English Edition
Dhivehi Edition

ނިމިގެން ދިޔަ ސީޒަނުގައި މެންޗެސްޓަރ ސިޓީއަށް މޮޅު ކުޅުމެއް ދެއްކި އިކާއި ގުންޑޮގާން ސްޕެއިންގެ ބާސެލޯނާއަށް ސޮއިކޮށްފިއެވެ.

އުމުރުން 32 އަހަރުގެ މިޑްފީލްޑަރ ބާސާއަށް ސޮއިކުރީ 2025 ވަނަ އަހަރުގެ ޖުލައިމަހުގެ ނިޔަލަށް އެއް ސީޒަނަށެވެ. ނަމަވެސް އަންނަ ސީޒަނަށް ފަހުވެސް ގުންޑޮގާންގެ އެއްބަސްވުން އިތުރު ކުރުމުގެ ފުރުސަތު ބާސާއަށް އެބައޮތެވެ.

ބާސާއަށް ބަދަލުވުމަށް ފަހު ގުންޑޮގާން ބުނީ ވޭތުވެ ދިޔަ ހަތް އަހަރު ދުވަހު މެންޗެސްޓާ ސިޓީގެ ކުޅުންތެރިއެއްގެ ގޮތުގައި ހުރުމަކީ ލިބުނު އުފަލެއް ކަމަށާއި ސިޓީގެ ކުޅުންތެރިންނާއި ސަޕޯޓަރުންނަކީ އޭނާގެ އާއިލާގެ ބައެއްގެ ގޮތުގައި ދެކޭކަމަށެވެ.

އަދި ސިޓީގައި ހޭދަކުރި ދުވަސްތަތަކީ ހަނދާނުން ފިލުވާ ނުލެވޭނޭ އުފާވެރި ދުވަސްތަކެއް ކަމަށާއި ޚާއްސަކޮށް ކެޕްޓަނެއްގެ ގޮތުގައި ބަލައިގަތުމަކީ ލިބުނު ފަޚުރަކާއި އުފަލެއް ކަމަށެވެ.

2016 ވަނަ އަހަރު ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑުން ސިޓީއާއި ގުޅުނު ގުންޑޮގާން ވަނީ ސިިޓީއަށް ކުޅެދިން 304 މެޗުގައި މެޗުގައި 60 ލަނޑު ކާމިޔާބުކޮށްފައެވެ.

ގުންޑޮގާން ވަނީ ނިމިގެން ދިޔަ ސީޒަނުގައި ސިޓީން ހޯދި ކާމިޔާބީތަކުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.

ސިޓީގެ ކެޕްޓަން ބޭންޑުވެސް އަޅައިގެން މޮޅު ކުޅުމެއް ދެއްކި ގުންޑޮގާން ވަނީ ސިޓީއާއި އެކު ނިމިގެން ދިޔަ ސީޒަނުގެ ޕްރިމިއާ ލީގާއި ޔޫއެފާ ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލާފައެވެ.