English Edition
Dhivehi Edition

ޕެނަލްޓީ ޖަހައިގެން 5-4 ން ކުވެއިތު ބަލިކޮށް، ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ތަށި މުބާރާތް ބޭއްވި ގައުމު އިންޑިއާއިން ދިފާއުކޮށްފިއެވެ.

އިންޑިޔާގެ ބެންގަލޫރުގެ ކަންޓީރަވާ ސްޓޭޑިއަމުގައި ކުޅުނު ފައިނަލް މެޗުގެ 90 މިނިޓް ހަމަވިއިރުވެސް ނަތީޖާ އަކީ 1-1 އެވެ. އެހެން ކަމުން ނަތީޖާ ނެރުމަށް ދެން ކުޅުނީ އިތުރު ވަގުތުގެ ދެ ހާފެވެ.

އިތުރުވަގުތެ ދެ ހާފުގައިވެސް ނަތީޖާ އަކަށް ބަދަލެއް ނައުމުން ދެން ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ.

ޕެނަލްޓީގައި އިންޑިޔާއިން ޕެނަލްޓީ ކާމިޔާބުކުރީ ކެޕްޓަން ސުނިލް ޗެތުރީއާއި ސަންޑޭޝް ޖިންގަންއާއި ލަލިއާން ޒުއާލާއާއި ސުބާޝިސް ބޯސޭއާއި ނައޮރެމް މަހޭޝް ސިންގެވެ. އިންޑިޔާއަށް ނާކާމިޔާބުވީ އުދަންތާ ސިންގް ޖެހި ޕެނަލްޓީއެވެ. އޭނާ ޖެހި ޕެނަލްޓީ ގޯލާއި އަމާޒުނުވީއެވެ.

ކުވޭތުން ޖެހި ހަ ޕެނަލްޓީގެ ތެރެއިން ކާމިޔާބުވީ ފަވާޒް އަލް އޮތައިބީއާއި އަހުމަދު އަލްދެފިރީއާއި އަބްދުލް އަޒީޒް ނާޖީއާއި ޝަބީބް އަލް ހަލްދީ ޖެހި ޕެނަލްޓީއެވެ. ނާކާމިޔާބުވީ މުހައްމަދު އަބްދުﷲ ދަހަމަ ޖެހި ޕެނަލްޓީއާއި އިންޑިޔާގެ ކީޕަރު ދިފާއުކުރި މެޗުގެ ފަހު ޕެނަލްޓީ ކަމަށްވާ ކެޕްޓަން ހާލިދް އަލް އިބްރާހީމް ޖެހި ޕެނަލްޓީއެވެ.

މިރޭގެ ފައިނަލް މެޗު ކާމިޔާބު ކޮށް އިންޑިއާއިން ތަށި ނެގިއިރު، މިއީ އެ ޓީމުން މި މުބާރާތް ކާމިޔާބުކުރި ނުވަވަނަ ފަހަރެވެ. މިހާތަނަށް އެންމެ ގިނަ ފަހަރު މި މުބާރާތުގެ ތަށި ހޯދާފައިވަނީ އިންޑިއާއިންނެވެ.

އެހެން މުބާރާތް ތަކާއި ޚިލާފަށް މިފަހަރުގެ މުބާރާތް ކުރިއަށް ގެންދިޔައީ މުބާރާތުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން ސަރަހައްދުން ބޭރުން ދެ ގައުމު ބައިވެރިކޮށްގެންނެވެ. އެއީ ކުވައިތާއި ލެބަނާން އެވެ. މި ދެޓީމުގެ ތެރެއިން ކުވެއިތު ފައިނަލް ކުޅުނުއިރު ލެބަނާން ސެމީގައި ކުޅުނެވެ. އެޓީމު ސެމީ ފައިނަލުން ކެޓީ އިންޑިއާ އަތުން ޕެނަލްޓީ ޖަހައިގެން ބަލިވުމުންނެވެ.

މިދިޔަ ޖޫން މަހުގެ 21ން ޖުލައި ހަތަރެއްގެ ނިޔަލަށް މިއަދުގެ އިންޑިއާގައި ކުރިއަށްދިޔަ މި މުބާރާތުގައި އެންމެ ގިނަ ލަނޑު ޖަހައިގެން ރަންބޫޓް ހޯދީ އިންޑިއާގެ ކެޕްޓަން ސުނިލް ޗެތްރީއެވެ. މިއީ އޭނާ މުބާރާތުގެ ރަންބޫޓު ހޯދި ތިންވަނަ ފަހަރެވެ.