English Edition
Dhivehi Edition

އުމުރުން 04 އަހަރުން ފެށިގެން ފިރިހެންކުދިންނަށްވުރެ އަންހެންކުދިންގެ ވިސްނުމާއި، އަހްލާގާއި، މަސައްކަތްތެރިކަން ރަނގަޅުކަމަށް ފަހުގެ ދިރާސާތަކުން ދައްކާފައިވެއެވެ. ޔުނިވާސިޓީ އޮފް ކެންޓްގައި ކުރިއަށް ގެންދިޔަ މި ދިރާސާއަށް ފަހު އުމުރުން 8 އަހަރުގައި ވެސް މި ތަފާތު ހުރިކަން ވަނީ ފާހަގަ ކުރެވިފައެވެ. އެގޮތުން 238 ޕްރައިމަރީ ދަރިވަރުންނާއި ސުވާލުކުރެވިފައިވާއިރު، ބައިވެރިވި ހުރިހާ ފިރިހެންކުދިންނަށްވުރެ އަންހެންކުދިން މަތިން މާކްސް ހޯދައިފައިވާކަމަށް ދައްކައެވެ. ދެޖިންސުގެ ތެރެއިން އެންމެ ވިސްނުންތޫނު ބަޔަކީ ކޮން ބައެއްތޯ ބެލުމަށް ކުރެވޭ ބަހުސްތަކަކީ އަބަދުވެސް ވަރަށް މަޖާ ބަހުސްތަކަށް އޮންނަނީ ވެފައެވެ. އެގޮތުން ފިރިހެން ކުދިންގެ މައްޗަށް އަންހެންކުދިންގެ ކުޅަދާނަކަން ހާމަކޮށްދިނުމަށް ބާއްވާ މުބާރާތްތައްވެސް އޮންނަނީ އުނދަގޫ ކަމަކަށްވެފައެވެ. އެގޮތުން ބޭއްވޭ މިފަދަ ކަންކަމުގައި ގުދުރަތީ ގޮތުން އެމީހުންނަށް ލިބިދީފައިވާ ކަންކަން އެއްކިބާކުރުމަށްފަހު ބެލެވެމުން ދެއެވެ. ހަޤީގަތަކީ ކޮންމެ ބަޔަކަށްވެސް އަނެއްބަޔަކަށް ވުރެ ރަނގަޅަށް ކުރެވޭ ކަންތައްތައް ހުރި އިރު، ފިރިހެން ކުދިންނަށް ވުރެ ރަނގަޅަށް ގިނަ ކަންތައްތައް އަންހެންކުދިން ކުރާކަމެވެ. އެގޮތުން ބަލާއިރު ކެއްކުމަކީ ލިސްޓްގެ އެއްވަނައިގައި އަބަދުވެސް އޮންނަކަމެވެ. ފިރިހެން ކުދިންވެސް ރަހަ މީރުކޮށް ނުކައްކައެކޭ ދެންނެވެން ނެތެވެ. ނަމަވެސް އާއިލާއަކަށް ބަލާއިރު ކެއްކުކުގެ ހުރިހާ މަސްޢޫލިއްޔަތެއް އާއްމުކޮށް ނަގާބަޔަކީ މަންމަމެން ނުވަތަ ދައްތަމެންނެވެ. އަދި ހާއްސަކޮށް އެކި އެކި މުނާސަބަތުތަކުގައި މިކަން ފެނިގެން ދެއެވެ. ދެވަނަ ކަމެއްގެ ގޮތުގައި އަބަދުވެސް ނަގާ ކިޔަނީ ސާފުތާހިތުކަމެވެ. ޒުވާން ފިރިހެންކުއްޖަކާއި އެކަހެރިކޮށް ސުވާލުކޮށްލުމުން އެމީހުން ދިރިއުޅޭ ތަނުގެ ސާފުތާހިރުކަން އަމިއްލައަށް ދަމަހައްޓާ މިންވަރު އެނގިގެން ދެއެވެ. އެހެންގޮތަކަށް ދަންނަވަނީނަމަ އުޅޭތަން ހަޑިކޮށްގެން ނިދާލުމުން ލިބޭ އަރާމް މާބޮޑުކަމަށް އެކުދިން ސިފަކުރެއެވެ. އެހެންނަމަވެސް އަންހެނުންކުދިންގެ ކޮޓަރިތައް ހަޑިވެފައި ހުރުމުން އެކުދިންނަށް ފަސޭހައެއްނޫންކަން އެނގެއެވެ. ސަބަބަކީ ފިރިހެންކުދިންނަށް ވުރެ ގިނައިން ގޭތެރެ ސާފުކުރުމުގައި އަންހެން ކުދިން ހަރަކާތްތެރިވާތީއެވެ. ފިރިހެންކުދިންނަށް ވުރެ އަބަދުވެސް އަންހެން ކުދިން ކުރި ހޯދާ ކަމަކީ މިއީއެވެ. ހިތްހަމަ ނުޖެހޭ ކުޑަކަމެއް ދިމާވާއިރު އަންހެންކުދިންނަށް އަޑުން އަޑު ނަގާ ރޯލަން ކެރޭއިރު އެއިހްސާސް ފޮރުވުމަށް އަބަދުވެސް ފިރިހެން ކުދިން މަސައްކަތް ކުރެއެވެ. ފިރިހެންކުދިންނަށް އެގޮތަށް ރޯލަން ނުކެރެއެވެ. ހިތުތެރޭގައި ފޮރުވައިގެން ހުރެވޭތޯ ބަލައެވެ. އަންހެންކުދިން މިދެންނެވި ގޮތަށް އަޑުހަރުކޮށް ރޯންފެށުމުން ގިނަ ފަހަރަށް އެހެންމީހުންގެ ހަމްދަރުދީ އެމީހުންނަށް ލިބޭކަމަށް ވެއެވެ. އެހެންކަމުން އެއިގެ ފައިދާ އެމީހުން ނަގައެވެ. އަންހެން ކުދިން ޤަބޫލް ކުރާ ގޮތުގައި އެމީހުން ފިރިހެން ކުދިންނަށްވުރެ ގިނަ ކަންކަމުގައި ކުޅަދާނެއެވެ. ސަބަބަކީ އެމީހުން ކަންކަމުގައި އިސްނަގައި، ކުރިއެރުމަށް މަސައްކަތްކުރާތީ އެވެ. އެހެންނަމަވެސް ފިރިހެންކުދިން ދެކޭގޮތުގައި އެމީހުން އަންހެންކުދިންނާއި ވާދަކުރާކަށް ބޭނުމެއް ނޫނެވެ. ސަބަބަކީ އެމީހުންނަކީ ޤުދުރަތީ ގޮތުންވެސް ތޫނު ފިލި ވިސްނުމެއް ލިބިފައިވާ ބައެއްކަމަށް ޤަބޫލުކުރެވޭތީއެވެ. ހަޤީގަތަކީ މި މަޢުޞޫއަކީ މިގޮތަށް ވަރަށް ދިގުކޮށް ބަހުސް ކުރެވިދާނެ މައުޟޫއެކެވެ. ދެޖިންސުގައި ތަފާތުތަކެއް ހުރިކަމުގައި ވިޔަސް އެއްވެސް ބަޔަކީ އަނެއްބަޔަކަށްވުރެ މޮޅު ބަޔެކޭ ދެންނެވޭކަށް ނެތެވެ.