިޓީތަކުގެ ލިސްޓްގެ 20 ޖާގަ ހޯދާފައިވެއެވެ. އެމެރިކާގެ ސިޓީތައް ފިޔަވައި ދެން އެންމެ އަގުބޮޑު ސިޓީ އަކީ ޓޯކިޔޯ އެވެ. އެގޮތުން އެތާގައި ދުވާލަކަށް 489 ޑޮލަރު ހޭދަކުރަން ޖެހެއެވެ. ޓޯކިޔޯގެ އިތުރުން ޒޫރިޗް ސިޓީ ގައި 472 ޑޮލަރު ހޭދަވާއިރު ލަންޑަންގައި 469 ޑޮލަރު ހޭދަކުރަން ޖެހެއެވެ.

ވިޔަފާރި ދަތުރުކުރާ މީހުން ދުނިޔޭގެ އެކި ސިޓީތަކަށް ގިނަ އަދަދަކަށް ޑޮލަރު ހޭދަކުރަން ޖެހެއެވެ.