މިހާރު އިންޑިއާގައި ފެށިގެން ކުރިޔަށްދާ ސަރަހައްދީ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމުގައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ގުރޫޕް މަރުހަލާގެ ކުޅުން ނިމި މުބާރާތުގެ ސެމީ ފައިނަލަށް ދިޔަ ޓީމުތަށް ކަށަވަރުވެފައިވާއިރު، މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރި ޓީމުތަކަކީ މުބާރާތް ބާއްވާ އިންޑިއާ، މުބާރާތުގައި އަލަށް ވާދަކުރާ ދެޓީމު ކަމުގައިވާ ކުވައިތު އަދި ލުބުނާނުގެ އިތުރުން ބަންގްލަދޭޝްއެވެ.
މުބާރާތުގެ ސެމީ ފައިނަލުގެ މެޗުތައް މިއަދު ފެށޭނެއިރު، ސެމީގެ ފުރަތަމަ މެޗުގައި ބައްދަލުކުރާ ދެޓީމަކީ ކުވައިތު އާއި ބަންގްލަދޭޝްއެވެ.
ކުވައިތު އަދި ބަންގްލަދޭޝް އިން މުބާރާތުގެ ސެމީ ފައިނަލް ކުޅޭއިރު، މިއީ މި ދެޓީމުގެ ތިންވަނަ ކުރިމަތިލުމެވެ. ނަމަވެސް ސާފް މުބާރާތުގެ ފުރަތަމަ ކުރިމަތިލުމެވެ.
ބަންގްލަދޭޝް
މިވަގުތު ފީފާ ރޭންކިންގެ 192 ވަނާގައި އޮތް ބަންގްލަދޭޝް އަކީ ވެސް ސާފް ސަރަހައްދުގެ ފުޓްބޯޅައިގައި މާ ފުންނާބު އުސް ގައުމެއް ނޫނެވެ. ނަމަވެސް ބްންގްލަދޭޝް އަކީ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ކޮންމެވެސް ވަރެއްގެ ތާރީޚެއް އޮތް ގައުމެކެވެ. މިހާތަނަށް ސާފް ޗެމްޕިއަންޝިޕްގެ 12 މުބާރާތެއްގައި ބަންގްލަދޭޝް ވާދަކޮށްފައިވާއިރު، އެގައުމުން ނެރެފައިވާ ނަތީޖާތައް ވެސް މާ ގޯހެކޭ ބުނެވޭކަށް ނެތެވެ.
1993 ވަނަ އަހަރު ފެށިގެން މިހާތަނަށް ކުޅެވުނު ބާރަ މުބާރާތުގެ ތެރެއިން އެގާރަ މުބާރާތުގައި ބަނގްލަދޭޝް ވާދަކޮށްފައިވާއިރު، އެގައުމުން ވަނީ މި މުބާރާތުގެ ތަށި އެއްފަހަރު ހޯދާފައެވެ. ބަނގްލަދޭޝްގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ރެކޯޑުތަކަށް ބަލާލާއިރު، އެގައުމުން އެންމެ ފުރަތަމަ މި މުބާރާތުގައި ވާދަކުރީ 1995 ވަނަ އަހަރު ސްރީލަންކާގައި ބޭއްވުނު މުބާރާތުގައެވެ. އެ މުބާރާތުގެ ސެމީއަށް ބަންގްލަދޭޝް ދަތުރު ކުރިއެވެ. އޭގެ ފަހުން 1999 ވަނަ އަހަރު އިންޑިއާގައި ބޭއްވުނު ސާފް ޗެމްޕިއަންޝިޕް މުބާރާތުގެ ފައިނަލަށް ދަތުރުކުރިއެވެ. ފައިނަލުގައި އެގައުމު ބަލިވީ އިންޑިއާއާއި ވާދަކޮށެވެ. އޭގެ ފަހުން ޖެހިގެން އައި މުބާރާތް ބޭއްވުނީ ބަންގްލަދޭޝްގައެވެ. 2003 ވަނަ އަހަރު އަމިއްލަ ގައުމުގައި ބޭއްވުނު މި މުބާރާތުގެ ޗެމްޕިއަކަން ބަނގްލަދޭޝް އިން ވަނީ ހޯދާފައެވެ. މި މުބާރާތުގެ ތަށި އެޓީމުން ނެގީ ފައިނަލުގައި ރާށްޖެ ބަލިކޮށެވެ. މިއީ މި މުބާރާތުގައި ބަންގްލަދޭޝްއަށް މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއެވެ.
