English Edition
Dhivehi Edition

އުމުރުން ދުވަސް ވެފައިވާ، ކެރިއަރު ނިމުމާއި ގާތަށް ގޮސްފައިވާ ކުޅުންތެރިން ބޮޑު އަގު ދީފައި ސައުދީ ލީގަށް ގެންދިއުމަކީ އެގައުމުން ހަދާ ބޮޑު ގޯހެއް ކަމަށް ދަ ޔޫނިއަން އޮފް ޔޫރަޕިއަން ފުޓުބޯޅަ އެސޯސިއޭޝަން (ޔޫއެފާ)ގެ ރައީސް އަލެކްސަންޑަރ ސެފެރިން ބުނެފިއެވެ.

ސެފެރިން ބުނީ ބޮޑު ހޭދައެއް ކޮށްގެން ކެރިއަރު ނިމުމާއި ގާތްވެފައިވާ ކުޅުންތެރިން ސައުދީ ލީގަށް ގެންދިއުމަކީ އެގައުމުން ހަދާ ބޮޑު ގޯހެއް ކަމަށާއި އެކަމުގެ ހިތި ފަހުން ފެންނާނޭކަމަށެވެ.

މީގެ ކުރިން އެފަދައިން ޗައިނާއިން ވެސް ކަންތައް ކުރި ކަމަށާއި އެކަމުގެ ސަބަބުން ޗައިނާއަށް ލިބުނު ފައިދާއަށް ވުރެ ލިބުނު ގެއްލުން ބޮޑު ކަމަށް ސެފެރިން ބުންޏެވެ. އަދި އެ ގައުމުގެ ފުޓްބޯޅައަށް އެކަމުން ލިބުނު އެއްވެސް ކުރިއެރުމެއް ނެތް ކަމަށް އޭނާ ބުންޏެވެ.

ސެފެރިން ބުނީ ސައުދީން ވެސް އެ ދަތުރު ކުރަނީ އެފަދަ ފޫނުބެއްދޭނެ ގެއްލުމަކާއި ދިމާއަށް ކަމަށާއި އެކަމުން ވާނޭ އެއްވެސް ފައިދާއެއް ނޯންނާނޭކަމަށެވެ.

އަދި އުމުރުން ދުވަސްވީ ކެރިއަރު ނިމެން ކައިރިވެފައިވާ ކުޅުންތެރިންގެ ބޭނުން ހިފޭނީ ކުޑަ މުއްދަތަކަށް ކަމަށާއި އެހިސާބުން އެ ކުރެވުނީ ބޭކާރު ކަމެއްކަން ވިސްނި އެކަމާ ހިތާމަކުރާނޭކަމަށް ވެސް ސެފެރިން ބުނެފައިވެއެވެ.

އެހެން ކަމުން އެފަދަ ބޭކާރު ޚަރަދުތައް އުމުރުން ދުވަސްވީ ކުޅުންތެރިންނަށް ކުރުމުގެ ބަދަލުގައި ޒުވާން ހުނަރުވެރި ކުޅުންތެރިން ބޮޑު އަގު ދީފައި ގެންދިއުން ވެސް މާ ބުއްދިވެރިކަމަށް ސެފެރިން ވަނީ ބުނެފައެވެ.