މިފަހަރު މުބާރާތުގެ ސެމީ ފައިނަލަށް ބަންގްލަދޭސް ދަތުރުކުރި ގޮތް
މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް މުބާރާތުގައި ބަންގްލަދެޝް ހިމެނުނީ ރާއްޖެއާއި ބޫޓާން އަދި ލުބުނާނާއި އެކު ގުރޫޕް ބީ ގައެވެ. މުބާރާތުގެ ސެމީ ފައިނަލުން ބަންގްލަދޭޝް ޖާގަ ހޯދީ ގުރޫޕް މަރުހަލާގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ، އެއްމެޗުން ބަލިވެ ހަ ޕޮއިންޓާއި އެކު އެޓީމު ހިމެނުނު ގުރޫޕް ބީ ގެ ދެވަނަ ޓީމުގެ ގޮތުގައެވެ. ގުރޫޕް ގައި ބަންގްލަދޭޝް ފުރަތަމަ ބައްދަލުކުރީ ލުބުނާން އާއެވެ. މި މެޗުން 0-2 ގެ ނަތީޖާއިން ބަންގްލަދޭޝް ބަލިވިއެވެ. އަދި ގުރޫޕްގެ ދެވަނަ މެޗުގައި ރާއްޖެ އަތުން 1-3 އިން މޮޅުވިއެވެ. އަދި ގުރޫޕްގެ ފަހު މެޗުގައި ބޫޓާނާއި ދެކޮޅަށް ކުޅެ 1-3 ގެ ނަތީޖާއިން މެޗު ކާމިޔާބު ކޮށް ސެމީގެ ޖާގަ ޔަގީންކުރިއެވެ. ސެމީގައި ބަންގްލަދޭޝް ނުކުންނާނީ އެޓީމަށްވުރެ އެތަކެއް ގުނައެއް ފެންވަރު ރަނގަޅު ކުވައިތާއި ދެކޮޅަށެވެ.
މިފަހަރުގެ މުބާރާތުގައި ބަންގްލަދޭޝް ނެރެފައިވާ ނަތީޖާތައް
ލުބުނާން – ބަންގްލަދޭޝް (0-2)
ރާއްޖެ – ބަންގްލަދޭޝް (1-3)
ބޫޓާން – ބަންގްލަދޭޝް (1-3)
ޖެހި ގޯލުގެ އަދަދު – 06 ގޯލު
ބައިކޮޅަށް ވަތް ގޯލުގެ އަދަދި – 04
ފައިދާ ގޯލުގެ އަދަދު – 02
ލިބިފައިވާ ޖުމުލަ ޕޮއިންޓްގެ އަދަދު -06
ގުރޫޕުގެ މަޤާމު – 02 ވަނަ
ކުވައިތު
ހުޅަނގު އޭޝިއާއަށް ނިސްބަތްވާ ކުވެއިތަކީ އޭޝިއާ ސަރަހައްދުގެ ފުޓުބޯޅައިގައި ވަރުގަދަ ގައުމެއްގެ ގޮތުގައި ބެލެވިފައިވާ ގައުމެކެވެ. ބާބޮޑެތި ކާމިޔާބީތަކެއް ހޯދިފައި ނުވިނަމަވެސް އޭޝިއާގެ ފުޓްބޯޅައިގައި ކޮންމެވެސް ވަރެއްގެ ކުރިއެރުންތަކަކާއި ކާމިޔާބީތަކެއް ހޯދާފައިވެއެވެ. އެގޮތުން ކުވެއިތު ފުޓްބޯޅައިގެ ތާރީޚުގައި ހޯދުނު އެންމެ ބޮޑު އެއް ކާމިޔާބީއަކީ 1982 ވަނަ އަހަރު ސްޕެނުގައި ބޭއްވުނު ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ލިބުމެވެ. ނަމަވެސް ކުވެއިތުން އެޓީމުގެ ހަމައެކަނި ވޯލްޑް ކަޕް ނިންމާލަން ޖެހުނީ ޕޮއިންޓަކާއެކު ގްރޫޕުގެ ފުލުގައި އޮވެގެންނެވެ. މީގެ އިތުރުން ދެ ފަހަރު އޭޝިއަން ކަޕްގެ ފައިނަލުގައި ވާދަކުރިއެވެ. އޭގެ ތެރެއިން އެއް ފަހަރު ކުވެއިތުން އޭޝިއަން ކަޕް ކާމިޔާބުކޮށްފައިވެއެވެ. އެއީ 1980 ގައި އަމިއްލަ ގައުމުގައި ބޭއްވުނު މުބާރާތުގައެވެ. ކުވައިތަކީ އެއްއިރެއްގައި އޭޝިއާ ފުޓްބޯޅައިގެ ވަރުގަދަ ބާރެއްގެ ގޮތުގައި ބެލެވިފައިވާ ގައުމެކެވެ. އެއީ 2000 ކުރީކޮޅުގައެވެ. ސަރަހައްދީ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމުގައިވާ އޭޝިއަން ކަޕަށް ކުވައިތު ވަނީ ދިހަ ފަހަރަކު ކޮލިފައިވެފައިވެފައެވެ. އެގޮތުން އޭޝިއަން ކަޕް 1984 ގެ ތިންވަނަ ހޯދި އިރު، އޭޝިއަން ކަޕް 1996 ގެ ހަތަރުވަނަ އެ ގައުމުން ހޯދިއެވެ. އަދި އޭޝިއަން ކަޕް 2000 ގެ ކުއާޓާ ފައިނަލަށް ދަތުރުކުރިއެވެ. ނަމަވެސް އޭގެ ފަހުން އޭޝިއާ ފުޓްބޯޅައިގަ ވެސް މާ ރަނގަޅު ކާމިޔާބީތަކެއް ކުވައިތަކަށް ހޯދިފައެއް ނުވެއެވެ.
މިފަހަރު މުބާރާތުގެ ސެމީ ފައިނަލަށް ކުވައިތު ދަތުރުކުރި ގޮތް
އިންޑިއާގައި މިހާރު ކުރިޔަށްދާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަކީ ކުވައިތުން ވާދަކުރާ ފުރަތަމަ ފަހަރެވެ. މިފަހަރުގެ މުބާރާތުން ކުވައިތަށް ފުރުސަތު ލިބިފައިވަނީ ސަރަހައްދުން ބޭރުން އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަނުން ދައުވަތު ދިން ދެ ޓީމުގެ ތެރޭގައި ކުވައިތު ހިމެނުމުންނެވެ. ދައުވަތު ލިބުނު އަނެއް ޓީމަކީ ލުބުނާންއެވެ.
މިފަހަރުގެ މުބާރާތުގައި ކުވައިތު ހިމެނުނީ މުބާރާތް ބާއްވާ ގައުމުކަމަށްވާ އިންޑިއާ އާއި ނޭޕާލް އަދި ޕާކިސްތާން ހިމެނުނު ގުރޫޕް އޭ ގައެވެ. ކުވައިތުން މުބާރާތުގެ ސެމީ އިން ޖާގަ ހޯދީ ގުރޫޕް ގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެއެވެ. ގުރޫޕްގައި އެޓީމުން ކުޅުނު ފުރަތަމަ މެޗަކީ ނޭޕާލާއި ދެކޮޅަށް ކުނު މެޗެވެ. މި މެޗުން ކުވައިތުން ކާމިޔާބު ކުރީ 1-3 ގެ ނަތީޖާއަކުންނެވެ. އަދި ދެވަނަ މެޗުގައި 0-4 ގެ ނަތީޖާއިން ޕާކިސްތާން އަތުން މޮޅުވިއިރު، ގުރޫޕްގެ ފަހު މެޗުގައި އިންޑިއާއަތުން 1-1 ގެ ނަތީޖާއިން ވަނީ އެއްވަރުވެފައެވެ. ސެމީގެ ޖާގަ އެޓީމުން ޔަގީން ކުރީ ހަތް ޕޮއިންޓާއި ފައިދާ ހަ ގޯލާއި އެކު އެޓީމު ހިމެނުނު ގުރޫޕް އޭ ގެ އެއްވަނަ ޓީމުގެ ގޮތުގައެވެ.
ގުރޫޕް ސްޓޭޖުގައި ކުވައިތުން ނެރުނު ނަތީޖާތައް
ނޭޕާލް – ކުވައިތު (1-3)
ޕާކިސްތާން – ކުވައިތު (0-4)
އިންޑިއާ – ކުވައިތު (1-1)
ޖެހި ގޯލުގެ އަދަދު – 08
ބައިކޮޅަށް ވަތް ގޯލުގެ އަދަދު – 02
ފައިދާ ގޯލުގެ އަދަދު – 06
ލިބިފައިވާ ޖުމުލަ ޕޮއިންޓްގެ އަދަދު -07
ގުރޫޕުގެ މަޤާމު – 01 ވަނަ
ބަންގްލަދޭޝް އާއި ކުވައިތުގެ ތާރީޚީ ކުރިމަތިލުންތައް
ބަންގްލަދޭޝް އަދި ކުވައިތު ފަހުގެ ތާރީޚެއްގައި ވާދަވެރިމެއްގައި ވެސް އަދި އެކުވެރިކަމުގެ މެޗެއްގައި ވެސް ބައްދަލުކޮށްފައެއް ނުވެއެވެ. ނަމަވެސް މީގެ ކުރިން މެލޭޝިއާގެ ކޯލަލަމްޕޫރުގައި 1973 ވަނަ އަހަރު ބޭއްވުނު މެރެޑިކާ ނަކަމަށް ކިޔާ މުބާރާތެއްގެ ގުރޫޕް މަރުހަލާގެ މެޗެއްގައާއި 1986 ވަނަ އަހަރު ބޭއްވުނު އޭޝިއަން ގޭމްސްގެ ގުރޫޕް މަރުހަލާގެ މެޗެއްގައި މި ދެޓީމުން ބައްދަލުކޮށްފައިވެއެވެ. މި ދެމެޗުން ވެސް ބަންގްލަދެޝްގެ މައްޗަށް ކުރި ހޯދާފައިވަނީ ކުވައިތުންނެވެ.
ބަންގްލަދޭޝް އަދި ކުވައިތު ބައްދަލުކުރާ ސެމީ ފައިނަލް މެޗު ކުޅޭނީ މިއަދު މެންދުރުފަހު 3:00 ގައެވެ.